އިނގިރޭސި ރައްޔިތަކު އިނގިރޭސި ޕާސްޕޯޓްގައި ޖަރުމަނަށް އަރައި ބޭރު ގައުމަކަށް ޖާސޫސްކުރުމަކީ ގަބޫލުކުރަން ދަތި ކަމެއް ކަމަށް ޖަރުމަނުން ބުނެފި އެވެ.
ޖަރުމަނުގެ ޕްރޮސެކިއުޓަރު އޮފީހުން ބުނީ ރަޝިއާގެ އިންޓެލިޖެންސް އަށް ޖާސޫސްކުރި ކަމުގެ ތުހުމަތުގައި އިނގިރޭސި ރައްޔިތަކު ހިފަހައްޓައި އިދާރާތަކުން ސުވާލުކުރަމުން ގެންދާ ކަމަށެވެ. އިނގިރޭސިވިލާތުން ވެސް ވަނީ މިއީ ހިނގައިގެން އުޅޭ ކަމެއް ކަމަށް ބުނެފަ އެވެ. އެހެންނަމަވެސް މިކަމާ ގުޅޭ ގޮތުން ރަޝިއާ އިން އަދި ވާހަކައެއް ނުދައްކަ އެވެ.
ޖަރުމަނުގެ ފޮރިން މިނިސްޓަރު ހެއިކޯ މާސް ވިދާޅުވީ އެކުވެރި ގައުމެއްގެ ރައްޔިތަކަށް ބޮޑު ތުހުމަތެއް ކުރަން ޖެހުމަކީ ހިތާމަކުރައްވާ ކަމެއް ކަމަށާއި އެއީ ނުހިނގާ ކަމެއް ކަމަށް ބުނަން ހައްދަވާނެ ގޮތެއް ވެސް އެނގިވަޑައި ނުގަންނަވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ރަޝިއާއަށް ޖާސޫސްކުރަން އެއްވެސް މީހަކު ޖަރުމަނުގައި ހަރަކާތްތެރިވުމަކީ ވަރަށް ސީރިއަސް ކަމެއް ގޮތުގައި އެގައުމުން ދެކޭ ކަމަށެވެ. އޭނާ ވިދާޅުވީ އެފަދަ އެއްވެސް އަމަލަކަށް، ހަރަކާތަކަށް ދޫދެވެން ނޯންނާނެ ކަމަށެވެ.
ފޮރިން މިނިސްޓަރު ވިދާޅުވި ގޮތުން އިނގިރޭސިވިލާތުގެ ކަމާ ބެހޭ އިދާރާތަކަށް އެމަނިކުފާން އަދި ނުގުޅުއްވަ އެވެ. އިނގިރޭސި ރައްޔިތަކު ހައްޔަރުކުރަން ޖެހިފައި އޮތް ނަމަވެސް ގުޅުން ހުރި އިނގިރޭސި ވެރިއަކަށް ގުޅުއްވައި މަޝްވަރާއެއް ނުކުރައްވަ އެވެ. ވަޒީރު ވިދާޅުވީ އެމަނިކުފާނުގެ ފަރާތުން ތަހުގީގަށް ފޯރުކޮށްދޭން ޖެހޭ ހުރިހާ މައުލޫމާތެއް ދެއްވާނެ ކަމަށެވެ.
ޕްރޮސެކިއުޓަރު އޮފީހުން ހާމަކުރި މައުލޫމާތުގައި ޖާސޫސްކުރި މީހާއާ ބެހޭ ގޮތުން ބުނެފައި އޮތީ އޭނާގެ ނަމަކީ ޑޭވިޑް އެސް ކަމަށާއި އުމުރަކީ 57 އަހަރު ކަމަށެވެ. އޭނާއާ މެދު މިދިއަ އަހަރުގެ ނޮވެމްބަރުން ފެށިގެން ތުހުމަތުތަކެއް ކުރެވިފައި އޮތް ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ޑޭވިޑަކީ ޖަރުމަނުގެ ވެރިރަށް ބާލިންގައި ހުންނަ އިނގިރޭސި އެމްބަސީގައި މަސައްކަތްކުރި މީހެއް ކަމަށާއި ރަޝިއާގެ އިންޓެލިޖެންސް ސާވިސްއަށް ލިޔުންތަކެއް ފޮނުވާފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ. އޭގެ ބަދަލުގައި އޭނާއަށް ވަރަށް ގިނަ ފައިސާ ލިބުނު ކަމަށް ވެސް ވަނީ ބުނެފަ އެވެ.