ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ދީލާލަން ޖެހޭ ފަދަ އެއްޗެއް އެއްވެސް ބޭފުޅެއްގެ އަތަކު ނުހުންނާނެ: ރައީސް

އެމަނިކުފާނު ކޮންޕްރޮމައިޒް -- ދީލާލަންޖެހޭ -- ފަދަ އެއްވެސް އެއްޗެއް އެއްވެސް ބޭފުޅެއްގެ އަތުގައި ނުހުންނާނެ ކަމަށާ އެއީ ޔަގީން ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްސަލާގައި ފިޔަވަޅު އެޅުމުގައި ސަރުކާރަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވި އޭނާ ބޭރަށް ފުރުވާލީ ރައީސް ސޯލިހްއާ ސަރުކާރު ކޮންޕްރޮމައިޒް ވެދާނެ ފަދަ މައުލޫމާތުތަކެއް އަލީ ވަހީދުގެ އަތުގައި ހުރުމުން ކަަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވުމާއި ގުޅިގެންނެވެ.

އުމަރު ވިދާޅުވީ އަލީ ވަހީދު ފުރުވާލީ މިނިސްޓަރު އަބްދުﷲ ޝާހިދު އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި ދެ ބޭފުޅުންގެ ގުޅިގެން ކަމަށެވެ. އުމަރު ވިދާޅުވީ ޖިންސީ ގޯނާގެ ބޮޑެތި ތުހުމަތުތަކެއް އޮތް ބޭފުޅަކު ފުރުވާލީ ރާވައިގެން ކަމަށާ އެކަން ކުރީ ރައީސް ސޯލިހް ކޮންޕްރޮމައިޒް -- ދީލާލަންޖެހޭ -- ފަދަ ޑޮކިއުމަންޓެއް އަލީ ވަހީދުގެ އަތުގައި އޮތުމުން ކަމަށެވެ. އަދި އެއީ އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅުންހުރި ޑޮކިއުމަންޓެއް ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށް ވިދާޅުވިއެވެ.

"އަލީ ވަހީދު ޓޫރިޒަމް މިނިސްޓްރީގެ އެތައް މުވައްޒިފަކަށް ގޯނާ ކުރީމަ ކިހިނެތްތޯ ހެދީ. ކޮން ގަނޑެއްތޯ ކޯޓްގައި އެ ގަންނަނީ. އަލީ ވަހީދު ހަމަ އިނގިރޭސިވިލާތުގައި ބަހައްޓައިގެން ހުރިހާ އުސޫލުތަކަކާއި ހިލާފަށް އިނގިރޭސިވިލާތުން ވީޑިއޯ ލިންކެއް މެދުވެރިކޮށް ކްރިމިނަލް ކޯޓްގައި އެ މައްސަލަ ހިންގަނީ. ޕީޖީވެސް އެ ހުންނެވީ ގޮތް ހުސްވެފައި. އަޅުގަނޑުމެންނަށް އެނގޭ އެ ގަންނަނީ ކޮން ގަނޑެއްކަން. ސަބަބަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އެ ހުރީ އަލީ ވަހީދުގެ ދަށުވެފައި. އެއީ ސަބަބަކީ. ސަތޭކަ ޕަސެންޓް ޔަގީން އަލީ ވަހީދު ފުރުވާލީ ރައީސް ސޯލިހާއި އަބްދުﷲ ޝާހިދު ގުޅިގެން. ސަބަބަކީ އަލީ ވަހީދުގެ އަތުގައި އޮތީ ކޮންމެވެސް ޑޮކިއުމަންޓެއް ރައީސް ސޯލިހް ކޮމްޕްރޮމައިޒްވާފަދަ،" އުމަރު ވިދާޅުވިއެވެ.

އެކަމާއި ގުޅޭގޮތުން ސުވާލު ދެންނެވުމުން ރައީސް މިއަދު ވިދާޅުވީ އެފަދަ އެއްވެސް އެއްޗެއް އެއްވެސް ބޭފުޅެއްގެ އަތުގައި ނުހުންނާނެ ކަމަށެވެ. އަދި ހުރިނަމަ ހާމަކުރެއްވުމަށް ގޮވާލެއްވިއެވެ. ރައީސް ވިދާޅުވީ އެފަދަ އެއްވެސް އެއްޗެއް ނޯންނާނެ ކަން އެއީ ޔަގީން ކަމެއް ކަަމަށެވެ.

"އަޅުގަނޑު ކޮންޕްރޮމައިޒްވާ ކަހަލަ އެއްވެސް އެއްޗެއް އެއްވެސް ބޭފުޅަކު އަތަކު ނުހުންނާނެ. ހާމަކުރައްވާ، އެއީ ޔަގީން ކަމެއް،"

ރައީސް މިއަދުވެސް ވަނީ އަލީ ވަހީދުގެ މައްސަލަ ހިނގާދިޔަ ގޮތް ތަފްސީލު ކޮށްދެއްވާފައެވެ. ނޫސްވެރިންގެ ބައްދަލްވުން ކުރިއަށް ދިޔަ މާލަމަށް އިޝާރާތް ކުރައްވާ ވިދާޅުވީ އަލީ ވަހީދުގެ ގޯނާ ލިބުނު ކަމަށް ބުނާ މުވައްޒިފުންނާއި އެމަނިކުފާނު ބައްދަލުކުރެއްވީ އެ މާލަމުގައި ކަމަށެވެ. އަދި އެ މުވައްޒިފުންގެ ވާހަކަތައް އަޑުއެއްސެވުމަށް ފަހު ނަންގަވަން ޖެހިވަޑައިގެންނެވި ޑިޒިޝަން ނެންގެވި ކަމަށެވެ.

އެވަގުުތު އެމަނިކުފާނަށް ކުރެވެން އޮތް ކަމަކީ އަލީ ވަހީދު މަގާމުން ދުރުކުރުން ކަމަށާ އަދި އޭގެ ފަހުން ފުލުހަށް މައްސަލަ ތަހުގީގު ކުރައްވަން އެންގެވި ކަމަށެވެ. މިހާރު އެ މައްސަލަ އޮތީ ޝަރީއަތުގެ މަރުހަލާގައި ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ކޯޓްގެ މަރުހަލާގައި އޮތް މައްސަލައެއްގެ ހިންގުމުގެ ތެރެއަށް އެމަނިކުފާނު ނުވަަންނަވާނެ ކަމަށާ އަދި ނުވެސް ވެންނެވޭނެ ކަމަށެވެ. ޝަރީއަތް ހިންގުމަށް ނުފޫޒު ނުފޯރުއްވާނެ ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް ސަރުކާރުން ދެއްވަންޖެހޭ އެއްބާރުލުމެއް އޮތް ނަމަ އެކަން ކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.