ޕޮލިޓިކްސް

ޔާމީން - ޖަމީލް: އަމާޒު ޔަގީންތަ؟

ފެބުރުއަރީ 7، 2012 ގައި ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން "ކުއްލި ފުރޮޅުމަކުން" ބަދަލުވެ، އެމަނިކުފާނުގެ ނައިބު ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ރައީސް ކަމަށް ވަޑައިގަތެވެ. ނަޝީދުގެ ވެރިކަން ބަދަލުވުމާއެކު އެމްޑީޕީ އެކަށް މަގުމައްޗަށް ނުކުތެވެ. އޭގެ ފުރަތަމަ ދުވަހުވެސް ވަނީ އިއާދަ ނުކުރެވޭނެ ގެއްލުން ދައުލަތަށް ވިއެވެ. އަނެއްކޮޅުން ޕީޕީއެމާއެކު ޖޭޕީ އާއި ޑީއާރްޕީ އަދި އަދާލާތާއެކު ދެންވެސް އެމްޑީޕީއާ ދެކޮޅަށް އޮތިއްޔާ އޮތްބަޔަކު ސަރުކާރުގެ ތެރެއަށް ދެމިގަތެވެ.

އެހާ ހިސާބުން ހުރިހާ ލީޑަރުންނާއި ޕާޓީތައް ފޫގަޅާލީ ރައީސް ވަހީދުގެ ވެރިކަން ހިމާޔަތް ކޮށްދޭށެވެ. އިންޑިއާ އާއި އިނގިރޭސި ވިލާތާއި އެމެރިކާއިން ނުކުތީ އަލުން އެމްޑީޕީއަށް ވެރިކަން ހޯދައިދޭށެވެ. އެހެން ކަމުން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ބޯމަތިވެގެން އައީ ރާއްޖޭގެ ސިޔާސީ މަސްރަހު ވަރަށް ބޮޑަށް ހަލަބޮލިވެފައި އޮވެގެނެވެ.

އެހާ ހިސާބަށް ދިޔައިރު ލީޑަރުންގެ މެދުގައި އޮތް ބަދަހިިކަން ކުޑަވެ، ގުޅުންތަކަށް އޮތީ ބުރޫއަރާފަ އެވެ. ޑރ. މުހައްމަދު ޖަމީލް އަހުމަދަކީ ރައީސް ވަހީދުގެ ހޯމް މިނިސްޓަރެވެ. ރައީސް ޔާމީނަކީ، ވަހީދުގެ ސަރުކާރު ދެމެހެއްޓުމުގެ މައި ބަދަ އެވެ. އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓެވެ. ކުއްލި ގޮތަކަށް ރައީސް ޔާމީންގެ ރަނިންމޭޓަކަށް ޖަމީލް ނެގުމުގެ މަޝްވަރާތައް ފެށިއްޖެ އެވެ. އެކަން ހާމަކުރަން ތައްޔާރު ވަނިކޮށް ރައީސް ވަހީދަށް އެކަން އެނގިވަޑައިގެން ކެނބިނެޓުން ޖަމީލް ނަގައި ބޭރަށް "އެއްލައިލީ" އެވެ. އެހާ ހިސާބުން "ޔާމީން - ޖަމީލް" ނަން ވެސް ރަސްމީވީ އެވެ. އަދި "ޔާމީން ޖަމީލް - ޔަގީން" ގެ ޓީމެއް "އަމާޒު ޔަގީން" ސްލޯގަން އާއެކު ބޭރަށް ނުކުތެވެ. ޑީއާރްޕީގެ އަހުމަދު ތަސްމީން އަލީ، ވަހީދު އަރިހަށެވެ. ޑރ. ހަސަން ސައީދު ގާސިމް އަރިހަށެވެ. ޖަމީލާއި މުހައްމަދު ނާޒިމް، ޔާމީން އަރިހަށެވެ.

