ރިޕޯޓް

ސަރުކާރު ކުންފުނިތަކުގެ މިސްރާބަކީ ކޮބާ؟

ރާއްޖެއަކީ އާބާދީގެ ގޮތުން ބައި މިލިއަނެއްހާ މީހުން އުޅޭ ގައުމެއް ނަމަވެސް ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އަދަދު 30 އަށް ވުރެ އިތުރެވެ. މީގެތެރެއިން ގިނަ ކުންފުނިތަކަކީ އަމިއްލަ ޒާތުގައި ހިންގުމުގެ ގާބިލްކަން ނެތް "ކަރުދާސް" ކުންފުނިތަކެވެ. އަދި ހިންގުމުގައި ގިނަ މައްސަލަތައް ހުރި ކުންފުނިތަކެވެ. ނަތީޖާއަކަށް ވަނީ ސަރުކާރުގެ ގިނަ ކުންފުނިތަކަށް ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކު އެތައް މިލިއަން ރުފިޔާއެއް ހަރަދު ކުރަން ޖެހުމެވެ. ދުނިޔޭގެ އެހެން ގައުމުތަކަށް ބަލާއިރު ބޮޑެތި ސިނާއަތްތަކަށް ސަރުކާރު ކުންފުނިތައް ނުކުމެ ކާމިޔާބު ވިޔަފާރި ކުރި ނަމަވެސް ރާއްޖެއަކީ އޭގެ އަނެއް ކޮޅެވެ.

އަމިއްލަ ކުންފުނިތައް މި ސިނާއަތްތަކުގައި ކާމިޔާބުވި ނަމަވެސް ސަރުކާރު ކުންފުނިތައް މިފަދަ ސިނާއަތްތަކުގައި ހިދުމަތްކޮށް އަމިއްލަ ފައިމައްޗަށް ތެދުވުން މިހާތަނަށް ވެފައިވަނީ ނުވި ކަމަށެވެ. އަދި އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން އެންމެ ފަހުން އާއްމުކުރި ދިރާސާ ރިޕޯޓް ދައްކާ ގޮތުގައި ރާއްޖޭގައި ސަރުކާރު ކުންފުނިތައް މިހާރުވެފައިވަނީ ދައުލަތާއި އިގްތިސާދަށް ބޮޑު ބުރައެއް ގެނެސްދޭ ބަޔަކަށެވެ.- ސަރުކާރު ކުންފުނިތަކުގެ މިސްރާބު މިހުރީ ކިހިނެއް ހެއްޔެވެ؟ މި ކުންފުނިތަކުގެ މިސްރާބު ރަނގަޅު ހެއްޔެވެ؟ ރަނގަޅު ކުރާނީ ކިހިނެއް ހެއްޔެވެ؟

"ސަރުކާރު ކުންފުނިތަކަށް ކުރިމަތިވެފައިވާ މައިގަނޑު މައްސަލައަކީ މިސް މެނޭޖުމަންޓާއި ވޭސްޓް ބޮޑުވުން. އަނެއްހެން ބުނާނަމަ ކޮރަޕްޝަން. މިއީ މިއަދު ހުރި މައްސަލައެއް ނޫން. މިކަން ފެށުނީއްސުރެން ފެށިގެން ވެސް އޮތް. ތަފާތަކީ މިހާރު މި މައްސަލަ އޮތް ހިސާބު،" އިގްތިސޯދީ މާހިރަކު ނޫހުގައި ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވި އެވެ.

ކުންފުނިތަކުގެ ދަރަނި މަތިވެ ދައުލަތަށް ބުރައެއް

ސަރުކާރު ހިއްސާވާ 32 ކުންފުންޏެއް ރާއްޖޭގައި އެބައޮތެވެ. މީގެތެރެއިން އަމިއްލަ ފައިމައްޗަށް ތެދުވެ އޭގެ އަމިއްލަ ޒާތުގައި ހިންގަނީ ފަސް ވަރަކަށް ކުންފުންޏެވެ. އަނެއް ކުންފުނިތަކަކީ އާއްމުންނަށް ހިދުމަތް ދޭން ހުރި ކުންފުނިތައް ނަމަވެސް އެއީ އަމިއްލައަށް ހިންގުމުގެ ގާބިލްކަން ނެތް ކުންފުނިތަކެކެވެ. އެހެންވެ ކޮންމެ އަހަރަކު ވެސް ބަޖެޓުން އެތައް މިލިއަން ރުފިޔާއެއް މި ކުންފުނިތަކަށް ދޭން މަޖުބޫރުވެ އެވެ. މި ފައިސާ ނުދީފިނަމަ ހިދުމަތް ހުއްޓި ރައްޔިތުންގެ ޝަކުވާ ބޮޑުވެ އެވެ.

