ރައީސް އިބްރާހީމް މުހައްމަދު ސޯލިހަކީ އަދާލަތު ޕާޓީގެ ބޭފުޅެއް ކަމަށް ދޭހަވާ ގޮތަށް އެމްޑީޕީ އިސް މެންބަރެއް ކަމަށްވާ ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފު ވިދާޅުވި މައްސަލަ ބެލުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕަށް ހުށަހަޅައިފި އެވެ.
އެ މައްސަލަ ޕީޖީ ގުރޫޕަށް ހުށަހެޅުއްްވީ އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް އެވެ.
ހަސަން އަފީފްގެ މައްސަލަ ޕީޖީ ގުރޫޕަށް ހުށަހަޅާފައި މިވަނީ "ރައީސް ސޯލިހް ހުންނެވީ އަދާލަތު ޕާޓީގައި ނޫން ކަމެއްވެސް ނޭނގޭ" ކަމަށް ވިދާޅުވެ ހަސަން އަފީފް ދެއްކެވި ވާހަކަތައް ބައްލަވާ އެފަދަ ވާހަކަތައް ހުއްޓުވައިދެއްވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް، ހަސަން ލަތީފަށް ގުޅުއްވާ އެ މައްސަލަ ހުށަހެޅުއްވުމުންނެވެ.
ހަސަން ލަތީފް މިއަދު އަވަސް އަށް ވިދާޅުވީ ރައީސްއާ ގުޅޭގޮތުން ހަސަން ލަތީފް ވާހަކަދެއްކެވި ކަމަށް ވިދާޅުވެ އެކަން ހިނގާދިޔަ ގޮތެއް ބައްލަވައިދެއްވުމަށް ރައީސް ސޯލިހް އެދިވަޑައިގަތުމާ ގުޅިގެން ޕީޖީ ލީޑަރަށް ގުޅުއްވާ އެ މައްސަލަ ބައްލަވައިދެއްވުމަށް އެދިވަޑައިގެންފައިވާނެ ކަމަށެވެ.
"ޕީޖީ ގުރޫޕްގެ މެންބަރެއްގެ ވާހަކަ ރައީސް ވިދާޅުވީމާ ހަސަން އަފީފަށް ވެސް ގުޅުއްވުމަށްފަހު އަޅުގަނޑު ޕީޖީ ލީޑަރު އާޒިމަށް ގުޅުއްވާ، ރައީސް އެދިވަޑައިގެންނެވި މައްސަލަ ބައްލަވައިދެއްވުމަށް އެދިފައިވާނީ،" ހަސަން ލަތީފް ވިދާޅުވި އެވެ.
ރައީސް ނަޝީދަށް އަމާޒުކުރި ޓެރަރިސްޓް ހަަމަލާއާ ގުޅިގެން ދިވެހި ޗެނަލްގެ ޕްރަގްރާމެއްގައި ވާހަކަ ދައްކަވަމުން ހަސަން އަފީފް ވިދާޅުވީ ރައީސް ސޯލިހްގެ އެންމެ އަރިސް ބޭފުޅުންގެ ގޮތުގައި ތިއްބެވީ އަދާލަތު ޕާޓީގެ މެންބަރުން ކަަމަށެވެ. އަދި ރައީސް ސޯލިހުވެސް އަދާލަތުގެ މެންބަރަކަށް ވެވަޑައިނުގަންނަވާ ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ.
ސަންގު ޓީވީގައި އަންގާރަ ދުވަހުގެ ރޭ ވާހަކަދައްކަވަމުން އަފީފް ވިދާޅުވީ އެ ވާހަކަތަކާއި ގުޅިގެން އޭނާއަށް ފިޔަވަޅު އަޅަން ރަައީސް ސޯލިހް އެންގެވި ކަމަށެވެ. ތަކުރާރުކޮށް އެ ވާހަކަ ހަސަން ވިދާޅުވި އެވެ.
ހަސަން ލަތީފް ވިދާޅުވީ ފިޔަވަޅު އަޅަން އެންގެވި ނަމަވެސް ރައީސް ސޯލިހުގެ އެންމެ އަރިހުގައި ތިއްބެވީ އަދާލަތުގެ މެންބަރުން ކަމަށާއި އެއީ ފެންނަން އޮތް ހަގީގަތެއް ކަމަށެވެ. އެކަމުގެ މިސާލެއްގެ ގޮތުން ހަސަން ނެންގެވީ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރެވެ. ޗީފް އޮފް ސްޓާފްގެ މަގާމުގައި އަލީ ޒާހިރު ހުންނެވުމުން އެމްޑީޕީގެ މެންބަރުންނަށް ވުރެ ބޮޑަށް ރައީސް ސޯލިހް އަދާލަތުގެ މެންބަރުންނަށް އިތުބާރު ކުރައްވާކަން ހާމަވާ ކަމަށްވެސް ހަސަން ވިދާޅުވި އެވެ.
ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަސަން އަފީފްގެ މައްސަލާގައި ރައީސްއާ ސުވާލުކުރުމުން ރައީސް ވިދާޅުވީ އެމަނިކުފާނަކީ އެމްޑީޕީގެ އެންމެ އިސް ލީޑަރު ކަމަށާ ޕާޓީގެ ތެރޭގައި ބައިބައިވުން އުފެދޭނެ ފަދަ ކަންކަން ކުރުމަށް ފުރުސަތެއް ދީގެން ނުވާނެ ކަމަށެވެ. ހަސަން އަފީފު ފަދަ ސީނިއާ ބޭފުޅަކު އެފަދަ ވާހަކައެއް ދެއްކެވުމުން އެކަން ބެއްލެވުމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފަށާއި އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމަށް އަންގަވާފައިވާ ކަމުގައިވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.
ހަސަން ލަތީފްގެ މައްސަލަ އެމްޑީޕީގެ ޕީޖީ ގުރޫޕަށް ހުށަހަޅާފައިވީ ނަމަވެސް ޕީޖީ ލީޑަރު އަލީ އާޒިމްގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.