ޕޮލިޓިކަލް ކޭސް ސްޓަޑީއެއް ހަދައިފިއްޔާ "ޔާމީން - ޖަމީލް" ގެ ޓީމުން 2013 ވަނަ އަހަރުގެ ރިޔާސީ ކެންޕެއިންގައި ދެއްކީ ތަފާތު އަދި ނަމޫނާ ހިތްވަރެކޭ ބުނެވިދާނެ އެވެ. އެ ކެމްޕޭނުގައި ރައީސް ޔާމީނާއެކު މުޅި ޓީމު ނަގާ ކިޔާ ލީޑަރަކަށްވެ ވަޑައިގެން ހުންނެވީ "ގަދަފަދަ އަޑުގެ ވެރިޔާ" ޖަމީލެވެ. ރައީސް ޔާމީނާއެކު ފެއްޓެވި ކެމްޕޭންގައި ޖަމީލް ރާއްޖޭގެ ހުރިހާ ރަށަކަށް ތަކުރާރުކޮށް ވަޑައިގެންނެވި އެވެ. އެއްތާ ދެފައި ނުޖަހާ ކެންޕޭން އެއްވުންތަކާއި ހަފުލާތަކާއި ޖަލްސާތަކާއި ބައްދަލުވުންތައް ފޯރީގައި ކުރިއަށް ގެންދެވި އެވެ.

އުމަރު ނަސީރާއި ރައީސް ޔާމީން ވާދަ ކުރެއްވި ވަރުގަދަ ރިޔާސީ ޕްރައިމަރީއަށް ފަހު "ފާޑެއްގެ ގޮތެއް" ވެފައި އޮތް ޕީޕީއެމްގެ ގްރާސްރޫޓް ނަގާ ކޮޅަށްޖަހައި ކެންޕޭންގެ ފޯރި ހިއްޕައި ދިނީ ޖަމީލުގެ ހީވާގި ކަމުންނެވެ. އޭރު އެމްޑީޕީން ގޮވަމުން ދިޔައީ "ކޭކޭބީކޭ" އެވެ. އަދި ނިންމާނީ "އެއްބުރުން" ނޭ އެވެ. "ޔަމީން - ޖަމީލް" ގެ ޓީމުގެ ވާހަކައަކީ "އަމާޒު ޔަގީނެ" ވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުން ޖާގަ ހޯއްދެވީ "ޔާމީން - ޖަމީލާ" އި ރައީސް މުހައްމަދު ނަޝީދާއި ޑރ. މުސްތޮފާ ލުތުފީގެ ޕެއާ އެވެ. އެ ހިސާބުން 2008 ވަނަ އަހަރުގެ ހިތި ތަޖުރިބާއާ ގުޅިގެން މާބޮޑު ބަހުސެއް ނެތި ހުރިހާ ޕާޓީތައް ވެސް އިޚްތިޔާރު ކުރީ ދެވަނަ ބުރުގައި "ޔާމީން - ޖަމީލަ" ށް ތާއީދު ކުރާށެވެ. ޕީޕީއެމް ހިމެނޭ ގޮތަށް ބޮޑު ފަޅީގެ ފުޅާ ކޯލިޝަނެއް ހަދާށެވެ. އެ އަމާޒު ޔަގީންކޮށް 2013 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 17 ވަނަ ދުވަހުގެ ހެނދުނު 10:00 ޖެހި އިރު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ މަސްއޫލިއްޔަތާއި ހަވާލުވެވަޑައިގެންނެވީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ. ނާއިބަކީ ޖަމީލެވެ.

އެކްޒެކެޓިވް ޕަވާ ދެ ބޭފުޅުންނަށް ލިބި ވަޑައިގަތުމާއެކު ފެނުނީ ހީކުރި ވަރަށްވުރެ "ޔާމީން - ޖަމީލް" ގެ ސިޔާސީ ގުޅުމުގެ އުމުރު ކުރުވެގެން ދިޔަތަނެވެ. އަހަރު ދުވަސް ނުވަނީސް ދެ ބޭފުޅުންގެ މެދު މައްސަލަޖެހި، އަނގައިން ނުބުނެވޭ ހިސާބަށް ގޯސްވެއްޖެ އެވެ. ރައީސް އޮފީހުގައި ނައިބު ރައީސް ޖަމީލަށް އޮތް ހުރިހާ އިޚްތިޔާރެއް ނެތި، އެންމެ ފަހުން ނައިބު ރައީސް ހުންނަވާ ހިލާލީގެއިން ވެސް ނައިބަށް ޚިދުމަތެއް ނުލިބޭ ހިސާބަށް ކަންކަން ހަޑިވެއްޖެ އެވެ.

