ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ޕީޕީއެމްއާއި އެމްޑީޕީ ގުޅެން ރައީސް ދެކޮޅު ހައްދަވައިފި

Aug 11, 2021

އިދިކޮޅު ޕީޕީއެމްއާއި ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ޕާޓީ، އެމްޑީޕީ ގުޅިގެން މަސައްކަތް ކުރުމަކީ ސިޔާސީ ނިޒާމު ހުއްޓުވުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ސިފަކުރައްވައިފި އެވެ.

ރައީސް އޮފީހުގައި މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވާ ރައީސް ސޯލިހް ވިދާޅުވީ ރާއްޖޭގައި މިއަދު ހިނގަމުންދަނީ ސިޔާސީ ޕާޓީތައް ބައިވެރިވާ ނިޒާމެއް ކަމަށެވެ. އެގޮތުން ރާއްޖޭގައި މިވަގުތު އޮތް މައިގަނޑު ދެ ފިކުރަކީ އެމްޑީޕީއާއި އިދިކޮޅު ޕީޕީއެމް ކަމަށެވެ. އެހެންވެ އެ ދެ ފިކުރު ގުޅިއްޖެނަމަ ސިޔާސީ ނިޒާމު ހުއްޓުމަކަށް އަތުވެދާނެ ކަމުގައި ވިދާޅުވި އެވެ.

"އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ އެމްޑީޕީ އާއި ޕީޕީއެމް ކޯލިޝަނެއް ހެދުމަކީ މަލްޓިޕާޓީ ނިޒާމަށް އޮތް އެންމެ ރަނގަޅު ގޮތް ކަމަކަށެއް. މި ދެ ޕާޓީ މަސައްކަތް ކުރަންވާނީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ދެ ފަރާތުގައި ތިބެގެން. އެއީ ސިޔާސީ ނިޒާމަށް ވެސް ރާއްޖޭގެ ކުރިއެރުމަށްވެސް ރާއްޖޭގެ މަސްލަހަތަށް ވެސް އޮތް އެންމެ ރަނގަޅު ގޮތް،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމެއްގައި އެއް ބަޔަކު ކުރާ ކަމަކަށް އަނެއް ބަޔަކަށް ފާޑުކިޔުމަށާއި ސުވާލުކުރުމަށް ފުރުސަތު އޮންނަންވާނެ ކަމަށެވެ. އެހެންކަމުން އެމްޑީޕީއާއި ޕީޕީއެމް ގުޅިގެން މަސައްކަތް ކުރެއްވުމަށް ރައީސް ވަނީ ތަކުރާރުކޮށް ދެކޮޅު ހައްދަވާފަ އެވެ.

ރައީސް ވިދާޅުވީ އެމްޑީޕީއާއި ޕީޕީއެމް ގުޅިގެން މަސައްކަތް ކުރާ ވާހަކަ ބަޔަކު ދެއްކެވި ނަމަވެސް އެއީ އެމްޑީޕީގެ ނިންމުމަކަށް ނުވާނެ ކަމަށެވެ. އެމްޑީޕީން ކަންކަން ނިންމާނީ ޕާޓީގެ ގަވައިދުތަކުގައި ހުރި ގޮތަށް ކަމަށާއި ޕާޓީގެ ކަމާ ގުޅޭ ގުނަނަކުން އެފަދަ ނިންމުމެއް ނިންމާފައި ނުވާ ކަމުގައިވެސް ވިދާޅުވި އެވެ.

"އަދި އެ ނިންމަން ހުށަހެޅިޔަސް އަޅުގަނޑު ދެކޭ ގޮތުގައި އެގޮތަށް ނިންމުން އެއީ ރަނގަޅު ކަމެއް ނޫން. އަޅުގަނޑު އެއްގޮތަކަށް ވެސް ތާއީދުކުރާ ކަމެއް ނޫން އެއީ. އެއީ ކޮންމެހެން ޕީޕީއެމްއާ ގުޅުން ގޯސްވެގެނެއް ނޫން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ ރައީސް ނަޝީދު ބޭނުންވާނަމަ އެމަނިކުފާނު ބޭނުންވާ ބޭފުޅަކާ އެކީ، އެއީ ރައީސް ޔާމީން ކަމަށްވީ ނަމަވެސް ގުޅިގެން މަސައްކަތް ކުރެއްވުމަކަށް ހުރަހެއް ނެތް ކަމަށެވެ. ނަމަވެސް ޕީޕީއެމްއާއި އެމްޑީޕީ ގުޅިގެން މަސައްކަތް ކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ތަކުރާރުކޮށް ވިދާޅުވި އެވެ.

ޕީޕީއެމްއާއި އެމްޑީޕީ ގުޅިގެން މަސައްކަތް ކުރުމަށް ރައީސް ސޯލިހް ދެކޮޅު ހެއްދެވި ނަމަވެސް އެ ދެ ޕާޓީ ގުޅިގެން މަސައްކަތް ކުރެވިދާނެ ކަމަށް ވިދާޅުވެ ރައީސް ނަޝީދު ގެންދަވަނީ ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީނަށް ދައުވަތު ފޮނުއްވަމުންނެވެ. އެކަމަކު ރައީސް ނަޝީދުގެ ހުށަހެޅުއްވުމަށް ޕީޕީއެމުން ގެންދަނީ ތަކުރާރުކޮށް ދެކޮޅު ހަދަމުންނެވެ.