ރާއްޖެ ކުޅިވަރު

މަހިބަދޫ ރެލިގޭޓްވުމުގެ ޒިންމާ ސްޓޮއިކޯފް ބޮލަށް

އުރީދޫ ދިވެހި ޕްރެމިއާ ލީގުގެ ފުލަށް ގޮސް މަހިބަދޫ ސްޕޯޓްސް ކުލަބު ރެލިގޭޓްވުމުން އޭގެ ޒިންމާ އެ ޓީމުގެ ކުރީގެ ކޯޗު ބަލްގޭރިޔާގެ ޔްރޮދާން ސްޓޮއިކޯފް އިވަނޯފްގެ ބޮލުގައި އެކުލަބުން އަޅުވައިފަ އެވެ.

ސްޓޮއިކޯފް ވަކިކޮށް ޓީމާ ހަވާލުވި ކުރީގެ އެސިސްޓެންޓް ކޯޗު ހުސެއިން އައްބާސް ބުނީ މިހާތަނަށް އެންމެ ޕޮއިންޓެއް ލިބިފައިވާ ޓީމު ރެލިގޭޓްވީ "އަޅުގަނޑުމެންނަށް ވެސް މިސްޓޭކްތަކެއް ހެދިގެން،" ކަމަށެވެ.

"އޭގެ ތެރޭގައި ހިމެނޭ އެންމެ ފުރަތަމަ ވެސް ބޭރު ކޯޗެއް ގެނައުން. ކުރިން ހުރި ކޯޗާ ކުޅުންތެރިންނާ ވަރަށް މައްސަލަޖެހިފައިވަނީ. އޭގެ ސަބަބުން ބައެއް ކުޅުންތެރިން ނުކުޅޭ. އެ މައްސަލަތައް ހައްލުވެގެން މިހާރު ބައެއް ކުޅުންތެރިން ޓީމުގައި ރަނގަޅަށް އެބަކުޅޭ،" އައްބާސް ބުންޏެވެ.

ނިއުރޭޑިއަންޓާއި ގައުމީ ޓީމަށް ވެސް ކުރިން ކޯޗުކޮށްދިން ސްޓޮއިކޯފް އަކީ ތިން ފަހަރެއްގެ މަތީން ރާއްޖޭގައި މަސައްކަތްކޮށްފައިވާ ރާއްޖެ އަށް ފަރިތަ ކޯޗެކެވެ. އޭނާ މަހިބަދޫ ޓީމުގެ ކޯޗުކަމުން ވަކިވުމަށްފަހު ބުނީ މަހިބަދޫ ޓީމުގެ މުއައްސިސް އަހުމަދު ތޯރިގް (ޓޮމް) އާއި އޭނާ ހެދީ ޑީލެއް ކަމަށެވެ. އެއީ ރެލިގޭޓްވާއިރު ކޯޗެއްގެ ގޮތުގައި ނުހުރުމެވެ.

"އަހަންނާއި ޓޮމް ހެދީ ޑީލެއް. އަހަރެން ހުއްޓަސް ނެތަސް މަހިބަދޫ ރެލިގޭޓްވާނެ. އެހެންވީމަ ރެލިގޭޓްވާއިރު އަހަރެންގެ ނަން ހަޑިވާކަށް ކޯޗެއްގެ ގޮތުގައި އަހަރެން ހުންނަން ޓޮމް އާއި އަހަންނާއި ދެމީހުން ވެސް ބޭނުންނުވީ،" ކޯޗު ބުންޏެވެ.

މަހިބަދޫ ޓީމާމެދު އޭނާ ޖައްސާ އެންމެ ބޮޑު މައްސަލައަކީ ރަނގަޅު ކުޅުންތެރިން ނެތުމެވެ.

"އަހަރުމެން ޕްރެޒިޑެންޓްސް ކަޕުގައި ވެސް ކުޅުނިން ވަރަށް ރަނގަޅަށް. އެކަމަކު ހެދޭ ކޮންމެ މިސްޓޭކަކީ ގޯލެއް. ކުޅުންތެރިންގެ އަމިއްލަ މިސްޓޭކް ގިނައީ. މީގެ ސަބަބުން ޓީމު ބަލިވަނީ،" ކޯޗު ބުންޏެވެ.

ނަމަވެސް އައްބާސް މިވާހަތަކާ އެއްބަހެއްނުވެ އެވެ. އޭނާ ބުނީ ސްޓޮއިކޯފްގެ ބެލުމުގެ ދަށުން އެ ޓީމަށް އެންމެ ފުރަތަމަ ގެނައި ބިދޭސީ ކުޅުންތެރިން އެއްވެސް ފެންވަރެއް ނެތް ކަމަށެވެ.

"އެންމެ ފުރަތަމަ ގެނައި ބިދޭސީ ކުޅުންތެރިންގެ ފެންވަރު ނެތިގެން ފޮނުވާލަން ޖެހުނީ. ދެން ފަހުން ގެނައި ކުޅުންތެރިންނަށް ކުޅެވެނީ. އެހެންވީމަ ޓީމު ރެލިގޭޓްމިވީ ގިނަ ގޯސްތަކެއް ހެދިގެން. އެހެންނޫންނަމަ މަހިބަދޫ ޓީމަކީ އެންމެ ޕޮއިންޓެއް ލިބިގެން މިގޮތަށް ރެލިގޭޓްވާނެ ޓީމެއްނޫން،" ކުޅުންތެރިއެއްގެ ގޮތުގައި ހުރި ދުވަސްވަރު މަހިބަދޫގެ ކެޕްޓަން ބުންޏެވެ.

ލީގުގައި ބާކީ މަހިބަދޫ އަށް ވެސް ތިން މެޗު އެބައޮތެވެ. މިއަދު ހަވީރު ވާދަކުރާނީ އީގަލްސްއާ އެވެ.