ހދ. ހިރިމަރަދޫގައި ހުންނަ އެ ރަށު ސްކޫލުގެ ހާލަތު ބެލުމަށް އެޑިއުކޭޝަން މިނިސްޓްރީގެ ޓީމެއް އެރަށަށް ގޮސްފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ ހިރިމަރަދޫ ސްކޫލުގެ ކަންކަން ބެލުމަށާއި ރަނގަޅުކުރަން ހުރި ކަންތައްތައް ދެނެގަންނަން މިނިސްޓްރީގެ ޓީމެއް އެރަށަށް މިހާރު ގޮސްފައިވާ ކަމަށެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ޓީމެއް އެރަށަށް ފޮނުވިއިރު އެ ސްކޫލުގެ އެއްވެސް ދަރިވަރަކު އިއްޔެވެސް އަދި މިއަދުވެސް ސްކޫލަކަށް ނުދެ އެވެ.
ހިރިމަރަދޫ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު އަވަސްއަށް ވިދާޅުވީ ބެލެނިވެރިން ދަރިވަރުން ސްކޫލަށް ނުފޮނުވީ ސްކޫލާމެދު އެއްވެސް ވަރަކަށް ހިތްހަމަ ނުޖެހޭތީ ކަމަށެވެ.
އެގޮތުން ފާއިތުވި ދިހަ ބާރަ އަހަރު ވީއިރުވެސް ސްކޫލުން އެދެވޭ ނަތީޖާއެއް ނުނެރެވޭ ކަމަށާއި ދަރިވަރުންގެ ނަތީޖާ ވަރަށް ދަށް ކަމަށެެވެ. އެހެންވެ އެރަށުގެ ގިނަ ދަރިވަރުން މިހާރު ކުޅުދުއްފުށި ސިޓީއަށާއި މާލެއަށް ކިޔެވުން ބަދަލުކޮށްފައިވާ ކަމަށެވެ.
" ދިރާސީ އާ އަަހަރު ފެށުނުއިރުވެސް އާބާތުރަ ފިލުވަން އެއްވެސް މަސައްކަތެއް ނުކުރޭ. ފަންކާތައް ވެސް އެބަހުރި ރަނގަޅަށް ނޭނބުރޭ. ބަޖެޓެއް ނުލިބޭ. ސްކޫލުގައި ތިން ކްލާސް ރޫމް އަޅަން މިއަހަރު އޮތަސް އަހަރު ނިމުނުއިރުވެސް އެ މަސައްކަތް އޮތީ މަޑުޖެހިފައި." ވަހީދު ވިދާޅުވި އެވެ.
ވަހީދު އިތުރަށް ވިދާޅުވީ ސްކޫލުގެ ޖާގައިގެ ދަތިކަން ވެސް ވަރަށް ބޮޑު ކަމަށާއި އަދި މިހާރުވެސް ބައެއް ކްލާސްތައް ނަގައިދެނީ ވަރަށް ދުވަސްވީ ބާ ހޯލެއްގައި ޕާޓްޝަން ޖަހައިގެން ކަަމަށެވެ.
ގްރޭޑް އެކަކުން 10 އަކަށް ކިޔަވައިދެމުންދާ ހިރިމަރަދޫ ސްކޫލުގައި މިވަގުތު ކިޔަވަމުން ދަނީ އެންމެ 64 ދަރިވަރުން ނެވެެ.