ބަލިވެއްޖެނަމަ އަބަދުވެސް ގޯސްވާނީ ކޯޗުކަމަށާއި މަހިބަދޫގެ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން ބަލްގޭރިޔާގެ ކޯޗު ޔޮރްދާން ސްޓޮއިކޯފް އިވަނޯފް ވަކިކުރީ އޭނާ އާއި ކުލަބުގެ ވެރިޔާ އަހުމަދު ތޯރިގް (ޓޮމް) އެއްބަސްވެގެން ކަމަށް ކޯޗު ބުނެފި އެވެ.
މާލެއިން ފުރުމުގެ ކުރިން އަވަސް އަށް ދިން އިންޓަވިއުގައި ނިއުރޭޑިއަންޓާއި ކުރީގެ ގައުމީ ކޯޗު ބުނީ އޭނާ ހުއްޓަސް ނެތަސް މަހިބަދޫ ރެލިގޭޓްވާނެ ކަމަށެވެ.
"ރެލިގޭޝަނުން ސަލާމަތްވާން ލިބުނު ފުރުސަތު ގެއްލިއްޖެ. ދެން އަހަންނާއި ޓޮމް މަޝްވަރާކޮށްފައި ނިންމީ ޓީމު ރެލިގޭޓްވާއިރު އަހަރެންގެ ކޯޗުކަމުގައޭ އެކަންވީ ބުނަން ފުރުސަތު ދިނުމަކީ ރަނގަޅު ކަމެއްނޫން ކަމަށް. އެއީ ކަލެއަށް ހީވޭތަ އަހަރެން ހުއްޓަސް އެމީހުން ރެލިގޭޓްނުވެދާނެހެން؟. އެހެންވީމަ ރެލިގޭޓްވާއިރު އަހަރެންގެ ނަން ޓީމުގައި ބޭއްވުމަކީ މާނައެއް ހުރި ކަމެއްކަމަށް ނުފެނުނީ،" ކޯޗު ބުންޏެވެ.
ސްޓޮއިކޯފް ބުނީ ރެލިގޭޝަނުން ސަލާމަތްވާން ލިބުނު ހަމައެކަނި ފުރުސަތަކީ ލީގުގެ ފުރަތަމަ ބުރުގެ ފަހު މެޗުގައި ވެލެންސިއާ އަތުން 3-2އިން ބަލިވި މެޗު ކަމަށެވެ. އެ މެޗުން ވެލެންސިއާ މޮޅުވީ މަހިބަދޫ ފުރަތަމަ ހާފުގައި ދެ ގޯލު ޖަހާފައި އޮއްވައި ފަހުހާފުގައި ފަހަތުން އަރައި ތިން ގޯލު ޖަހައިގެންނެވެ. ލީގުގައި ބާކީ ހަތަރު މެޗު އޮތްއިރު މަހިބަދޫ އޮތީ އެންމެ ޕޮއިންޓަކާއެކު ޓޭބަލުގެ ފުލުގަ އެވެ.
"އަބަދުވެސް ކަންތައްތައް ގޯސްވީމަ، ކޮންމެ ވެސް މީހަކު އޭގެ ޒިންމާ ނަގަންޖެހޭނެ. އެންމެ ބޮޑަށް ކުއްވެރިވާނީ ކޯޗު. ހާއްސަކޮށް ރާއްޖޭގައި. އެއީ ފުޓްބޯޅައިގެ އުސޫލު. އެކަމަކު ރަނގަޅު ކުޅުންތެރިން ނެތި ކިހިނެތް އަހަރެން ޓީމު މޮޅުކޮށްދޭނީ. އަހަންނަކީ ޖާދޫގަރެއްނޫން. އަހަރެންގެ ޓީމު ރަނގަޅަށް ކުޅޭ. އެކަމަކު ހަދާ ކޮންމެ މިސްޓޭއް އެއީ ގޯލެއް. މިގޮތަށް މޮޅެއްނުވާނެ ދުވަހަކުވެސް،" ކޯޗު އޭނާގެ އިހުސާސްތައް ބޭރުކޮށްލި އެވެ.
ސްޓޮއިކޯފް ވަނީ ގައުމީ ޓީމަށް ދެ ފަހަރެއްގައި ވެސް ކޯޗުކޮށްދީފަ އެވެ. އެ ދެ ފަހަރު ވެސް އޭނާ މަގާމުން ވަކިކުރީ ނަތީޖާތައް ގޯސްވެގެންނެވެ. ނަމަވެސް ނިއުރޭޑިއަންޓުގައި އޭނާ އަކީ ކާމިޔާބު ކޯޗެކެވެ. އެކުލަބު އޭއެފްސީ ކަޕުގެ ސެމީ ފައިނަލަށް ގެންގޮސްދިނީ އޭނާ އެވެ. އެކަމަކު ނިއުއާ ހަވާލުވި ދެ ވަނަ ފަހަރު ދޮޅު މަސް ނުވަނީސް އޭނާ މަގާމުން ވަކިކުރީ ނަތީޖާ ގޯސްވުމުންނެވެ.