ޑރ. މުހައްމަދު ޖަމީލް އަހުމަދު

އެމްޑީޕީއަށް ލިބުނީ ކެހިވެރި މިތުރެއް: ޖަމީލް

ހަގީގީ އެމްޑީޕީއަށްވެސް ލިބުނީ ކެހިވެރި މިތުރެއްކަން މިއަަދު ސާފުވެއްޖެ ކަމަށް ވިދާޅުވެ ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ފާޑުވިދާޅުވެއްޖެ އެވެ.

ޖަމީލްގެ ފާޑުވިދާޅުވުމުން މިފަހަރު އައީ ރައީސް ސޯލިހް މިއަދު ނޫސްވެރިންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ހުންނެވީ މަޖިލީހުގެ މެޖޯރިޓީއާ އެކީ ކަމަށާ އެ މެޖޯރިޓީ ދަމަހައްޓަވާނެ ކަމަށް ވިދާޅުވި ވިދާޅުވުމަށް އިޝާރާތް ކުރައްވައެވެ.

ނޫސްވެރިންގެ ބައްދަލްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ވެރިކަމުގައި ހުންނެވިހާ ދުވަހަކު ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތު ހިފެހެއްޓުމަށްޓަކައި ކުރައްވަންޖެހިވަޑައިގަންނަވާ މަސައްކަތްތައް ކުރައްވާނެ ކަމަށެވެ.

ރައީސް ސޯލިހް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގައި ކޮންމެ ބޭފުޅަކު ހުންނެވި ނަމަވެސް ވެރިކަމެއް ކުރައްވާއިރު ވެރިކަމުގައި ހުންނަވާ ބޭފުޅަކަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އަކީ ވަރަށް މުހިއްމު އެއްޗެއް ކަމަށެވެ. މަޖިލީހުގެ މެޖޯރިޓީ ނެތި ވެރިކަން ކުރުން ވަނީ ވަރަށް އުދަނގޫ ކަމަކަށް ކަމަށާއި 2008 ވަނަ އަހަރުން ފެށިގެން އެކުލަވާލި ކޮންމެ ސަރުކާރަކުން ވެސް އެކަން ވަނީ ތަހައްމަލް ކޮށްފައި ކަމަށް ވިދާޅުވި އެވެ. އެގޮތުން އެމްޑީޕީން އެންމެ ފުރަތަމަ ވެރިކަމަށް އައި އިރު މަޖިލީހުގެ މެޖޯރިޓީ ނެތުމުން ވަރަށް ގިނަ ދަތިތައް ކުރިމަތިވިކަން ރައީސް ފާހަގަކުރެއްވި އެވެ. އަދި ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގެންނެވިއިރު މަޖިލީހުގެ މެޖޯރިޓީ އޮތް ކަމަށާއި ނަމަވެސް ފަހުން މެޖޯރިޓީ ގެއްލި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ، ވަޑައިގަތީ މުޅިން އެހެން މަގަކުން ކަމުގައި ވިދާޅުވި އެވެ.

"އެހެންވީމާ އަޅުގަނޑު ވެރިކަމުގައި ހުންނައިރުގައި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ހޯދަން އަޅުގަނޑު ވަރަށް ބޮޑަށް ބޭނުން. އެކަން އަޅުގަނޑު ކުރާނެ. އިރާދަކުރެއްވިއްޔާ މިއަދު އަޅުގަނޑު މިހުރީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީއާ އެކީގައި. އެހެންވީމާ ސަރުކާރު ސުމޫތުކޮށް ރައްޔިތުންނަށް ދޭންވާ ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އަޅުގަނޑު އިރާދަކުރެއްވިއްޔާ ހިފަހައްޓާނަން،" ރައީސް ވިދާޅުވިއެވެ.

ރައީސްގެ އެ ވާހަކަފުޅަށް އިޝާރާތް ކުރައްވާ ޖަމީލް ވިދާޅުވީ ދިވެހި ގައުމު ދަރަނިވެރިކޮށް މިސްރާބު ގެއްލި އަދި ބޭރު މީހުން ހުންގާނަށް ފައިބަން ފުރުސަތު ދިނީ ސީދާ ރައީސް ސޯލިހްގެ ވިސްނުމަށްކަން މިއަދު އެނގިއްޖެ ކަަމަށެވެ.

"މިވެރިކަމުގެ ނިމުމަށް އިންތިޒާރު ކުރާ މީހުން އިތުރުވެއްޖެ. ހަގީގީ އެމްޑީޕީއަށްވެސް މި ލިބުނީ ކެހިވެރި މިތުރެއްކަން މިއަދު ސާފު،" ރައީސް ސޯލިހް ވެރިކަމަށް ގެނައުމަށްވެސް މަސައްކަތް ކުރެއްވި ޖަމީލް ވިދާޅުވިއެވެ.

ރައީސް ނަޝީދާއި ހިޔާލުތަފާތުވުން އެބަހުރި ކަމަށާއި މަޖިލީހުގެ މެޖޯރިޓީ ހިފަހައްޓަވަން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވެފައި މިވަނީ އެމްޑީޕީގައި ރައީސް ނަޝީދާއި ރައީސް ސޯލިހަށް ތާއީދު ކުރައްވާ މަޖިލިސް މެންބަރުން ދެ ފެކްޝަނަކަށް ބެހިފައިވާތީ ސަރުކާރަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ވަގުތެއްގަ އެވެ.