އެމިރޭޓްސް އެއާލައިންގެ އާ އިޝްތިހާރު ފެނިފައި އެއްބަޔަކު ހައިރާންވެގެން ގޮސް ބަސް ހުއްޓިފައިވާއިރު އަނެއް ބަޔަކު ގަތީ ބިރެވެ. ޔޫއޭއީ އަށް ނިސްބަތްވާ މި އެއާލައިންގެ މި އިޝްތިހާރުގައި ފެންނަނީ ޑުބާއީގައި ހުންނަ ދުނިޔޭގެ އެންމެ އުސް ބިލްޑިންގްގެ މަތީގައި އަންހެނަކު ކޮޅަށް ހުއްޓަ އެވެ.
ތެއްތިރީސް ސިކުންތުގެ މި ޕްރޮމޯޝަނަލް އިޝްތިހާރު ރިލީޒްކުރީ އިނގިރޭސި ވިލާތާއި ޔޫއޭއީ އާ ދެމެދު ކަރަންޓީނާ ނުލާ މީހުންނަށް ދަތުރުފަތުރު ކުރުން ހުއްދަ ކޮށްފައިވާކަން އިއުލާން ކުރުމުގެ ގޮތުންނެވެ. މި އިޝްތިހާރު ޝޫޓްކޮށްފައިވަނީ ގްރީން ސްކްރީން ނުވަތަ ސްޕެޝަލް އިފެކްޓްސް އާ ނުލަ އެވެ.
ވީޑީއޯގައި ފެންނަނީ އެމިރޭޓްސް އެއާލައިންސްގެ ފްލައިޓް އެޓެންޑެންޓެއްގެ ޔުނިފޯމްގައި ހުރި އަންހެނެކެވެ. އޭނާގެ އަތުގައި މެސެޖުތަކެއް ލިޔެފައިވާ ބޮޑުތަކެއް ހުއްޓެވެ. ޔޫއޭއީ އާއި ޔޫކޭ އާ ދެމެދު ކުރާ ދަތުރުތަކާ ބެހޭ މެސެޖުތަކެކެވެ.
މި އިޝްތިހާރުގައި ފެންނަ ގޮތަށް ހަގީގަތުގައިވެސް އެ ފްލައިޓް އެޓެންޑެންޓް އަރާ ހުރީ ބުރުޖް ޚަލީފާ މައްޗަށެވެ. ނަމަވެސް އިޝްތިހާރުން ފެންނަ އަންހެންމީހާ އަކީ ފްލައިޓް އެޓެންޑެންޓެއް ނޫނެވެ. އެއީ ތަމްރީނު ލިބިފައިވާ ސްޓަންޓް އާޓިސްޓެއް ކަމަށްވާ ނިކޯލް ސްމިތު-ލުޑްވިކް އެވެ.
ނިކޯލް އިންސްޓަގްރާމްގައި ޝެއާކުރި މެސެޖެއްގައި ބުނީ އެއީ އޭނާ ހެދި އެންމެ އަޖައިބު އަދި ހިތްހަމަޖެހުނު ސްޓަންޓް ކަމަށެވެ.
މިހާ މޮޅު ޚިޔާލެއް އުފަން ކުރުވީތީ އެމިރޭޓްސް އެއާލައިނަށް ނިކޯލް ވަރަށް ތައުރީފުކުރި އެވެ.
ނިކޯލްގެ އިންސްޓަގްރާމް ބައޯގައި ލިޔެފައިވާ ގޮތުގައި އޭނާއަކީ ދުނިޔޭގައި ދަތުރުކުރާ މީހެކެވެ. ސްކައި ޑައިވަރެކެވެ. ޔޯގާ އިންސްޓްރަކްޓަރެކެވެ. ހައިކާ އަދި އެޑްވެންޗަރާ އެއް ވެސް މެއެވެ.
މި ވީޑިއޯގެ ޚިޔާލު ކިތަންމެ މޮޅަސް ވީޑީއޯ ބެލި މީހުންގެ ޚިޔާލުތައް ވީޑިއޯއާ މެދު ވަނީ މަސްހުނި ވެފަ އެވެ. އެއްބަޔަކު އަޖައިބުވެ އަންތަރީސްވިއިރު އަނެއްބަޔަކު އިޝްތިހާރު ބަލާފައި އެމިރޭޓްސް އެއާލައިން ދެކެ ރުޅިއައިސްގެން އެތިވަރު ކިއެވެ. އެއްވެސް ސޭފްޓީ އިކްވިޕްމަންޓެއް ނެތި އަންހެނަކު ބުރުޖު ޚަލީފާ މައްޗަށް އެރުވީމަ އެވެ.
މީހުންގަނޑު ރުޅިއައިސްގެން އެއްޗެތި ކިޔަން ފެށީމާ އެމިރޭޓްސް އިން ވަނީ މި އިޝްތިހާރު ޝޫޓްކުރި ގޮތް ދައްކުވައިދޭ ވިޑިއޯއެއް ރިލީޒްކޮށްފަ އެވެ. ވީޑިއޯ އިން ފެންނަނީ ނިކޯލްގެ ރައްކާތެރިކަމަށް ވެސް ގިނަ ފިޔަވަޅުތަކެއް އަޅާފައި ހުއްޓަ އެވެ.
ބުރުޖް ޚަލީފާ ބިނާކުރީ 2010 ގައެވެ. މި ބިނާ ބިމުން ފެށިގެން އެންމެ އުސް ހިސާބާ ދެމެދު 828 މީޓަރު ހުރެ އެވެ. މިއީ މުޅި ދުނިޔޭގެ ވެސް އެންމެ އުސް ތަނެވެ.