ރަޝިއާއަށް ވަރަށް އަވަހަށް ވަޑައިގަންނަވާނެ ކަމަށް ޖަރުމަަނުގެ ޗާންސެލަރު އޯލަފް ޝޯލްޒް ވިދާޅުވެއްޖެ އެވެ.
ޝޯލްޒް ވިދާޅުވި ގޮތުން ރަޝިއާއަށް ވަޑައިގަތުމުގެ ބޭނުންފުޅަކީ، ރަޝިއާ އާއި ޔުކްރޭން މައްސަލާގައި، ރަޝިއާގެ ރައީސް ލަޑިމިއަރު ޕޫޓިންއާ މަޝްވަރާ ކުރައްވައި ދެގައުމު ސުލްހަ ކުރުމަށް ބާރުއެއްޅުއްވުމެވެ.
ރަޝިއާ-ޔުކްރޭން މައްސަލާގައި މުޅި ދުނިޔެ އޮތީ ކަންބޮޑުވެފަ އެވެ. ޝޯލްޒް ވިދާޅުވި ގޮތުން ޔޫރަޕްގެ ހުރިހާ ގައުމެެއް ގުޅިގެން ރަޝިއާ އާއި ޔުކްރޭން ސުލްހަކުރަން ޖެހިފައި އޮތް ކަމަށެވެ.
އޯލަފް ޝޯލްޒް ވިދާޅުވި ގޮތުގައި ޕޫޓިންއަށް ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވާތާ ދުވަސްކޮޅެއް ވެއްޖެ އެވެ. އޭނާ އަދި ވިދާޅުވީ އެއްމޭޒު ދޮށުގައި ކުރެވޭ މަޝްވަރާތައް ގިނަ ދުވަހަށް ދެމިގެން ދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
ރަޝިއާއަށް ވަޑައިގަތުމުގެ ކުރިން ޝޯލްޒް އެމެރިކާއަށް ވަޑައިގަންނަވާނެ ކަމަށް ޚަބަރުތައް ބުނެ އެވެ. އޭނާ ވެސް ވަނީ ތަންކޮޅެއް ކުރިން އެފަދަ މޭރުމަކުން ބަސް ވިދާޅުވެފަ އެވެ. ބެލެވޭ ގޮތުގައި އެމެރިކާއަށް ޝޯލްޒް ވަޑައިގަންނަވަނީ މަޝްރަހުގައި ދެކެވޭ ވާހަކަތައް އެއްގޮތް ކުރުމަށެވެ.
ރަޝިއާ-ޔުކްރޭން މައްސަލާގައި ޖަރުމަނު ހިމޭނުން އޮންނަ ކަމަށް ބުނެވޭ ކަމަށް ސުވާލު ދެންނެވުމުން ޝޯލްޒް ވިދާޅުވި މިހާރު ވެސް އެންމެ ބޮޑު އެހީތެރިކަމެއް ވެދެވިފައި އޮތީ ޔުކްރޭނަށް ކަމަށެވެ. އޭނާ އަދި ވިދާޅުވީ ނެޓޯ މެދުވެރިކޮށް ވެސް ޖަރުމަނު އެހީތެރިވާ ކަމަށެވެ.
ޔުކްރޭނުގައި މިހާރު އޮތީ ހުޅަނގަށް ފޫޅުކަނޑާފައި އޮތް ސަރުކާރެކެވެ. އެގައުމުގައި މިހާރު ހުންނެވި އެލެގްޒެންދަރު ޒީލިއަންސްކީ އަކީ އެމެރިކާ އާއި ޔޫރަޕަށް ވެރިކަންކޮށްދޭ ބޭފުޅެކެވެ. ސަރަހައްދީ މަސްލަހަތުގައި ހުރިހާ ނުބައެއް އުފައްދަނީ އެމެރިކާ އާއި އިނގިރޭސިން އަޑީގައި ތިބެގެންނެވެ.
އެމެރިކާ އާއި އިނގިރޭސިވިލާތުން ޔުކްރޭނަށް ވިސްނައިދެމުން ގެންދަނީ 2014 ގައި ރަޝިއާއިން ކްރައިމިއާއަށް އަރައިގަތް ގޮތަށް ޔުކްރޭނަށް ވެސް އަރައިގެންފާނެ ކަމަށާއި ނޭޓޯ މެދުވެރިކޮށް ދިފާއު ވަރުގަދަ ކުރަން ޖެހޭ ކަމަށެވެ.
ރަޝިއާ އެންމެ ބޮޑަށް ދެކޮޅު ހަދަނީ ޔުކްރޭނަށާއި ޖޯޖިއާއަށް ނޭޓޯ މެމްބަރުކަން ދިނުމަށް އެމެރިކާ އާއި ބައިވެރިން ގެންގުޅޭ ސިޔާސަތަށެވެ. ރަޝިއާ ބުނާ ގޮތުން އެކަން ކޮށްފި ނަމަ މަސްލަހަތު ގެއްލުނީ އެވެ.