ކުރިން އަޑު ގަދަ އަދި އެހާ ހަރަކާތްތެެރި ނާއިބު ރައީސްގެ ދޮރުން ދޮރަށް ހިންގެވުމާއި، ރަށްރަށައް ކުރައްވަމުން ގެންދެވި ދަތުރުފުޅުތައް ވެސް އޮތީ އޮބި އަޅައި ހުއްޓުވާފަ އެވެ. އެހާ ހިސާބަށް ދިޔައިރު ގާތްގަނޑަކަށް ޖަމީލަކީ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ވެސް ގެންގުޅުނު ކަހަލަ ޖަމީލްގެ ފޮޓޯގަނޑެކެވެ.

އޭގެ ފަހަށް ޖަމީލަށް ކުރީ ބޮޑެތި ތުހުމަތުތަކެވެ. ދެރަވަރުގައި ބައެއް ބޭފުޅުން ޖަމީލަށް ފާޑުވިދާޅުވާން ފެއްޓެވި އެވެ. ޖަމީލް ކުރައްވާހާ ވެސް ކަމަކީ "ބޫޓް އޮފު ކުރައްވައިގެން އަރިއަކަށް ހިންގެވުމާއި، ތަޖުވީދު މަގުން ގުރުއާން ކިޔެވުން އެކަނި" ކަމަށް ވެސް އޭރު ސިފަ ކުރި އެވެ. ބާރުގަދަ ޕީޖީ ގުރޫޕްގެ ބައެއް މެންބަރުން ހިލާލީގެއަށް ޖަމާކޮށް ރޭވުންތައް ރާއްވަވާ ކަމުގެ ތުހުމަތު އޮތެވެ. އެންމެ ފަހުން ރައީސް ޔާމީންގެ ވެރިކަން ބަދަލު ކުރަން މަސައްކަތްކުރައްވާ ކަމަށް ތުހުމަތުކޮށް ފުރުސަތެއް ވެސް ނުދީ އިތުބާރުނެތް ވޯޓެއްގައި ބޭރުކޮށްލީ އެވެ.

މަގާމުން ދުުރުކުރިއިރު ޖަމީލް ހުންނެވީ އަމިއްލަފުޅަށް ލަންޑަނަށް "އަރުވާލެއްވި" ގެނެވެ. އެ ދަތުރުގައި ޖަމީލް ރާއްޖެއިން ބޭރަށް ވަޑައިގެންނެވީ ވެސް ހުރަސްތަކަކާއެކު އެވެ. ހަގީގަތުގައި އޭރު އޮތީ ޖަމީލު ސްރީލަންކާއަށް ވަޑައިގަންނަވަން ފުރުސަތެއް ދޭ ގޮތަށް ނޫން ކަމަށް ވެއެވެ.

އެކަން އެ ނިމުނީ އެވެ؛ ޖަމީލްގެ ސިޔާސީ މަސައްކަތް ދެން ފެށީ އިދިކޮޅު ފަރާތްތަކާއެކު އެވެ. އޭނާ ވެވަޑައިގެންނެވީ އިދިކޮޅު އިއްތިހާދުގެ ލީޑަރަށެވެ. އެ އިއްތިހާދާއެކު އިދިކޮޅު ޓީމު ދިޔައީ ވަރުގަދަވެ ބަދަހިވަމުން ބޮޑުވަމުންނެވެ. އެ ޓީމާއެކު ރައީސް ޔާމީންގެ ސަރުކާރަށް ބޭރުގެ ފިއްތުންތައް ކުރިމަތި ކުރުވާ، ކަންކަން ހަމަމަގަށް އެޅުވުމަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވި އެއް ބޭފުޅަކީ ޖަމީލެވެ. އެ މަސައްކަތް ކާމިޔާބުވެ އާ ސަރުކާރެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ނޮވެމްބަރު 17، 2018 އުފެދުނެވެ.

