ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ހިޔާލުތަފާތުވުން އެބައޮތް، މަސައްކަތް ކުރަނީ މެޖޯރިޓީ ހިފަހައްޓަން: ރައީސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ހިޔާލުތަފާތުވާ ކަންކަން އެބަހުރި ކަމަށާއި އެކަމަކު ވެރިކަމުގައި ހުންނެވިހާ ދުވަހަކު ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތު ހިފެހެއްޓުމަށްޓަކައި ކުރައްވަންޖެހިވަޑައިގަންނަވާ މަސައްކަތްތައް ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހް ވަނީ ރައީސް ނަޝީދާއި އެމަނިކުފާނާ ދެމެދު ބައެއް ކަންކަމުގައި ހިޔާލުތަފާތުވުން ހުރިކަން ފާހަގަކުރައްވާ ފުރަތަމަ ފަހަރަށް އެ މައްސަލާގައި ތަފްސީލްކޮށް ވާހަަކަ ދައްކަވާފަ އެވެ.

ރައީސް ސޯލިހް ވިދާޅުވީ ރައީސް ނަޝީދު ވެރިކަން ކުރެއްވިއިރު އެ ސަރުކާރުން ކުރަން ބޭނުންވި ކަންކަމުގައި އެމަނިކުފާނުގެ ވިސްނުން ހުރި ގޮތް ހިއްސާކުރައްވާފައިވާނެ ކަމަށެވެ. ނަމަވެސް ހުރިހާ ފަހަރަކު ރައީސް ނަޝީދުގެ ސަރުކާރުގައި ކަންކަން ނިމިގެން ދިޔައީ އެމަނިކުފާނު އެދިވަޑައިގެންނެވި ގޮތަށް ނޫން ކަމަށެވެ.

"އެހެންނަމަވެސް އެމަނިކުފާނު ވެރިކަމުގައި ހުންނެވިއިރުގައި އޭރު އަމަލުކުރައްވާފައިވާނީ ވަރަށް ބޮޑަށް ވިސްނަވާފައި. ވަށައިގެން ހުރި ހުރިހާ ކަމަކަށް ބައްލަވާފައި. ބައެއް ފަަހަރު އަޅުގަނޑުގެ ވިސްނުމާ އިދިކޮޅަށް،" ރައީސް ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި ނިންމެވި ބައެއް ކަންކަމުގައި އެމަނިކުފާ ހިޔާލުތަފާތުވި ގޮތަށް ރައީސް ނަޝީދުގެ ހިޔާލުތަފާތުވުންތައް ވެސް މިވެރިކަމުގައި ނިންމަވާ ކަންކަމާ ގުޅިގެން ހުންނާނެ ކަން އެއީ ގަބޫލުކުރައްވަންޖެހޭ ހަގީގަތެއް ކަމުގައި ރައީސް ވިދާޅުވި އެވެ. އެހެންނަމަވެސް ވެރިކަމެއް ކުރައްވާއިރު ކަންކަން ނިންމަވާނީ ލިބޭ މައުލޫމާތާއި ވަށައިގެން ހުރި ކަންކަމަށް ބައްލަވާފައި ކަމަށާއި އެއީ އެކަން ކުރައްވަން ޖެހިވަޑައިގަންނަވާނެ ގޮތް ކަމުގައިވެސް ވިދާޅުވި އެވެ.

ރައީސް ސޯލިހް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގައި ކޮންމެ ބޭފުޅަކު ހުންނެވި ނަމަވެސް ވެރިކަމެއް ކުރައްވާއިރު ވެރިކަމުގައި ހުންނަވާ ބޭފުޅަކަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އަކީ ވަރަށް މުހިއްމު އެއްޗެއް ކަމަށެވެ. މަޖިލީހުގެ މެޖޯރިޓީ ނެތި ވެރިކަން ކުރުން ވަނީ ވަރަށް އުދަނގޫ ކަމަކަށް ކަމަށާއި 2008 ވަނަ އަހަރުން ފެށިގެން އެކުލަވާލި ކޮންމެ ސަރުކާރަކުން ވެސް އެކަން ވަނީ ތަހައްމަލް ކޮށްފައި ކަމަށް ވިދާޅުވި އެވެ. އެގޮތުން އެމްޑީޕީން އެންމެ ފުރަތަމަ ވެރިކަމަށް އައި އިރު މަޖިލީހުގެ މެޖޯރިޓީ ނެތުމުން ވަރަށް ގިނަ ދަތިތައް ކުރިމަތިވިކަން ރައީސް ފާހަގަކުރެއްވި އެވެ. އަދި ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގެންނެވިއިރު މަޖިލީހުގެ މެޖޯރިޓީ އޮތް ކަމަށާއި ނަމަވެސް ފަހުން މެޖޯރިޓީ ގެއްލި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ، ވަޑައިގަތީ މުޅިން އެހެން މަގަކުން ކަމުގައި ވިދާޅުވި އެވެ.

"އެހެންވީމާ އަޅުގަނޑު ވެރިކަމުގައި ހުންނައިރުގައި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ހޯދަން އަޅުގަނޑު ވަރަށް ބޮޑަށް ބޭނުން. އެކަން އަޅުގަނޑު ކުރާނެ. އިރާދަކުރެއްވިއްޔާ މިއަދު އަޅުގަނޑު މިހުރީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީއާ އެކީގައި. އެހެންވީމާ ސަރުކާރު ސުމޫތުކޮށް ރައްޔިތުންނަށް ދޭންވާ ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އަޅުގަނޑު އިރާދަކުރެއްވިއްޔާ ހިފަހައްޓާނަން.

ރައީސް ނަޝީދާއި ހިޔާލުތަފާތުވުން އެބަހުރި ކަމަށާއި މަޖިލީހުގެ މެޖޯރިޓީ ހިފަހައްޓަވަން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވެފައި މިވަނީ އެމްޑީޕީގައި ރައީސް ނަޝީދާއި ރައީސް ސޯލިހަށް ތާއީދު ކުރައްވާ މަޖިލިސް މެންބަރުން ދެ ފެކްޝަނަކަށް ބެހިފައިވާތީ ސަރުކާރަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ވަގުތެއްގަ އެވެ.