ލައިފްސްޓައިލް

ދަތްއެޅި ހަރުފަ ގައިގައި ދަތްއެޅުމުން ހަރުފައާއި މީހާ މަރު

އިންޑިއާގެ ބިހާރުގެ މީހެއްގެ ގަޔަށް ހަރުފަ ވިހަ ލުމުން އައި ރުޅިން ހަރުފަ ގައިގައި ދަތްއެޅުމުގެ ސަބަބުން ހަރުފަ އާއި މީހާ ވެސް މަރުވެއްޖެ އެވެ.

އެމީހާ މަރުވީ ހަރުފަ ވިހަޔަށް ބޭސް ކުރަން ވެސް އެއްބަސް ނުވުމުން ހަރުފަ ވިހަ ވެގެންނެވެ. މި ހާދިސާ ހިނގީ ނަލަންދާ ޑިސްޓްރިކްޓްގެ މަދޯޕޫރް-ޑިހް އަވަށުގަ އެވެ.

މިދިޔަ އާދިއްތަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ރާމާ މަހްޓޯ، 65، ގެ ފަޔަށް ހަރުފަ ވިހަލީ އޭނާގެ ގޭގައި އިންދަ އެވެ. ހަރުފަ ވިހަ ލުމާއެކު އައި ރުޅިން އެމީހާ ހަރުފަ ހިފައި އެ ސޮރުގެ ގައިގައި ދަތް އަޅައި ހަފަން ފެށި އެވެ.
"ކަލޭ މަގޭގައި ދަތް އެޅީތީ މަ ވެސް ކަލޭގެ ގައިގައި ދަތް އަޅާނަން،" ހަރުފަ ގައިގައި ދަތް އަޅަމުން ރާމާ ހަޅޭއްލަވަމުން ދިޔަ އެވެ.

ހަރުފަ ގައިގައި ރާމާ ދަތް އަޅަމުން ދިޔައިރު ހަރުފަ ވެސް ރާމާގެ ކިބައިން ސަލާމަތްވާންވެގެން އެތައް ފަހަރަކު އޭނާގެ މޫނުގައި ދަތް އެޅި އެވެ. ހަރުފަ މަރުވިއިރު އެ ސޮރު ދަތްއެޅުމުގެ ސަބަބުން ރާމާގެ މޫނު އޮތީ ވަރަށް ބޮޑަށް ޒަޚަމް ވެފަ އެވެ.

ރާމާގެ އާއިލާގެ މީހުން އޭނާ ހޮސްޕިޓަލަށް ގެންދަން ވެގެން މަސައްކަތް ކުރުމުން ރާމާ އެކަމާ ދެކޮޅުހަދައި ހޮސްޕިޓަލަށް ނުދިޔައީ އެވެ.

ރާމާގެ ގައިގައި ދަތް އެޅީ އިންޑިޔާގައި އުޅޭ އެންމެ ވިހަގަދަ ހަރުފަ ތަކުގެ ތެރޭގައި ހިމެނޭ ހަރުފަ އެކެވެ.
ބިހާރުގައި ހަރުފަ ވިހަލައިގެން އަހަރަކު ގާތްގަނޑަކަށް 4500 މީހުން މަރުވެ އެވެ. އަދި ފާއިތުވީ 20 ވަރަކަށް އަހަރުގެ ތެރޭގައި އިންޑިޔާގެ 1.2 މިލިއަން މީހުން ހަރުފަ ވިހަލައިގެން މަރުވެފައިވާ ކަމަށް އެ ގައުމުގެ ރަސްމީ ރެކޯޑްތަކުން ދައްކަ އެވެ. މި ނިސްބަތަށް ބަލާއިރު އިންޑިޔާގައި އަހަރަކު 58،000 މީހުން ހަރުފަ ވިހަލައިގެން މަރުވެ އެވެ. މީގެ ތެރޭގައި ގިނައީ އުމުރުން 30-69 އަހަރާ ދެމެދުގެ މީހުންނެވެ. އަދި މަރުވާ މީހުންގެ ހަތަރުބައިކުޅަ އެއްބަޔަކީ 15 އަހަރު ނުފުރޭ ކުޑަ ކުދިންނެވެ.

ވިއްސާރަ މޫސުން އައުމުން ޖަންގަލީގައި އުޅޭ ހަރުފަތައް މީހުން ދިރިއުޅޭ ގޭގެއަށް ވަނުން ވަރަށް އާއްމު ކަމަކަށް ވެއެވެ.