އަހުމަދު މޫސާ މުހައްމަދު

މީހަކު ޖާމިނުކޮށްފައި އަންމަޓީ ދޫކޮށްލަން އެދިއްޖެ

ސީލައިފްގެ މެނޭޖިން ޑިރެކްޓަރު އަހްމަދު މޫސާ (އަންމަޓީ)ގެ މައްޗަށް އުފުލާފައިވާ ހިޔާނާތުގެ މައްސަލަތަކުގައި އެހެން މީހަކު ޖާމިނުކުރުމަށްފަހު ބަންދުން ދޫކޮށްދިނުމަށް ކްރިމިނަލް ކޯޓުގައި އެދިއްޖެ އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންދިޔަ ޝަރީއަތުގެ އަޑުއެހުމުގައި ބަންދު މުރާޖައާ ކުރުމާ މެދު ވާހަކަދައްކަވަމުން ދައުލަތުގެ ފަރާތުން އެދިފައި ވަނީ އަންމަޓީ ބަންދު ކުރުމަށް ނެރެފައިވާ އަމުރު ދެމެހެއްޓުމަށެވެ. އޭނާ ކުރިން ކްރިމިނަލް ކޯޓުން ދޫކޮށްލުމުން ހައިކޯޓުން ވަނީ އޭނާ ބަންދުކުރަން އަމުރުކޮށްފަ އެވެ.

އަންމަޓީގެ ދިފާއީ ވަކީލް އަދި ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން މިއަދު ޝަރީއަތުގެ އަޑުއެހުމުގައި އެދިވަޑައިގަތީ އިތުރު ޝަރުތުތަކެއް މަތިކޮށްފައި ނަމަވެސް އަންމަޓީ ދޫކޮށްލުމަށެވެ. ޝަރުތުތައް ގިނަ ކުރުމަށްފަހު އަންމަޓީ ދޫކޮށްލެވިދާނެ ކަމަށް ހައިކޯޓުގެ ފަނޑިޔާރުން ވެސް ފާހަގަކުރައްވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ޖާމިނުވާ ފަރާތެއް ކަނޑައެޅުމަށްފަހު ބަންދުން ދޫކޮށްލުން ނުވަތަ ކޮންމެ ދުވަހަކު ނޫނީ ދެ ދުވަހުން އެއްދުވަހު ޕޮލިހަށް ނުވަތަ ކޯޓަށް ނުވަތަ ޕީޖީ އޮފީހަށް ހާޒިރުވެ ސޮއިކުރާ ގޮތަށް ނަމަވެސް ބަންދުން ދޫކޮށްދެއްވުމަށް ވަނީ އެދިވަޑައިގެންފަ އެވެ.

ނަމަވެސް ދައުލަތުގެ ފަރާތުން އެކަމަށް ވަނީ އިއުތިރާޒްކޮށްފަ އެވެ. ދައުލަތުގެ ވަކީލާ ފާހަގަކުރެއްވި ގޮތުގައި ދެ އަހަރު ވަންދެން އޭނާ އުޅުނީ ތަހުގީގަށް ފިލައިގެން ކަމަށާއި އޭނާ ގައުމަށް އެނބުރި އައީ ސްރީލަންކާއިން ޑީޕޯޓުކޮށްލުމުން ކަމަށެވެ. އެހެންކަމުން އޭނާ ކޯޓަށް ހާޒިރުނުވެދާނެތީ އާއި ޝަރީއަތަށް ފިލައިފާނެ ކަމުގެ އިހުތިމާލް ވަރަށް ބޮޑު ކަމަށެވެ.

ދެ ފަރާތުގެ ވާހަކަތައް އެއްސެވުމަށްފަހު ފަނޑިޔާރު ހަސަން ސައީދު ވިދާޅުވީ އަންމަޓީގެ ބަންދާ މެދު މާދަމާ ގޮތެއް ނިންމަވާނެ ކަމަށެވެ.

ކްރިމިނަލް ކޯޓުގައި ބޭއްވި މި މައްސަލައިގެ އަޑުއެހުމުގައި އަންމަޓީގެ މައްޗަށް އުފުލާފައިވާ 42 ދައުވާގެ ތެރެއިން ދައުލަތުން ވަނީ ހަތަރު ދައުވާއެއް އިއްވާފަ އެވެ. ދައުވާތައް އިއްވުމުން އަންމަޓީ ވަނީ އެ ދައުވާތައް ސާފުވި ކަމަށާއި ނަމަވެސް ދައުވާތަކަށް އިންކާރު ކުރާ ކަމަށް ބުނެފަ އެވެ.

އެ ދައުވާތައް ސާބިތުކުރުމަށް ދައުލަތުގެ ފަރާތުން ވަނީ 24 ޝަފައީ ހެއްކަކާއި 16 ކިތާބީ ހެއްކެއް ކޮންމެ ދައުވާއަކަށް ހުށަހަޅާފަ އެވެ. ހުރިހާ ދައުވާއެއްގައި ގާތްގަނޑަކަށް ހުށަހަޅާފައި ވަނީ އެއް ހެކިތަކެވެ. ތަފާތު ވަނީ ބަދަލު ލިބޭ ފަރާތުގެ ހެކި ބަހެވެ. ކިތާބީ ހެކިންގެ ތެރެއިން ވެސް ތަފާތު ވަނީ ބަދަލު ލިބޭ ފަރާތުން ސީލައިފަށް ދައްކާފައިވާ 50،000ރ. ގެ ޕޭމަންޓް ރިސިޕްޓެވެ.

ދައުވާތަކަށް ފަހުން ޖަވާބުދާރީވެ، ދިފާއީ ހެކިން ހުށަހަޅަށް ގާޒީ ވަނީ ދައުވާ ލިބޭ ފަރާތަށް ފުރުސަތު ދީފަ އެވެ.

އެޗްޑީސީ އާއި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު މާޗް 13، 2014 ގައި ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން ހުޅުމާލޭގައި 3000 ހައުސިން ޔުނިޓް އެޅުމަށް ސީލައިފްއާ ހަވާލުކޮށްފައިވެ އެވެ. އެކަމަކު އެއްބަސްވުމުގައިވާ މުއްދަތުގައި ހައުސިން ޔުނިޓްތައް އެޅުމުގެ އަމަލީ މަސައްކަތް ފުރިހަމަ ނުކޮށް، މަކަރާއި ހީލަތުން އެކި މީހުން އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނަގައި، އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަމަށް ދައުލަތުގެ ދައުވާތަކުގައި ތުހުމަތުކޮށްފައިވެ އެވެ.

ދައުލަތުން އަންމަޓީގެ އުފުލާފައިވާ 42 ދައުވާ ސާބިތުވެއްޖެނަމަ 65 އަހަރުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް އިއްވާނެ އެވެ.