އަހުމަދު ޝިޔާމް

ކެމްޕެއިންގެ އެންމެ ކުރީގައި ހުންނާނީ ހަސަން: ޝިޔާމް

ކުރިއަށް އޮތް 2023 ގެ ރިޔާސީ އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއެކު މަސައްކަތް ކުރައްވަން ދަތި ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވުމަށް އިދިކޮޅު ޕީޕީއެމްގެ ނާއިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ރައްދު ދެއްވައިފި އެވެ.

ހަސަން ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސިޔާސީ ހަޔާތްޕުޅުން ރައީސަށް އޭނާ ދޫކޮށް ނުލެއްވުނަސް 2023 ގެ ރިޔާސީ އިންތިހާބުގައި ރައީސާއެކު މަސައްކަތް ކުރާން ދަތި ކަމަށެވެ.

ހަސަން އެ އިޝާރާތް ކުރައްވަނީ މީގެ ކުރީން އޮތް ބައްދަލްވުމެއްގައި ރައީސް ސޯލިހް ދެއްކެވި ވާހަކަފުޅަކަށެވެ. އެމްޑީޕީގައި މިހާރު އޮތް ބައިބައިވުން އުފެދުމުގެ ކުރީން އޮތް ޖަލްސާއެއްގައި ރައީސް ސޯލިހް ވަނީ އެމަނިކުފާނުގެ ސިޔާސީ ހަޔާތުގައި ދޫކޮށް ނުލެއްވޭނެ ބޭފުޅުން އެބަ ތިއްބެވި ކަމަށެވެ. ރައީސް ވިދާޅުވި ލިސްޓްގައި ހިމެނިވަޑައިގަންނަވަނީ މާފަންނު އުތުުރު ދާއިރާގެ އިމްތިޔާޒް ފަހްމީ އާއި ރައީސް އޮފީހުގެ މިނިސްޓަރު އަދި އެމްޑީޕީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒު އާއި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް އާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް އާއި މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲގެ ފިރިކަލުން ގެ ނަމެވެ. މި ހުރިހާ ބޭފުޅުން ނަކީވެސް ރައީސް ނަޝީދުގެ އަރިސް އަދި ވަފާތެރި މެންބަރުންނެވެ.

އެ ވީޑިއޯވެސް ހަސަން ލަތީފް ވަނީ ޓްވީޓް ކުރައްވާފައެވެ. ހަސަން ވިދާޅުވީ އޭނާއަށް ލަފާ ކުރެއްވޭ ގޮތުން ރައީސް ސޯލިހަށް ކުރިއަށް އޮތް އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކޮށެއް ނުދެއްވޭނެ އެވެ.

"... 2023 ގެ ރިޔާސީ އިންތިހާބުގައި ރައީސާއެކު މަަސައްކަތް ކުރަން އަޅުގަނޑަށް ދަތި. އަދި އަޅުގަނޑަށް ލަފާ ކުރެވެނީ ރައީސް އަށް އެ އިންތިހާބު އެމްޑީޕީއަށް ކާމިޔާބުކޮށް ދެއްވެން ނެތް ކަމަށް،" ހަސަން ލަތީފް ވިދާޅުވިއެވެ.

އެ ވާހަކަތަކަށް އިޝާރާތް ކުރައްވާ ޝިޔާމް ވިދާޅުވީ އެމްޑީޕީގެ މަތި ފަޑީގައި ތިއްބެވި ބޭފުޅުންނަކީ ބަހާއި އަމަލާ ދިމާވާނެ ބޭފުޅުން ނޫން ކަމަށެވެ. އަދި ކުރިއަށް އޮތް 2023 ގެ ރިޔާސީ އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއެކު މަސައްކަތް ކުރައްވަން ދަތި ކަމަށް ހަސަން ވިދާޅުވި ނަަމަވެސް ރައީސް ސޯލިހްގެ ކެމްޕެއިންގެ އެންމެ ކުރީގައި ހުންނަވާނީ ހަސަން ކަމަށެވެ.

"އެމްޑީޕީގެ މަތި ފަޑީގެ ޑީއެންއޭ ބަހާ އަމަލާ ދިމާނުވާނެ،" ޝިޔާމް ވިދާޅުވިއެވެ.