އެ ސަރުކާރުގައި މަގާމަކަށް ވަޑައިގަންނަވާކަށް ޖަމީލް ބޭނުންފުޅެއް ނުވި އެވެ. އެނާ ބޭނުންފުޅުވީ މަޖިލީހަށް ވަޑައިގަންނަވާށެވެ. ނަމަވެސް ރައީސް ސޯލިހާއި، ރައީސް ނަޝީދާއި އެމްޑީޕީން ކެންޕެއިން ކުރީ ޖަމީލާ ދެކޮޅަށެވެ. ޕީޕީއެމްގެ އެހީތެރި ކަމެއް ނެތެވެ. އެހެންވެ ޖޭޕީގެ ޓިކެޓްގައި ވާދަ ކުރައްވާ ޖަމީލަށް ކުރިމަތިވީ ނާކާމިޔާބީ އެވެ.

ރައީސް ޔާމީނާއި ޖަމީލް އަލުން ގުޅިވަޑައިގަންނަވާ ވާހަކަ އޮންނަތާ ދުވަސްތައް ވެއްޖެ އެވެ. އެކަމަކު މިދިއަ ބުރާސްފަތި ދުވަސްވީ ހައިރާން ކުރުވި ދުވަހަކަށެވެ. އަނެއްކާވެސް ޔާމީނާއި ޖަމީލް އެކުގައި ނުކުންނަވާ ސިޔާސީ ހަރަކާތުގެ ދަތުރުތައް ފެއްޓެވިކަން ޔަގީންވީ އެވެ. މި ފެށުމުގެ އަސްލަކީ މިދިއަ ރޯދަ މަހަށް މަރުހަބާ ކިޔަން ޕީޕީއެމުން ބޭއްވި ތަރާވީހެއްގައި ޖަމީލް ބައިވެރިވެވަޑައިގެންނެވިި ހިސާބެވެ. އެ ބައްދަލްވުމަށް ޖަމީލަށް ދައުވަތު ދެއްވީ ރައީސް ޔާމީނެވެ.

ރައީސް ޔާމީންގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއްކޮށް ދައުވާތައް އުފުލައި ޝަރީއަތް ހިނގަމުން ދާއިރު ޖަމީލް ޕީޕީއެމަށް ގެނައުމުގެ މަސައްކަތް ފެށުނީ ޕާޓީ ހީނަރުވިޔަ ނުދީ ބޭއްވުމުގެ މަގުސަދުގައި ކަމަށް ވެދާނެ އެވެ. އަދި އެއީ ޖަމީލްގެ މަސައްކަތް ރައީސް ޔާމީނަށް ޔަގީންވާތީ ކަމަށް ވެސް ވެދާނެ އެވެ. އެހެން ކަމުން މިފަހަރު ވެސް ރައީސް ޔާމީންގެ ޓީމް ނަގަހައްޓައިދޭނެ "ކައްޕި" އަކީ ޖަމީލް ކަމަށް ރައީސް ޔާމީން ގަބޫލުފުޅު ކުރައްވަނީ ކަމަށް ވުން ވަރަށް ގާތެވެ.

މި ކަމާ ގުޅޭ ގޮތުން ފާޅުގައި ވާހަކަ ދައްކަވަން ސިޔާސީ ބޭފުޅުން އަދި ބޭނުމެއް ނުވެއެވެ. ކޮންމެ ބޭފުޅަކު ވެސް ވާހަކަ ދައްކަވަން ބޭނުންފުޅު ވަނީ އެ ބޭފުޅެއްގެ ނަން އެއް ފަރާތްކޮށްލައިގެނެވެ.

ޕީޕީއެމްގެ އިސް ބޭފުޅަކު ވިދާޅުވި ގޮތުގައި ކުރިން ވެސް މަސައްކަތް ކުރެއްވި ގޮތަށް "ޔާމީން - ޖަމީލް" ގެ ފޯމިއުލާ އަދިވެސް މަސައްކަތް ކުރާނެ އެވެ. އަދި ޖަމީލް ރަސްމީކޮށް ޕީޕީއެމާއި ގުޅިވަޑަައިގެން ވަރުގަދަ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ޕީޕީއެމާއި އެ ޕާޓީގެ ބަނޑުދޮށުގައި ރިޒާވަށް ބާއްވާފައިވާ ކޮންގްރެސް ޕާޓީ ހަރަކާތްތެރި ކުރުވާނެ އެވެ. ސިޔާސީ މަސްރަހު އަދި އޮތް ގޮތުން އެކަމަށް ވަގުތުކޮޅެއް ނަގަނީ އެވެ.

