ދުނިޔެ

މީހަކު މެރުމުގެ ތުހުމަތަށް ސްޓާ އިންޑިޔާގެ ކުރީގެ ސީއީއޯ ހައްޔަރުކޮށްފި

Nov 22, 2015

މީހަކު މެރުމުގެ މައްސަލައެއްގެ ތަހުގީގަށް ސްޓާ އިންޑިޔާ ނެޓްވޯކްގެ ކުރީގެ ސީއީއޯ އަދި މީޑިޔާގެ ދާއިރަގައި އިންޑިޔާގައި މަޝްހޫރު ޝަހުސިއްޔަތެއް ކަމަށްވާ ޕީޓާ މުކަރުޖީ ހައްޔަރު ކޮށްފިއެވެ.

މުކަރުޖީ ހައްޔަރުކުރީ އޭނާގެ ދޮން ދަރިއެއް ކަމަށްވާ ޝީނާ ބޯރާ މަރާލި މައްސަލައާ ގުޅިގެންނެވެ. މުކަރުޖީ ހައްޔަރު ކުރުމާ ބެހޭގޮތުން އޭނާގެ ލޯޔަރު އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. ޝީނާ މަރާލުމުގައި އޭނާގެ އެއްވެސް ހިއްސާއެއް ނުވާނެ ކަމަށް މީގެ ކުރިން މުކަރުޖީ ވަނީ އެތައް ފަހަރަކު ބުނެފައެވެ.

ފުލުހުން ބުނީ ޝީނާ ބޯރާގެ މަރުގެ މައްސަލައިގާ އެންމެ ބޮޑަށް ޝައްކު ކުރެވޭ ފަރަތަކީ އޭނާގެ މަންމަ އިންދުރާނީ މުކަރުޖީ ކަމަށެވެ. މި މައްސަލަ ތަހުގީގު ކުރާ އޮފިޝަލުންނާ ހަވާލާދީ އިންޑިޔާގެ މީޑިޔާއިން ބުނާ ގޮތުގައި ޝީނާ މަރާލީ ޕީޓާ މުކަރުޖީއަށް އެނގިގެން ކަން ސާބިތުވާ ވަރަށް ހެކި އެބަ ހުއްޓެވެ.

ޕީޓާ މުކަރުޖީއަކީ މަޝްހޫރު ފަރާތަކަށް ވާތީއާއި، ޝިނާ ބޯރާގެ މަރާލުމުގައި އޭނާގެ މަންމަ އާއި އާއިލާގެ ބައިވެރިވުން އޮތް ކަމަށް ބެލެވޭތީ މި މަރަށް މީޑިޔާއާއި އާންމުންގެ ސަމާލުކަން ވަރަށް ބޮޑަށް ވަނީ ލިބިފައެވެ.

ޕީޓާ މުކަރުޖީ އެންމެ ބޮޑަށް ފާހަގަ ކުރެވެނީ ސްޓާ އިންޑިޔާގެ ވެރިއެއްގެ ގޮތުގައާ މީޑިއާ މާހިރެއްގެ ގޮތުގައެވެ. ސްޓާ އިންޑިޔާ އަކީ ސްޓާ ޕަލަސް، ސްޓާ މޫވީޒް އަދި ސްޓާ ސްޕޯޓްސް ފަދަ މަޝްހޫރު އެތައް ޓީވީ ޗެނަލެއްގެ މައި ކުންފުންޏެވެ. - ބީބީސީ