ޗައިނާއާ ލިތުއޭނިއާއާ ދެމެދު ޓައިވާންއާ ހެދި މަސްލަހަތު ގެއްލިއްޖެ އެވެ.
ޓައިވާންގައި ޓްރޭޑް ރެޕްރެޒެންޓެޓިވް އޮފީހެއް ހުޅުވަން އުއްމީދުކުރާ ކަމަށް ލިތުއޭނިއާ އިން ބުނުމާ ގުޅިގެން އަރައިގަތް ރުޅީގައި ޗައިނާއިން ވަނީ ލިތުއޭނިއާގައި ހުންނަވާ ޗައިނާ އެމްބެސެޑަރު ބެއިޖިންއަށް ވަޑައިގަތުމަށް އަންގާފަ އެވެ. އަދި ބެއިޖިންގައި ހުންނަވާ ލިތުއޭނިއާ އެމްބެސެޑަރު އަނބުރާ ގެންދަން ވިލްނީއަސް އަށް ވަނީ އަންގާފަ އެވެ. ވިލްނީއަސް އަކީ ލިތުއޭނިއާގެ ވެރިރަށެވެ.
ޗައިނާއާއި ލިތުއޭނިއާއާ ދެމެދު އުދާސްވާން މެދުވެރިވީ ލިތުއޭނިއާގެ އިކޮނޮމިކް މިނިސްޓަރު، ޓައިވާނަކީ މިނިވަން މުސްތަގިއްލު ގައުމެއް ކަަމަށް ބައްލަވައި މުއާމަލާތް ކުރެއްވުމާ ގުޅިގެންނެވެ. ޓައިވާންގައި އިންވެސްޓްކޮށް އަދި ޓްރޭޑް ރެޕްރެޒެންޓެޓިވް އޮފީހެއް ހުޅުވަން ވިލްނީއަސް އިން އުއްމީދުކުރާ ކަމަށް ވަޒީރު ވިދާޅުވުން އޮތީ އަދި ވަކިން ބޮޑު މައްސަލައަކަށް ވެފަ އެވެ.
ޗައިނާގެ ފޮރިން މިނިސްޓްރީން މިކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން ލިތުއޭނިއާގެ ބަސްމަގު އިސްލާހުކުރަން ޖެހެ އެވެ. އަދި ނުބައި މަގަކުން ނުހިނގައި ނުބައި ގޮތަކަށް ކަމެއް އިޚްތިޔާރު ނުކުރަން ގޮވާލާފައިވެ އެވެ.
ލިތުއޭނިއާއިން ވަކި ގޮތެއް ނިންމާފައި އޮތް ނަމަ އެކަމެއް އަނބުރާ ގެންދިއުމަށާއި ޗައިނާ ބަދުނާމު ނުކުރަން ގޮވާލާފައިވެ އެވެ.
ޓައިވާންގެ ފޮރިން މިނިސްޓަރު ޖޯސެފް ވޫ ވެސް ވަނީ ލިތުއޭނިގާއި ރެޕްރެޒެންޓެޓިވް އޮފީހެއް ހުޅުވާނެ ކަމަށް ޖުލައި މަހު ވިދާޅުވެފަ އެވެ. ޓައިވާންގެ މަގުސަދަކަށް ވެފައި އޮތީ ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން ޓައިވާނަށް ވާގިވެރިވާ ގައުމުތަކާއެކު ގުޅުން ބަދަހިކުރުމެވެ.
ޓައިވާންގެ ހިންގުން 1949 އަހަރުން ފެށިގެން އޮންނަނީ ޗައިނާގެ މައި ސަރުކާރުން މިނިވަންވެފަ އެވެ. އެހެނެއް ކަމަކު ބެއިޖިން ގަބޫލުކުރާ ގޮތުން ޓައިވާން އަކީ ޗައިނާގެ ޕްރޮވިންސެކެވެ. މިއީ ޓައިވާނުން ގަބޫލުކުރާ ވިސްނުމެއް ނޫނެވެ. ޓައިވާނުން ދެކޭ ގޮތުން އެއީ ވިޔަފާރި އާއި އިގުތިސޯދު އަދި ގައުމީ ސިޔާސަތު ކަނޑައެޅުމުގައި މިނިވަން ދައުލަތެެކެވެ.