ޓީޓީ

އައްޒާމް އާއި ޔާމީން ބޭރުގެ މުބާރާތަކަށް

ބޭރުގެ ޓޭބަލް ޓެނިސް މުބާރާތެއްގައި އަމްޕަޔަރުކަން ކުރަން ރާއްޖޭގެ އެންމެ ތަޖުރިބާކާރު އަމްޕަޔަރުން ކަމުގައިވާ އައްޒާމް އިބްރާހީމް އާއި މުހައްމަދު ޔާމީން އަށް ފުރުސަތު ލިބިއްޖެ އެވެ.

އައްޒާމާއި ޔާމީނަށް ފުރުސަތު ލިބުނީ މިއަހަރު އޮންނަ 25 ވަނަ އޭޝިއަން ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި އަމްޕަޔަރުކަން ކުރާށެވެ. މިއީ އޭޝިއާ ސަރަހައްދުގައި ކުޅޭ އެންމެ ބޮޑު އެއް ޓީޓީ މުބާރާތެވެ.

ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް) އިން ބުނީ މި ފުރުސަތު އައްޒާމާއި ޔާމީނަށް ލިބުނީ އޭޝިއަން ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގެ އަމްޕަޔަރުން ހޯދުމަށް އޭޝިއަން ޓޭބަލް ޓެނިސް ޔޫނިއަން އިން ހުޅުވާލި ފުރުސަތެއްގައި ކަމަށެވެ. އެގޮތުން ރާއްޖެއިން ނޮމިނޭޓް ކުރީ އައްޒާމު އާއި ޔާމީން އެވެ. އަދި އެ ދެ މީހުންނަށް މިހާރު ވަނީ މުބާރާތުގައި އަމްޕަޔަރުކަން ކުރުމުގެ ފުރުސަތު ލިބިފަ އެވެ.

އައްޒާމް އަކީ މިވަގުތު ރާއްޖޭގައި ހުރި އެންމެ ތަޖުރިބާކާރު ޓީޓީ އަމްޕަޔަރެވެ. އޭނާ ވަނީ މީގެ ކުރިން އިންޓަނޭޝަނަލް ހަތް މުބާރާތެއްގައި އަމްޕަޔަރުކަން ކޮށްފަ އެވެ. އަމްޕަޔަރެއްގެ ގޮތުގައި އައްޒާމްގެ އެންމެ ފުރަތަމަ އިންޓަނޭޝަނަލް މުބާރާތަކީ 2010 ވަނަ އަހަރު ބަންގްލަދޭޝްގައި އޮތް ސާފް ގޭމްސް އެވެ. އޭގެ ފަހުން 2015 ވަނަ އަހަރު އޮތް ނުވަވަނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވެސް އައްޒާމް ވަނީ އަމްޕަޔަރުކަން ކޮށްފަ އެވެ.

މީގެ ކުރިން ދެފަހަރެއްގެ މަތިން އައްޒާމް އޭޝިއަން ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގެ އަމްޕަޔަރުކަން ވެސް ކުރި އެވެ. އެއީ 2017 ވަނަ އަހަރު ޗައިނާގައި އޮތް މުބާރާތާއި، 2019 ވަނަ އަހަރު އިންޑޮނޭޝިއާގައި އޮތް މުބާރާތުގަ އެވެ. އަދި 2017 ވަނަ އަހަރު ކޮރެއާގައި ބޭއްވި އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓީޓީ ޗެމްޕިއަންޝިޕާއި، 2018 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓީޓީ ޗެމްޕިއަންޝިޕްގެ އިތުރުން 2018 ވަނަ އަހަރު އިންޑޮނޭޝިއާގައި ބޭއްވި އޭޝިއަން ގޭމްސްގައި ވެސް އައްޒާމް އަމްޕަޔަރުކަން ކުރި އެވެ.

ޔާމީން އަކީ އައްޒާމުއި ޖެހިގެން މިހާރު ރާއްޖޭގައި ހުރި އެންމެ ތަޖުރިބާކާރު އަމްޕަޔަރެވެ. އޭނާ ވަނީ 2017 ވަނަ އަހަރު ސްރީލަންކާގައި އަދި 2018 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި އަމްޕަޔަރުކަން ކޮށްފަ އެވެ.

އޭޝިއަން ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް އޮންނާނީ މިއަހަރުގެ ސެޕްޓެމްބަރު 28 އިން އޮކްޓޫބަރު ފަހަކަށް ގަތަރުގެ ވެރިރަށް ދޯހާގަ އެވެ. ރާއްޖޭގެ އަންހެން އަދި ފިރިހެން ޓީމެއް މި މުބާރާތުގައި ބައިވެރި ކުރަން ނިންމާފައިވާ ކަމަށް ޓީޓީއޭއެމްގެ ރައީސް އަލީ ރަޝީދު (އައްޔަ) ވިދާޅުވި އެވެ. މި މުބާރާތުގެ އެންމެ ރަނގަޅު ނަތީޖަ ހޯދާ 19 ޓީމެއް މިއަންނަ އަހަރު އޮންނަ ޓޭބަލް ޓެނިސް ވޯލްޑް ޗެމްޕިއަންޝިޕަށް ކޮލިފައިވާނެ އެވެ.