އަލުން އިތުބާރު އުފައްދާނީ ކިހިނެތް؟

ކުރިން 2013 ގައި "ޔާމީން - ޖަމީލް" ގެ ގުޅުމަކީ ރީއްޗަށް ފެށުނު ގުޅުމެކެވެ. އެ ގުޅުމުގެ ތެރެއިން ވަރަށް ގިނަ ތަޖުރިބާތައް ދެ ބޭފުޅުންނަށް ވެސް ވަނީ ކުރެއްވިފަ އެވެ. ރައްޔިތުން އިންތިޚާބު ކުރެއްވި މަގާމުގައި ޖަމީލަށް ދެމި ހުންނެވީ މަދު ދުވަސްކޮޅަކަށެވެ. ދައުރުގެ ބާކީ މުޅިން ހޭދަ ކުރައްވަން ޖެހިވަޑައިގެންނެވީ ރާއްޖެއިން ބޭރުގަ އެވެ. އަމިއްލަ ސަރުކާރާއި ފިކުރާ ދެކޮޅަށް މަސައްކަތް ކުރައްވަން ޖެހި ވަޑައިގަތުން އެއީ ޖަމީލު ކުރެއްވި ތަފާތު ތަޖުރިބާއެކެވެ. އެތައް ފަހަރަކު ރައީސް ޔާމީނަށް ފާޑުވިދާޅުވެ ވާހަކަފުޅު ދެއްކެވި އެވެ.

ނަމަވެސް ޕަބްލިކް ޑޮމެއިންގައި ރައީސް ޔާމީން ޖަމީލަށް ފާޑު ވިދާޅުވެފައެއް ނުވެއެވެ. އެހެން ސިޔާސީ ލީޑަރުންނަށް ރައީސް ޔާމީން ވަރަށް ބޮޑަށް ބަހުގެ ހަމަލާތައް ދެއްވަމުން ގެންދެވިއިރު ވެސް ޖަމީލަށް ފާޑުކިޔުން އަމާޒެއް ނުކުރައްވަ އެވެ. އެހެންވެފައި އޮތުމުގެ ސަބަބުން ބައެއް ސިޔާސީ ބޭފުޅުންގެ ނަޒަރުގައި މިހާ ހިސާބަށް އާއިރު ދެ ބޭފުޅުން ގާތްގަނޑަކަށް ހަމަހަމަވީ އެވެ.

ޕީޕީއެމް / ކޮންގްރެސްގެ އިސް ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި ކުރިން ކޮންމެ ގޮތަކަށް ކަންކަން ހިނގާފައި އޮތް ނަމަވެސް އަލުން "ޔާމީން - ޖަމީލަ"ށް އެކުގައި މަސައްކަތް ކުރެވޭނެ އެވެ. އެ ގާބިލްކަން ދެ ބޭފުޅުންގެ ކިބައިގައި ވެއެވެ. އަދި އެއް ބޭފުޅަކު ސިފަ ކުރެއްވި ގޮތުގައި މިއީ ކޮއްޕައިދޭ ޑްރައިވް އަކާއި ނަތީޖާ ނެރެދޭ ޑްރައިވް އެކެވެ. ސިޔާސީ ގޮތުން ވަރަށް ފުރިހަމަ ޕެއާ އެކެވެ.

