ސްރީލަންކާ

ލަންކާގައި ދިވެހި ކުންފުންޏަކުން ޔޮޓު ބަންނަ ފެސިލިޓީއެއް އަޅަނީ

ލަންކާގެ ސިޓީއެއް ކަމަށްވާ ހަންބަންޓޯޓާގައި ދިވެހި ކުުންފުންޏަކުން ޒަމާނީ ފެންވަރުގެ ޔޮޓު ފަހަރު ބަންނަ ފެސިލިޓީ އެއް އަޅަން ސޮއިކޮށްފި އެވެ.

އެ ފެސިލިޓީ އަޅަން މިދިޔަ ހޯމަ ދުވަހު ސޮއި ކުރީ ސީ ހޯސް ޔޮޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާއި އެކުގަ އެވެ. އެއީ ދިވެހި ހިއްސާދާރުންތަކެއް ލަންކާގެ ހަންބަންޓޯޓާގައި ރަޖިސްޓްރީ ކޮށްފައިވާ ކުންފުންޏެކެވެ.

އެއްބަސްވުމުގައި ސީ ހޯސް ޔޮޓްސްގެ ފަރާތުން ސޮއިކުރެއްވީ، އެކުންފުނީގެ ރައީސް އަލީ ހުސައިން ދީދީ އެވެ. އަދި ހަންބަންޓޯޓާ އިންޓަނޭޝަނަލް ޕޯޓް ގްރޫޕުގެ ފަރާތުން ސޮއިކޮށްފައިވަނީ، އެކުންފުނީގެ ސީއީއޯ ޖޯންސަން ލިއު އެވެ.

ސޮއިކުރުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ފަރާތުން ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވަ ސަފީރު އުމަރު އަބްދުލް ރައްޒާގު ފެނިގެން ގޮސްފައިވެ އެވެ. އަދި ލަންކާގެ ޔޫތް މިނިސްޓަރު ނަމަލް ރާޖަޕަކްސަ ވަނީ މިރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފަ އެވެ.

ދިވެހި ސަފީރު އުމަރު އަބްދުލް ރައްޒާގު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ލަންކާއާއި ރާއްޖެ މީގެ އެތައް ސަތޭކަ އަހަރު ކުރިން ގުޅުން ބަދަހި ކުރީ ކަނޑުދަތުރު ފަތުރުގެ ތެރެއިން ކަމަށެވެ. އަދި މިއެއްބަސްވުމުގެ ދަށުން ބަންނަ ބޯޓުތަކަކީ ޒަމާނީ ފެންވަރުގެ އެންމެ ފަހުގެ އީޖާދީ ފަންނުވެރިކަމާއި އެކު ބަނދެވިގެން ދާނެ ބޯޓުތަކަކަށް ވެގެންދާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. މިފަދަ އެއްބަސްވުންތަކާއެކު ދެ ގައުމު ދެމެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާވެ ބަދަހި ވެގެން ދާނެ ކަމަށްވެސް ވިދާޅުވި އެވެ

ލަންކާގެ ހަންބަންޓޯޓާގައި ގާއިމުކުރާ ޔޮޓު ބަންނަ ފެސިލިޓީ އަކީ، ހަންބަންޓޯޓާ ޕޯޓުގެ ތަރައްގީގެ މަޝްރޫއެކެވެ. މި އެއްބަސްވުމުގެ އަގަކީ ގާތްގަނޑަކަށް 58 މިލިއަން ޑޮލަރެވެ. މިއީ ގާތްގަނޑަކަށް 894 މިލިއަން ދިވެހި ރުފިޔާގެ އިންވެސްޓްމެންޓެކެވެ. އޭގެ ދަށުން ދަށުން ޒަމާނީ ފެންވަރުގެ ޔޮޓް ބަންނަ ބޯޓް ޔާޑެއް ގާއިމު ކުރެވޭނެ އެވެ.