އެންވަޔަރަންމަންޓް މިނިސްޓްރީ އާއި ވާލްޑް ބޭންކް ގުޅިގެން ކުރިއަށް ގެންދާ ރިނިއުވަބަލް އެނާޖީ އިންވެސްޓާ ކޮންފަރެންސް (އާރްއީއައިސީ) މިއަދު ފަށައިފި އެވެ. މިއީ އިއާދަކުރަނިވި ހަކަތައިގެ ދާއިރާއާއި ގުޅުންހުރި އެތައް މައުލޫމާތެއް ހިއްސާކުރާ ކޮންފަރެންސެކެވެ.
ބަނޑޮސް މޯލްޑިވްސްގައި 120 އަށް ވުރެ ގިނަ ބައިވެރިންނާ އެކު ފެށި މި ކޮންފެރެންސްގައި ޖުމްލަ 141 އިންވެސްޓަރުން ވަނީ މި ކޮންފަރެންސްގައި ބައިވެރިވުމަށް ރަޖިސްޓާކޮށްފަ އެވެ. މީގެތެރެއިން 67 އިންވެސްޓަރުން ކޮންފަރެންސްގައި ބައިވެރިވަނީ ވާޗުއަލް ކޮށެވެ.
މި ކޮންފަރެންސްގެ މަގުސަދަކީ ވާލްޑް ބޭންކުގެ އެހީގައި އެންވަޔަރަންމަންޓް މިނިސްޓްރީން ހިންގުމަށް ރާވައިފައިވާ އިއާދާކުރަނިވި ހަކަތައިގެ މަޝްރޫއުތަކަށް ޕްރައިވެޓް އިންވެސްޓްމަންޓް ހޯދުމާއި އަދި އެ ދާއިރާއަށް ހުރި ފުރުސަތުތަކުގެ މައުލޫމާތު އިންވެސްޓަރުންނަށް އަންގައިދިނުމެވެ. ރާއްޖެ ނެޓްޒީރޯ އެމިޝަން ގައުމަކަށް ހެދުމަށް ގެންގުޅޭ ތަސައްވުރާއި، ހަކަތައިގެ ދާއިރާ ތަރައްގީކުރުމަށްޓަކައި މިހާރު މިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކާއި ކުރިއަށް ކުރުމަށް ރާވާފައިވާ ކަންކަމުގެ މައުލޫމާތު މޮކޮންފަރެންސްގައި އިންވެސްޓަރުންނަށް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން ޖުމްލަ 17 ގައުމަކުން އިންވެސްޓަރުން މިކޮންފަރެންސްގައި ބައިވެރިވެ އެވެ.
މާދަމާގެ ނިޔަލަށް ކުރިއަށްދާ މި ކޮންފަރެންސްގައި އެންވަޔަރަންމަންޓް މިނިސްޓްރީން ހިންގާ އެރައިސް މަޝްރޫއުގެ ދަށުން އިއުލާންކޮށްފައިވާ 16 މެގަވޮޓް އިއާދަކުރަނިވި ހަކަތައިގެ މަޝްރޫއާއި އަދި އައްޑޫ ސިޓީގެ މޫދުގައި ގާއިމުކުރާ 10 މެގަވޮޓް ފްލޯޓިން ސޯލާ ޕީވީގެ ނިޒާމުގެ މައުލޫމާތު އިންވެސްޓަރުންނަށް ދޭނެ އެވެ.
ވާލްޑް ބޭންކުން ހަކަތައިގެ ދާއިރާއަށް ހިންގާ މަޝްރޫއުތަކާއި އަދި އެ މަޝްރޫއުތަކުގެ ރިސްކް މިޓިގޭޝަން ފްރޭމްވާކްގެ މައުލޫމާތު އިންވެސްޓަރުންނާ ހިއްސާކުރުމަށް ވެސް ހަމަޖެހިފައިވެ އެވެ. އަދި ވާލްޑް ބޭންކްގެ އެސްޕަޔާ އަދި އެއިސް މަޝްރޫއަށް ކަނޑައަޅާފައިވާ ރިސްކް ކަވަރޭޖް އަދި ގެރެންޓީ މެކޭނިޒަމްގެ މައުލޫމާތުވެސް މި ކޮންފަރެންސްގައި ހިއްސާކުރާނެ އެވެ.