ދެ ބޭފުޅުންގެ ގުޅުން ގޯސްވީ އެކި ބޭފުޅުން ރައީސް ޔާމީނާއި އަދި ނައިބު ރައީސް ޖަމީލާ ހަމައަށް ގެންދިޔަ ހަގީގަތެއް ނެތް ވާހަކަތަކެއްގެ ސަބަބުން. އެކަން ރައީސް ޔާމީނާއި ޖަމީލަށް ވެސް މިހާރު ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާ،
ޕީޕީއެމްގެ ލިޑަޝިޕްގެ ބޭފުޅެއް

މިހާރު ރައީސް ޔާމީނާއި ޖަމީލާއެކު އަރި އަތޮޅަށް ވަޑައިގެން ހުންނެވި ޕީޕީއެމް / ކޮންގްރެސްގެ އިސް ބޭފުޅަކު ވިދާޅުވި ގޮތުގައި "ޔާމީން - ޖަމީލް" ގެ ގުޅުން ގޯސްކޮށްލީ އެހެން ބޭފުޅުންނެވެ. އަދި ވަކީން އިސްވެ އެހެން "ބޮޑު ބޭފުޅެ"އްގެ ރޭވުންތެރި ކަމުގެ ތެރެއިންނެވެ.

އެ ޕާޓީގެ އެހެން ބޭފުޅަކު ވިދާޅުވި ގޮތުގައި އެންމެ ފުރަތަމަ އެ ގުޅުން ހީނަރު ކުރީ ރައީސް މައުމޫނެވެ. އަދި ފަހުން ޖަމީލަށް ފަހު ނައިބު ރައީސް ކަމަށް ވަޑައިގެންނެވި އަހުމަދު އަދީބު ވެސް އެކަމުގައި ދައުރެއް އަދާކުރެއްވި އެވެ.

"ދެ ބޭފުޅުންގެ ގުޅުން ގޯސްވީ އެކި ބޭފުޅުން ރައީސް ޔާމީނާއި އަދި ނައިބު ރައީސް ޖަމީލާ ހަމައަށް ގެންދިޔަ ހަގީގަތެއް ނެތް ވާހަކަތަކެއްގެ ސަބަބުން. އެކަން ރައީސް ޔާމީނާއި ޖަމީލަށް ވެސް މިހާރު ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާ،" އޭނާ ވިދާޅުވި އެވެ. "އެފަދަ ކިތަންމެ ކަމެއް ހިނގާފައި ހުރި ނަމަވެސް އެހާ ފަސޭހައިން ދެ ބޭފުޅުންގެ ގުޅުން ރަނގަޅުވެ، އެކުގައި މަސައްކަތް ކުރަން ފެށުނީ އެހެން ވެގެން... އެދެން އަޅުގަނޑަށް ފެންނަ އެއްޗެއް،"

އެހެން ނަމަވެސް "ޔާމީން - ޖަމީލް" ގެ ވާދަވެރިންގެ ވާހަކަތައް ތަފާތެވެ. ވާދަވެރިންގެ ނަޒަރުގައި ޖަމީލަށް ގޮތް ހުސްވީ އެވެ. އަރާ ވަޑައިގަންނަވާނެ ގޮޅި ވެސް ހުސްވީ އެވެ. އަދި އަލުން ސިޔާސީ މައިދާނުގައި ޖާގައެއް ބޭނުންފުޅު ނަމަ ސިޔާސީ ކޮންމެވެސް އޮޑިއެއްގައި ހުންނަވަންޖެހިވަޑައިގަންނަވާނެތީ ޝަރީއަތެއްގެ ތާށީގައި ހުންނަވަނިކޮށް ވެސް ރައީސް ޔާމީން އަރިހަށް ވަޑައިގަންނަވާން މަޖުބޫރުވީ އެވެ.

މިއަށް ޖަމީލް ދެއްވާ ޖަވާބެއް ވެސް އެބައޮވެ އެވެ. "އަޅުގަނޑު އަބަދުވެސް ނިސްބަތް ވަނީ ޕީޕީއެމްގެ ފިކުރަށް" ޖަމީލްގެ ވާހައަކީ އެއީ އެވެ.

އެއާ ގުޅިގެން މިވަގުތު ޖަމީލް ހުންނެވީ ޖުމްހޫރީ ޕާޓީގެ މެންބަރެއްގެ ގޮތުގައި ނޫންތޯ އާއި އަދި އެޕާޓީ އޮތީ ސަރުކާރާއެކުގައި ނޫންތޯ އަހައިފިއްޔާ ޖަމީލް ވިދާޅުވާނީ ކީކޭ ހެއްޔެވެ؟ މިދިއަ ބުރާސްފަތި ދުވަހު އިދިކޮޅު ލީޑަރު އަދި ރައީސް ޔާމީނާއެކު އދ. އަތޮޅަށް ފުރާވަޑައިގަތުމުގެ ކުރިން ފާލަން މަތީން ނޫސްވެރިން ޖަމީލަށް އެ ސުވާލު ކުރި އެވެ.

