ދުނިޔެ

ޓޭންކް ކޯލިޝަނުން ޔުކްރޭނަށް 140 ޓޭންކް އެބަ ލިބޭ: ކުލޭބާ

ޔުކްރޭންގެ ފޮރިން މިނިސްޓަރު ދިމިތުރޯ ކުލެބާ ނޫސްވެރިންނަށް ވިދާޅުވި ގޮތުގައި ހުޅަނގުގެ ގައުމުތަކުން ފޮނުވާ 140 ޓޭންކް ލަސްތަނެއް ނުވެ ޔުކްރޭނަށް ލިބޭނެ އެވެ. އޭނާ އަދި ވިދާޅުވީ އުންމީދަކީ ރަޝިއާއަށް ފިލާވަޅެއް ދެއްވުން ކަމަށެވެ.

ކުލެބާ ވިދާޅުވި ގޮތުގައި 140 ޓޭންކަކީ ފުރަތަމަ ބުރުގައި ޔުކްރޭނަށް ލިބޭ ވަރު ކަމަށެވެ. ޓޭންކް ކޯލިޝަނުން -- ޔުކްރޭނަށް ޓޭންކް ފޮނުވައިދޭ ގައުމުތަކުން އަދި އިތުރު ޓޭންކް ފޮނުވައިދޭނެ ކަމަށް ވެސް ފޮރިން މިނިސްޓަރު ވިދާޅުވި އެވެ.

ޓޭންކް ކޯލިޝަންގައި 12 މެމްބަރުން ތިބި ކަމަށް ކުލޭބާ ވިދާޅުވި އެވެ. ހުޅަނގުގެ މޮޑެލްތައް ހިމެނޭ ގޮތުން ފުރަތަމަ ޝިޕްމަންޓްގައި 120-140 ޓޭންކް ޔުކްރޭނަށް ލިބޭނެކަން ކަށަވަރުވެފައި ވާއިރު ހަމަލާތައް ކުރިއަށްދާ ގޮތަށް ބަލައި އިތުރު ޓޭންކް ލިބުމުގެ ފުރުސަތު އޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެހެން ނަަމަވެސް ޔުކްރޭނަށް ޓޭންކްތައް ލިބޭ ވަކި ތާރީހެއް ކުލެބާ ވިދާޅެއް ނުވެ އެވެ.

ޔުކްރޭނަށް ޓޭންކް ފޮނުވާ ގައުމުތަކުގެ ތެރޭގައި ނަގާ ކިޔަނީ އެމެރިކާ އެވެ. އެމެރިކާގެ ފަހަތުން އިނގިރޭސިވިލާތެވެ.

އިނގިރޭސިވިލާތުން ފޮނުވާ ޓޭންކްތައް ވަރަށް އަވަހަށް ޔުކްރޭނަށް ފޮނުވާނެ ކަމަށް އެ ގައުމުން ބުނެ އެވެ. އެމެރިކާއިން ވަކި ތާރީހެ ކަނޑަނޭޅި ނަމަވެސް 31 އަބްރަމަސް ޓޭންކް ފޮނުވާނެ ކަމަށް އޮތީ ބުނެފަ އެވެ.

ޖަރުމަނު ވެސް އޮތީ ޔުކްރޭނަށް ޓޭންކް ފޮނުވާ ގޮތަށެވެ. އެހެން ނަމަވެސް ވަކި އަދަދެއް ނުބުނެ އެވެ. ޖަރުމަނާއި ޔޫރަޕްގެ ބައެއް އެހެން ގައުމުތަކުން ޔުކްރޭނަށް ފޮނުވަން ނިންމާފައި ވަނީ -- ޖަރުމަނުގައި އުފައްދާ "ލެޕާޑް 2" މަރުކާގެ ޓޭންކްތަކެވެ.

ޔުކްރޭނަށް ޓޭންކް ފޮނުވުމަކީ ބޭކާރު ބޮޑު ގެއްލުމެއް ކަމަށް -- ޔުކްރޭން ހަނގުރާމައަށް ތާއީދުނުކުރާ ގައުމުތަކުން ބުނެ އެވެ. ރަޝިއާ އަކީ ސުޕާޕަވާއަކަށް ވެފައި އަދި ނިއުކްލިއާ ބާރަކަށް ވުމުން، ރަޝިއާއާ ހަނގުރާމަކުރުމަކީ ބިރު ބޮޑު ކަމެއް ކަމަށް ވެސް އެ ގައުމުތަކުން ބުނެ އެވެ.

ރަޝިއާ ބަލިވާނެ ކަމަށް ހުޅަނގަށް ހީވި ނަމަވެސް -- ހަނގުރާމައެއްގައި ރަޝިއާ ބަލިނުވާނެ ކަމަށް އެ ގައުމުގެ ވެރިން ވެސް ބުނެ އެވެ. ނިއުކްލިއާ ހަތިޔާރު ހުރި ގައުމެއް ހަނގުރާމައަކުން ބަލިކުރެވޭނެ ކަމަށް ގަބޫލުކުރުމަކީ މޮޔަކަމެއް ކަމަށް ވެސް ރަޝިއާ ބުނެ އެވެ.