މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ތެރޭގައިވެސް ހަރުކަށި ވިސްނުން އެބަ އުޅޭ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ނަމަވެސް އެކަން ގަބޫލުފުޅު ނުކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގްރޫޕަށް ޖުލައި މަހުގެ 21 ވަނަ ދުވަހު ފޮނުއްވެވި މެސެޖްތަކެއްގައެވެ. އެ ގްރޫޕުގައި އެމަނިކުފާނު އެ ދުވަހު ވަނީ ވަރަށް ގިނަ މެސެޖްތަކެއް ލިޔުއްވާފައެވެ. ރައީސް ނަޝީދުގެ އެއް މެސެޖްގައި ވިދާޅުވީ "ދުވަހަކު ވެރިކަން ނުހޯދުނަސް މި ވެރިންނާއެކު އުޅެން ބޭނުން ނުވާ" ކަމަށެވެ. އެމަނިކުފާނު އެދިވަޑައިގަންނަވަނީ ދީނީ ގޮތުން މެދުމިނުގެ ސިޔާސަތުގެ މީހުންގެ ކޯލިޝަނެއް ކަމަށާ އެއީ ޕީޕީއެމް ކަމުގައިވިޔަސް މިހާރު އެކަން ކުރުން މާ މުހިންމު ކަމަށްވެސް ވިދާޅުވިއެވެ.
"އެ ވެރިންގެ ތެރޭގައި ވަނީ ހަނގުރާމައެއް. އަޅުގަނޑުމެން ކޯލިޝަންއަށްޓަކައި މީހުން ރުއްސަނީ. އެމްޑީޕީގެ ތެރޭގައިވެސް ހަރުކަށި ވިސްނުން އެބަ އުޅޭ،" ނަޝީދުގެ މެސެޖެއްގައި ވިދާޅުވެފައެވެ.
އަދި ވިދާޅުވީ އަހަރެމެންގެ ރާއްޖެ އަހަރެމެންގެ ދަރިންނަށް ދޭން ޖެހޭނެ ކަމަށާ އެމަނިކުފާނު ބޭނުން ވަނީ ވެރިކަން ނޫން ކަމަށެވެ. ވެރިކަން ކުރައްވާފައިވާ ކަމަށާ ނުކުރެވޭ އެއްވެސް ކަމެއް ނެތް ކަމަށްވެސް ވިދާޅުވިއެވެ. އެއަށްފަހު ވިދާޅުވީ "ރައީސުލްޖުުމްހޫރިއްޔާ އެ ހުރީ ތާށިވެފައި" ކަމަށެވެ.
އެކަމާއި ގުޅޭގޮތުން މިއަދު އޮތް ނޫސްވެރިންގެ ބައްދަލްވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ސޯލިހް ވިދާޅުވީ އެމްޑީޕީގައި ހަރުކަށި ފިކުރުގެ މީހުން ތިބި ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. ނަމަވެސް ރާއްޖޭގައި އެ ފިކުރު ކަންބޮޑުވެވަޑައިގަންނަވާ މިންވަރަށް އެބައޮތް ކަމަށް ވިދާޅުވިއެވެ.
ރަައީސް ވިދާޅުވީ ހަރުކަށި ފިކުރުގެ ވާހަކަ މިހާރު އޮތްހާ ފުޅާކޮށް ފުރަތަމަ ދައްކަން ފެށީވެސް މި ސަރުކާރުން ކަމަށެވެ. އަދި އެ ފިކުރާ ދެކޮޅަށް އެކަށީގެންވާ މަަސައްކަތްތަކެއް ކޮށްފައިވަނީވެސް ރައީސް ސޯލިހުގެ ސަރުކާރުން ކަމަށެވެ.
"ފުރަތަމަ 'ހަރުކަށި' މި ބަސްވެސް ބޭނުން ކުރަން ފެށީ އަޅުގަނޑުމެން. އޭގެ ކުރީން އެހެން ނަންތަކެއް ކިޔަމުން އައީ،" ރައީސް ވިދާޅުވިއެވެ.