"[އަޅުގަނޑަށް ފެންނަނީ] ޖުމްހޫރީ ޕާޓީއަކީ ވެސް ޕީޕީއެމްގެ ފިކުރުގެ ބައެއް ކަމަށް" ޖަމީލް ވިދާޅުވި އެވެ.

ޖަމީލް ތިޔަ ހުންނެވީ ރައީސް ޔާމީނާއެކުތޯ؟ އެއަށް ދެއްވީ ރައީސް ޔާމީން ދެއްވާ ކަހަލަ ކުރު ޖަވާބެވެ.

"އަޅުގަނޑު މިހުރީ ހަމަ، ތި ބޭފުޅުންނަށް ފެނިވަޑައިގަންނަވާ ނޫންތޯ؟"

ޖޭޕީ ރުޅި އައިސް ރަތް ވެފައި!

އދ. އަތޮޅަށް ރައީސް ޔާމީނާއެކު ވަޑައިގަތުމުން ޖުމްހޫރީ ޕާޓީ އޮތީ ހިތްހަމަ ނުޖެހިފަ އެވެ. އޭގެ ފަހަށް ހުކުރު ވިލޭރޭ މަހިބަދޫގައި ބޭއްވި ޖަލްސާއެއްގައި "ޕީޕީއެމް އަނބުރާ ވެރިކަމަށް އަންނަންޖެހޭ" ކަމަށް ޖަމީލް ވިދާޅުވުމުން ޖުމްހޫރީ ޕާޓީ ވަނީ ރުޅިއައިސް ރަތްވެފަ އެވެ.

ސިޔާސީ ކަންކަން އެކި ގޮތަށް ބަދަލުވި މާޒީއެއް އޮއްވާ އަދި ރާއްޖޭގެ ސިޔާސީ މަސްރަހު މިހާރު އޮތް ގޮތުން ކުއްލިއަކަށް އަނެއްކާ ވެސް "ޔާމީން - ޖަމީލ،ް" ފެނިލުމުން ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ.

ޖަމީލަކީ ޖޭޕީގެ މެންބަރަކެވެ. އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރެވެ. އަނެއްކޮޅުން ގާސިމަކީ މި ސަރުކާރު ހިއްސާވާ އެއް ޕާޓީގެ ލީޑަރެވެ. ޔާމީން އަރިހުގައި ޖަމީލް ކެންޕެއިނަށް ވަޑައިގަތުމުން ޖޭޕީ ރުޅި އައިސް ޕާޓީން ވަކި ކުރަން ގޮވާއިރު އަދި ސަރުކާރުގައި ތިއްބެވި ބައެއް އިސް ބޭފުޅުން އެކަމަށް ފާޑު ކިޔަމުން ދާއިރު އޭގެ މާނައަކީ ކޮބައި ހެއްޔެވެ؟ މާނައަކީ "ޔާމީން - ޖަމީލް" ގެ ސިޔާސީ ފޯމިއުލާއަކީ "އަމާޒު ޔަގީން" ފޯމިއުލާއަކަށް އަދިވެސް ވަނީ ހެއްޔެވެ؟

ޖަމީލް ލީޑް ކުރަން ޕްރޮގްރެސިވް ކޯލިޝަންގެ ރުހޭނެބާ؟

މިއީވެސް ކުޑަ ކަމަކަށް ނުވާނެ އެވެ. މިހާރުވެސް ރައީސް ޔާމީނާ އެންމެ ކައިރިއަށް ވަޑައިގެންނެވޭ ޓީމްގެ ބައެއް ބޭފުޅުން ވަނީ ޖޭޕީއަށް ބަދަލުވެފަ އެވެ. އަދި މީގެ ކުރިން 2013 ގައި ޖަމީލްގެ އަޑު ގަދަވެފައި އޭނާގެ މަސައްކަތް ބަރާބަރު ނަމަވެސް، ފަހުން އަމަލު ކުރެއްވި ގޮތުން އިދިކޮޅު ލީޑު ކުރެއްވުމުގެ ފުުރުސަތު ޖަމީލަށް ޕީޕީއެމް / ކޮންގްރެސް އިން ދޭނެ ހެއްޔެވެ؟ ނުވަތަ އެ ފުރުސަތު ދިނުމަށް ދެ ޕާޓީގެ އެންމެ އިސްވެރިންގެ ރުހޭނެ ހެއްޔެވެ؟