އައިއެމްއެފުން އެންމެ ފަހުން ނެރުނު ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރުގެ ނިޔަލަށް މި ކުންފުނިތަކުގެ މުދަލާއި ފައިސާގެ އަގު ހުރީ 113 ބިލިއަން ރުފިޔާގަ އެވެ. އަދި ދަރަނި ހުރީ 67 ބިލިއަން ރުފިޔާގަ އެވެ. މި ދަރަނީގެ ނިސްބަތް ޖީޑީޕީގެ ނިސްބަތުން 84 ޕަސެންޓަށް އަރަ އެވެ. މި ކުންފުނިތަކުން ނަގާ ދަރަނީގެ ތެރެއިން 21 ޕަސެންޓު ދަރަންޏަކީ ދައުލަތުން ގެރެންޓީ ދީފައިވާ ދަރަންޏެވެ. އަދި 12 ޕަސެންޓަކީ ސަރުކާރުން ދީފައިވާ ލޯނު ނުވަތަ މަރުކަޒީ ބޭންކުން ނަގާފައިވާ ކޮންމެ ވެސް ލޯނެކެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ނުވަ ކުންފުންޏެއް އައިއެމްއެފުން ވަނީ "ލިކުއިޑިޓީ ރިސްކް"ގެ އެސެސްމަންޓެއް ވެސް ހަދާފަ އެވެ. މި ރިޕޯޓް ދައްކާ ގޮތުން ގިނަ ކުންފުނިތަކުގެ ލިކުޑިޓީ ރިސްކް ބޮޑެވެ. މާނައަކީ ދަރަނީގެ މައްސަލައާ ހެދި މި ކުންފުނިތަކަށް ވަނީ މައްސަލަތަކާ ކުރިމަތިވެފަ އެވެ. އެހެންވެ މިކަން ހައްލުކުރަން ސަރުކާރުން ދަނީ "އިންޓަވިން" ކުރަމުންނެވެ. ބަޖެޓުން ފައިސާ އަޅަމުންނެވެ.

ސަރުކާރު ކުންފުނިތަކަށް ބޮޑެތި މައްސަލަ ތަކެއް ކުރިމަތިވުމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި އިގްތިސޯދީ މާހިރުން ގަބޫލު ކުރަނީ ކުންފުނިތައް ވިޔަފާރީގެ މޮޑެލްގައި ހިންގުމުގެ ބަދަލުގައި "ސިޔާސީ ހަތިޔާރަކަށް" ބޭނުން ކުރުމެވެ.

ކުންފުނިތަކަކީ ސިޔާސީ ހަތިޔާރެއް

ހާއްސަކޮށް ކޮންމެ ފަހަރަކު ވެރިކަން ބަދަލުވުމާއި ކެމްޕޭން ތަކަށް ސަރުކާރުގެ ކުންފުނިތައް މެދުވެރިކޮށް ކުރާ އިންތި އާއީ ވޭސްޓު ބޮޑުވުމެވެ. ކުންފުނީގެ މާލީ ހާލަތަށް ބެލުމެއް ނެތި ބޭކާރު މުވައްޒަފުން ނެގުން ފަދަ ނާޖާއިޒު މަންފާތަކާއި އިސްރާފު ބޮޑުވުމެވެ. އަގު ބޮޑުކޮށް ޕްރޮޖެކްޓްތައް އަނބުރާލުން ފަދަ ކޮރަޕްޝަންގެ ބޮޑެތި އަމަލުތަކެވެ.

"ބައެއް ކުންފުނިތަކުގައި އެބަހުރި އޮފީހުގެ ގޮނޑިއަކަށް ދެ މީހުން ނަގާފައި. އެޗްއާރުގައި އެބަތިބި ދެ އެޗްއާރު އެސިސްޓެންޓުން. އެޑްމިންގައި އެއް މަގާމުގައި ތިން މީހުން. މިހެން ހެދީމަ ކުންފުނިތަކުގެ ހިންގުމަށް ބުރޫއަރާ. ކުންފުންޏަށް ލިބޭ އެއްޗަކަށް ވުރެ ހަރަދު ބޮޑުވޭ. ނަތީޖާއަކީ ދަރަނި މަތިވެ ސަރުކާރަށް ފައިސާ ދޭން މަޖުބޫރުވުން،" އެންމެ ގިނައިން އާމްދަނީ ލިބޭ ސަރުކާރުގެ ކުންފުންޏެއްގެ އިސް މަގާމެއް ފުރުއްވަމުން ގެންދަވާ ވެރިއަކު ވިދާޅުވި އެވެ.- އޭނަ ނުބުންޏަސް މިވާހަކަ އަކީ އެންމެން ދަންނަ ވާހަކަ އެކެވެ.

