ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ހަސަން އަފީފުގެ ވާހަކަ ބައްލަވަން އެންގެވިން: ރައީސް

"ރައީސް ސޯލިހް ހުންނެވީ އަދާލަތު ޕާޓީގައި ނޫން ކަމެއްވެސް ނޭންގޭ" ކަމަށް ވިދާޅުވެ އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕްގެ މެންބަރު އަދި އެމްޑީޕީގެ ހައެއް މެއި ކޮމެޓީގެ މުގައްރިރު ހަސަން އަފީފް ދެއްކެވި ވާހަކަތައް ބައްލަވާ އެފަދަ ވާހަކަތައް ހުއްޓުވުމަށް ދަންނަވާފައިވާނެ ކަމަށް އެމްޑީޕީގެ އެންމެ އިސް ލީޑަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލްވުމުގައެވެ.

ރައީސް ނަޝީދަށް އަމާޒުކުރި ޓެރަރިސްޓް ހަަމަލާއާ ގުޅޭގޮތުން ދިވެހި ޗެނަލްގެ ޕްރަގްރާމެއްގައި ވާހަކަ ދައްކަވަމުން އަފީފް ވިދާޅުވީ ރައީސް ސޯލިހްގެ އެންމެ އަރިސް ބޭފުޅުންގެ ގޮތުގައި ތިއްބެވީ އަދާލަތު ޕާޓީގެ މެންބަރުން ކަަމަށެވެ. އަދި ރައީސް ސޯލިހުވެސް އަދާލަތުގެ މެންބަރަކަށް ވެވަޑައިނުގަންނަވާ ކަމަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

ރޭ ސަންގު ޓީވީގައި ވާހަކަދައްކަވަމުން އަފީފް ވިދާޅުވީ އެ ވާހަކަތަކާއި ގުޅިގެން އޭނާއަށް ފިޔަވަޅު އަޅަން ރަައީސް ސޯލިހް އަންގަވާފައިވާ ކަމަށެވެ. ތަކުރާރުކޮށް އެ ވާހަކަ ހަސަން ވިދާޅުވިއެވެ.

ހަސަން ވިދާޅުވީ ފިޔަވަޅު އަޅަން އެންގެވި ނަމަވެސް ރައީސް ސޯލިހުގެ އެންމެ އަރިހުގައި ތިއްބެވީ އަދާލަތުގެ މެންބަރުން ކަމަށެވެ. އަދި އެއީ ފެންނަން އޮތް ހަގީގަތް ކަމަށް ވިދާޅުވިއެވެ. އެކަމުގެ މިސާލެއްގެ ގޮތުން ހަސަން ނެންގެވީ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރެވެ. އިންތިހާބެއް ނެތި މަގާމުގައި ހުންނެވި ހަތަރު އަހަރާއެކު ޖުމްލަ ނުވަ އަހަރު އަދާލަތުގެ ނާއިބް ރައީސްކަން ކުރެއްވި އަލީ ޒާހިރު ޗީފް އޮފް ސްޓާފަކަށް ބެހެއްޓެވުމުން އެމްޑީޕީގެ މެންބަރުންނަށް ވުރެ ބޮޑަށް ރައީސް ސޯލިހް އަދާލަތުގެ މެންބަރުންނަށް އިތުބާރު ކުރައްވާކަން ހާމަވާ ކަމަށް ހަސަން ވިދާޅުވިއެވެ.

އަދި ވިދާޅުވީ އެ މަގާމަށް އެކަށޭނެ ކިތަންމެ ބޭފުޅުންނެއް އެމްޑީޕީގައި އެބަ ތިއްބެވި ކަމަށެވެ. ރައީސް އޮފީހުގެ އެކި މަގާމުތަކުގައިވެސް ޗީފް އޮފް ސްޓާފަކަށް ހަމަޖެއްސޭނެ އެމްޑީޕީގެ މެންބަރުން އެބަތިއްބެވި ކަމަށް ވިދާޅުވިއެވެ.
"ކުރީ ރޭ އަޅުގަނޑު ބުނި އެއްޗަކުން މިހާރު މިހުރީ އަޅުގަނޑަށް ޕާޓީގެ ފަރާތުން ފިޔަވަޅު އަޅަން ރައީސުލްޖުމްހޫރިއްޔާ އަންގަވާފަ،" ހަސަން ވިދާޅުވިއެވެ.
ހަސަން އަފީފް ވިދާޅުވީ ރައީސްގެ އަމަލުތައް ހުރި ގޮތުން އެމަނިކުފާނަކީ އަދާލަތު މެންބަރެއްތޯ ސުވާލު އުފެދޭ ކަމަށެވެ.

ރައީސް މިއަދު ވިދާޅުވީ އެމަނިކުފާނަކީ އެމްޑީޕީގެ އެންމެ އިސް ލީޑަރު ކަމަށާ ޕާޓީގެ ތެރޭގައި ބައިބައިވުން އުފެދޭނެ ފަދަ ކަންކަން ކުރުމަށް ފުރުސަތެއް ދީގެން ނުވާނެ ކަމަށެވެ. ހަސަން އަފީފު ފަދަ ސީނިއާ ބޭފުޅަކު އެފަދަ ވާހަކަ ދެއްކެވުމުން އެކަން ބެއްލެވުމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފަށް އަންގަވާފައިވާ ކަމަށެވެ.