ކޮންގްރެސްގެ އިސް ބޭފުޅަކު ވިދާޅުވި ގޮތުގައި ކޮންމެ ކަމަކަށް ވެސް ރުހުން ލިބޭ ފުރުސަތަކީ ހާލަތެވެ. އެހެން ކަމުން ރައީސް ޔާމީން އެދިވަޑައިގެންފިނަމަ އިދިކޮޅު ލީޑް ކުރެއްވުމުގެ ފުރުސަތު ޖަމީލަށް ދޭން ދެ ޕާޓީން އޮތީ ތައްޔާރަށެވެ.

މިހާރު ރައީސް ޔާމީނަށް އުފުލާފައިވާ ދައުވާތަކާއި ގުޅިގެން ރައީސް ޔާމީން "ދަމާ ހަލާ" ގެންގޮސް "ޖަލަށް ލައިފާނެ" ކަމަށް އެ ބޭފުޅުން ގަބޫލު ކުރައްވަ އެވެ. ރައީސް ޔާމީން އިސްވެ ޖަމީލް ގެންނަވައި އިދިކޮޅު ބައްޓަން ކުރާނެ ގޮތް ދައްކަވަން މި ފެއްޓެވީ އެ ސަބަބާ ގުޅިގެން ކަމަށް ބައެއް ބޭފުޅުން މިހާރު ދެކެވަޑައިގަންނަވަ އެވެ.

ކޮންމެއަކަސް 2013 ވަނަ އަހަރު ރައްޔިތުން ވޯޓުން ރުހުން ދިން "ޔާމީން - ޖަމީލް" އަނެއްކާ ވެސް އެކުގައި ފެނިލީ އެވެ. އޭރު އެ ޓީމުގައި ހިމެނިވަޑައިގެން ކުރީގެ ރައީސް މައުމޫނާއި، އެތައް މަޖިލީސް މެންބަރެއް އަދި ކޯލިޝަން ޕާޓީއެއް ވެސް މިވަގުތަކު ކައިރިއަކު ނެތެވެ. ހަމައެކަނި އޮތީ ޕީޕީއެމް ގެއްލިދާނެ ކަމުގެ ބިރަށް ހަދާފައިވާ ވިލު ނޫ ކުލައިގެ ކޮންގްރެސް ޕާޓީ އެކަންޏެވެ. އެ ޕާޓީގައި ތިއްބެވީ ހަމަ ޕީޕީއެމްގެ ވެސް ވެރިންނެވެ. ރައީސް މައުމޫން ހުންނެވީ އާ ޕާޓީއަކާއެކު އަދުގެ ސަރުކާރު ދަމަހައްޓަން ކަމަރު ބަންނަވައިގެންނެވެ. އެކުގައި އޭރު އޮތް ވަރުގަދަ ޕީޖީ ގުރޫޕްގެ އެތައް މެންބަރުންނެއް ދާދިފަހުން، ސަރުކާރުގައި ހިމެނޭ ޖުމްހޫރީ ޕާޓީއަށް ވަނީ ބަދަލުވެފަ އެވެ. ޖަމީލަށް ވަފާތެރި "އަމީން، މަލީހް"ފަދަ ބޭފުޅުންވެސް ތިއްބެވީ މާދުރުގައެވެ. މިސަރުކާރުގެ ކެނބިނެޓްގައެވެ. އެކުވެރި އަހުމަދު ސިޔާމް މުހައްމަދެއްވެސް ނެތެވެ. ވީމާ "ޔާމީން - ޖަމީލް" އަމާޒު ދެން ވެސް ޔަގީން ވާނެ ހެއްޔެވެ؟