އަނެއް މައްސަލަ އަކީ ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑުތަކުގެ ނާގާބިލުކަމެވެ. އެމްއެމްއޭ އާއި ސީއެމްޑީއޭ އިން ބުނާ "ފިޓް" މީހުން ނަގަން އަންގާފައި އޮތް ނަމަވެސް މިހާރު އޮތް ގޮތުން ކުންފުނީގެ އެންމެ އިސް މަގާމުތަކަށް ގާބިލްކަން ނެތް ނަމަވެސް ޕާޓީން ބޭނުންވާ މީހަކު އައުމުގެ ފުރުސަތު އެބައޮތެވެ. ވެރިކަން ބަދަލުވެ ޕާޓީތަކަށް "ކޭކުފޮތި ބަހާއިރު" ބޭނުންވާ މީހަކު ބޯޑަށް ލާންވީ އެވެ. މިހެންވުމުން ބޯޑުތަކަށް އަންނަ ގިނަ މީހުންގެ ވިސްނުން ހުންނަނީ ހަމައެކަނި ކުންފުންޏަށް ލިބޭ ޕްރޮޖެކްޓުން "ޖީބަށް ވަންނަ ބަޔަކީ" ކޮބައިތޯ ބެލުމަށެވެ.

ތެޔޮވަޅެއް ދިނަސް އަމިއްލައަށް ނުހިންގޭ

ދެން އޮތީ ފައިދާ ނުލިބޭ ވާހަކަ އެކެވެ. ސަރުކާރު ކުންފުނިތައް ވެފައިވަނީ "ތެޔޮވަޅެއް" ދިނަސް ތެޔޮ ނަގަން ނޭނގޭ ފަދަ ބަޔަކަށެވެ. މީގެ މިސާލަކީ ޓޫރިޒަމް ހިންގަން ސަރުކާރު ކުންފުނިތަކުން މިހާތަނަށް ކުރި ހުރިހާ މަސައްކަތެއް ކާމިޔާބު ނުވެ ބޮޑުތަނުން ފެއިލްވުމެވެ. ރައްޔިތުން ބޮޑު އުއްމީދެއް ކޮށްގެން އެމްޓީޑީސީގެ ހިއްސާ ގަތް ނަމަވެސް މި ކުންފުނި ވެސް ޓޫރިޒަމް ސިނާއަތުގައިވީ ބޮޑު ފެއިލް އަކަށެވެ. އަދި އެސްޓީއޯ ފަދަ ބޮޑެތި ކުންފުނިތަކުން އެންމެ ބޮޑު ސިނާއަތް ކަމަށްވާ ޓޫރިޒަމަށް ނުކުންނަން ކުރި މަސައްކަތް މިހާތަނަށް ވަނީ ފެއިލްވެފަ އެވެ. އެ ކުންފުނިން ޓޫރިޒަމަށް ނުކުންނަން ފެށި ދަތުރު ބަޔަކު ނުދެއްކިޔަސް "ހިލަގަނޑެއްގެ" ގޮތުގައި ހުޅުމާލޭގައި ފެންނަން އެހުރީ އެވެ.

ކުންފުނިތަކަށް ދައުލަތުން ބޮޑު ހަރަދެއް ކުރަން ޖެހިފައިވާއިރު، މިހާރުގެ ވިސްނުމަކީ ބައެއް ކުންފުނިތައް ޕްރައިވެޓްއިޒް ކުރުމެވެ. މިއީ ރަނގަޅު ވިސްނުމެއް ހެއްޔެވެ؟ މީގެ ސަބަބުން ކުންފުނިތައް ހަރުދަނާވެދާނެ ހެއްޔެވެ؟ ފައިދާ ލިބޭ އަމިއްލަ ފައިމައްޗަށް ތެދުވާނެ ބަޔަކަކަށް ވެދާނެ ހެއްޔެވެ؟

