ރާއްޖެ ކުޅިވަރު

އަސަދުﷲގެ ހެޓްރިކާއެކު މަހިބަދޫ ރެލިގޭޓްވެއްޖެ

އުރީދޫ ދިވެހި ޕްރެމިއާ ލީގުގައި މާޒިޔާގެ ފޯވަޑް އަސަދުﷲ އަބުދުﷲ މަހިބަދޫކޮޅަށް ހެދި ހެޓްރިކާއެކު 7-1 އިން ބަލިވެ، މަހިބަދޫ ސްޕޯޓްސް މިރޭ ރެލިގޭޓްވެއްޖެ އެވެ.

މެޗުގައި އަސަދުﷲ ހެޓްރިކް ހެދިއިރު އަނެއް ތިން ލަނޑު ޖެހީ ސަމްދޫހު މުހައްމަދާއި ޔާމީން އިބްރާހީމާއި އަހުމަދު ނާޝިދު (ނާއްޓޭ) އެވެ.
މި މޮޅާއެކު މާޒިޔާ އަށް 18 ޕޮއިންޓް ލިބިފައިވާއިރު މަހިބަދޫ ރެލިގޭޓްވީ އެންމެ ޕޮއިންޓަކާއެކުގަ އެވެ. އަށް ޓީމު ވާދަކުރާ ލީގުގެ ފުލުގައި މަހިބަދޫ އޮތްއިރު ލީގުގެ ދެ ބުރު ނިމޭއިރު ރެލިގޭޓްވާނީ އެންމެ ފުލަށްދާ ޓީމެވެ. މަހިބަދޫއާ އެންމެ ގާތުގައިވަނީ 12 ޕޮއިންޓާއެކު ހަތް ވަނާގައި އޮތް ވެލެންސިއާ އާއި ހަ ވަނާގައި އޮތް ބީޖީ އެވެ. އެކަމަކު ލީގުގައި ބާކީ ކޮންމެ ޓީމަކަށް ތިން މެޗު އޮތުމުން އެތިން މެޗު ކާމިޔާބުކޮށްގެން ވެސް މަހިބަދޫ އަށް ވެލެންސިއާ އާއި ބީޖީއާ އަރާ ހަމަހަމަނުކުރެވޭނެ އެވެ.

މިރޭގެ މެޗަށް ފަހު މަހިބަދޫގެ ކޯޗު ހުސެން އައްބާސް ބުނީ ނަތީޖާއާ މެދު ހިތްހަމަނުޖެހޭ ކަމަށެވެ. އަދި މަހިބަދޫ ރެލިގޭޓްވީ ޓީމަށް ހެދުނު މިސްޓޭކްތަކުން ކަމަށެވެ.

"ބައެއް ކަހަލަ މިސްޓޭކްތައް އަޅުގަނޑުމެންނަށް ވެސް ހެދިގެން ރެލިގޭޓްވީ. އޭގެ ތެރޭގައި އެންމެ ފުރަތަމަ ވެސް ބޭރު ކޯޗެއް ގެނައުން ވެސް ހިމެނޭ. އެހެންނޫންނަމަ މަހިބަދޫ އަކީ ރެލިގޭޓްވާނެ ޓީމެއް ނޫނޭ އަޅުގަނޑު ބުނާނީ،" ހުސެން ބުންޏެވެ.

ލީގު ޗެމްޕިއަންކަން ހޯދުމުގެ ވަރަށް ހަނި ފުރުސަތެއް އޮތް މާޒިޔާގެ ކޯޗު އަލީ ސުޒޭން ބުނީ މަހިބަދޫ ރެލިގޭޓްވުމުގައި ލީގު އެކިފަހަރުތަކުގެ މަތިން މެދުކަނޑާލުން ހިމެނޭ ކަމަށެވެ. އޭނާ އަދި ބުނީ އަސަދުﷲ ހަތަރު ގޯލު ޖެހުމުން މާޒިޔާ ހާސިލްކުރަން ބޭނުންވި ހުރިހާ ކަމެއް މެޗުގައި ހާސިލް ކުރެވުނު ކަމަށެވެ.

ލީގުގައި މިއަދު ހަވީރު ކުޅުނު މެޗު ވިކްޓަރީ 2-0އިން ބަލިކޮށް ކާމިޔާބު ކުރީ އީގަލްސް އެވެ. ލަނޑު ޖެހީ އަހުމަދު ރަޝީދާއި އަންސާރު އިބްރާހީމެވެ.

ލީގުގެ އެންމެ ކުރީގައި ވަނީ 26 ޕޮއިންޓާއެކު ނިއުރޭޑިއަންޓެވެ. އެ ޓީމާ އެންމެ ގާތުން ދެ ވަނާގައިވަނީ 24 ޕޮއިންޓާއެކު ޓީސީ އެވެ.