އިންޑިއަން ސްޕޭސް ރިސާޗް އޮގަނައިޒޭޝަން (އިސްރޯ) ޖައްވަށް ސެޓެލައިޓެއް ފޮނުވަން މިއަދު ކުރި މަސައްކަތް ފޭލިވެއްޖެ އެވެ. އިސްރޯ އިން ވިސްނާފައި އޮތީ ވަކި ލޯންޗާއެއްގައި ސެޓެލައިޓް ބިމުން އުފުލައި ހަވަޔަށް ދޫކޮށްލާ ގޮތަށެވެ.
އިންޑިއާގެ ސައިންސްވެރިން މިސެޓެލައިޓް – ޖީއެސްއެލްވީ-އެފް10 އިންޖިނިއާކޮށްފައި ވަނީ ސެޓެލައިޓް އޮންނަންވާ ދާއިމީ އޯބިޓް އަމިއްލައަށް ދެނެގަނެ ދަތުރުކޮށް ގޮސް އެތަނުގައި ދެމިއޮންނަ ގޮތަށެވެ. އެހެން ނަމަވެސް ސައިންސްވެރިން އުންމީދުކުރި ގޮތަށް ސެޓެލައިޓާ ގުޅުން ހުރި ނިޒާމްތައް މަސައްކަތެއް ނުކުރި އެވެ.
ޖީއެސްއެލްވީ-އެފް10 ލޯންޗްކުރުމަށް ފަހު ހިނގައިދިޔަ މަރުހަލާތައް ތިންވަނަ ސްޓޭޖާ ހަމައަށް ދިޔައީ ރާވާފައި އޮތް ގޮތަށެވެ. އެހިސާބުން ދިމާވި ޓެކްނިކަލް މައްސަލަކާ ހެދި މިޝަން ފޭލިވި ކަމަށް ކޮންޓްރޯލް ރޫމުން އެނައުންސްކުރި އެވެ. މިކަމާ ގުޅުން ހުރި މާބޮޑު ތަފުސީލެއް އަދި ނުދެ އެވެ.
އިންޑިއާއަކީ ޖައްވަށް ސެޓެލައިޓް ފޮނުވަން އާގައުމެއް ނޫނެވެ. އިންޑިއާ ނޫން ގައުމުތަކަށް ވެސް އިސްރޯއިން ވަނީ ސެޓެލައިޓް ފޮނުފައިދީފަ އެވެ. މިއަހަރު ކުރީކޮޅު ބްރެޒިލްއަށް ވެސް ސެޓެލައިޓް ފޮނުވައިދީފައިވެ އެވެ. މިއީ 2017 އަށް ފަހު އިސްރޯ އަތުން ދޫވި ފުރަތަމަ ސެޓެލައިޓެވެ. އިސްރޯއިން ވަނީ ޖެހިޖެހިގެން 14 ސެޓެލައިޓް ކާމިޔާބުކަމައެކު ޖައްވަށް އުފުލާފަ އެވެ.
އިންޑިއާއިން ޖައްވުގައި ބާއްވަން މަސައްކަތްކުރި ޖީއެސްއެލްވީ-އެފް10 އާމެދު ބުނެވުނީ އެއީ ތޫނު ލޮލަކަށް ވާނެ ކަމަށެވެ. އިންޑިއާ ނޫސްތަކުން ބުނެފައި އޮތީ ސެޓެލައިޓްގެ ބޭނުމަކީ އިންޑިއާ ސަރަހައްދު، ޚާއްސަކޮށް ސަރަހައްދީ ރޮނގު – ވަގުތުން ވަގުތަށް ބެލެހެއްޓުން ކަމަށެވެ.
އިންޑިއާއާ ޗައިނާ ގުޅޭ ސަރަހައްދާއި ހިމާލިޔާ ވަށައިގެން އިންޑިއާއަށް އޮތް ފަޅި އަދި ޖައްމޫ-ކަޝްމީރަކީ ވެސް ދޭތެރެ ދޭތެރެއިން އުތުރިއަރާ ތަންތަނެވެ. މިސަރަހައްދުތަކުގައި ވާނުވާ ބަލައި ފޮޓޯނަގައި ވީޑިއޯކުރުމަށް އިންޑިއާއިން އޮތީ ވިސްނާފަ އެވެ.
އިންޑިއާގެ ޖައްވީ އިދާރާ، އިންޑިއަން ސްޕޭސް ރިސާޗް އޮގަނައިޒޭޝަން (އިސްރޯ) އިން މިސެޓެލައިޓް ބޭއްވުމަށް ކަނޑައަޅާފައި ވަނީ 36،000 ކިލޯމީޓަރު އުހުގައި، ތާއަބަދު އިންޑިއާއަށް ބަލަހައްޓައިގެން އޮންނަ އޯބިޓެއްގަ އެވެ.