ޕްރައިވެޓައިޒް ކުރުން؛ މިވެސް ވިސްނުމެއް

ޕްރައިވެޓައިޒް ކުރާނެ މޮޑެލްއެއް ނުނިންމި ނަމަވެސް ސަރުކާރުން ދަނީ އެކަމަށް މަސައްކަތް ކުރަމުންނެވެ. ކުންފުނިތަކުގެ ހިއްސާ ވިއްކައިގެން މި އަހަރު 460 މިލިއަނެއްހާ ރުފިޔާ ހޯދަން ބަޖެޓުކޮށްފައިވެ އެވެ. ހިއްސާ ވިއްކުމާ ދިމާލަށް ދާއިރު ބައެއް ކުންފުނިތަކަކީ ދައުލަތުގެ ބާރުނެތް ގޮތަށް ބޭރަށް ހިއްސާ ދޫކޮށްލާ ކުންފުނިތަކަކަށް ހަދައިފިނަމަ އެއީ ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ ކުންފުނިތަކެކެވެ. އަދި އެންމެ ބޭނުންވާ ވަގުތު ދިވެހިންނަށް އަތް ނުލެވޭނެ ބަޔަކަށްވެދާނެ އެވެ.

އަނެއްކޮޅުން ބަލާއިރު ޕްރައިވެޓްއިޒް ކޮށްފިނަމަ ކުންފުނިތަކަށް ލިބޭނެ މަންފާތަކެއް ވެސް އެބައޮތެވެ. މިސާލަކީ ހިއްސާގެ ބާޒާރުގައި ލިސްޓުކޮށްފައިވާ ސަރުކާރު ހިއްސާވާ ކުންފުނިތަކެވެ.

މި ކުންފުނިތައް ސަރުކާރުގެ އެހެން ކުންފުނިތަކަށް ވުރެ ހިންގުން ރަނގަޅެވެ. ޓްރާންސްޕޭރެންސީ ފެނުން ބޮޑެވެ. އެހެންވެ ޕްރައިވެޓައިޒް ކުރުމުގެ ވިސްނުމުގެ ތެރެއިން ހިއްސާގެ ބާޒާރު ބޮޑުކޮށް އާއްމުންގެ ހިއްސާ މި ކުންފުނިތަކަށް ގެނައުން މިއީ ވެސް ކުރެވިދާނެ ކަމެކެވެ. ނަމަވެސް ސުވާލަކީ ރާއްޖޭގެ ހިއްސާގެ ބާޒާރަށް ނުކުންނަން އައިޕީއޯ އަކަށް ގޮސްގެން ސަރުކާރު ބޭނުންވާ ނަފާ ހޯދިދާނެ ހެއްޔެވެ؟ މިކަން ކުރަން މިއީ އެންމެ ރަނގަޅު ވަގުތު ހެއްޔެވެ؟ މިއީ ކުއްލިއަކަށް ކުރާ ޒާތުގެ ކަމެއް ހެއްޔެވެ؟ މިކަމަށް ރައްޔިތުން ތައްޔާރު ހެއްޔެވެ؟

ސަރުކާރުން ބޭނުން ވަނީ ހަމައެކަނި ބަޖެޓަށް ފައިސާ ހޯދަންނަމަ ޕްރައިވެޓްއިޒް ކުރުމަކީ ބޭކާރު ކަމަށްވާނެ އެވެ. ޕްރައިވެޓައިޒް ކޮށްގެން ލިބޭ ފައިސާ ރިކަރަންޓް ހޭދައަށް ހަރަދުކޮށް ހުސްކޮށްލުމަކީ ހަމައެކަނި ވިސްނުން ކަމަށް ވެއްޖެނަމަ މި މޮޑެލް މުޅިން ގޯހެވެ.

ކޮންމެ މޮޑެލްއެއް ގެނެސްގެން ނަމަވެސް ސަރުކާރު ކުންފުނިތަކުގެ ހިންގުން ރަނގަޅުވާނެ ގޮތެއް ހަދަން އެބަޖެހެ އެވެ. އަބަދު ކުންފުނިތައް ހިންގަން ބަޖެޓުން ފައިސާ "އުކާގޮތަށް" މޮޑެލް އޮންނަ ނަމަ ދުވަހަކު ވެސް ކުންފުނިތައް ޒިންމާދާރެއް ނުވާނެ އެވެ. ދައުލަތުގެ ބަޖެޓު ދެކޮޅެއް ނުޖެހޭނެ އެވެ. ކުންފުނިތައް އަބަދު ވެސް ފެންނާނީ ކަން ފަސޭހަ "މޮޑެލް" ގައި ހިންގާ ތަނެވެ.