ރާއްޖެ ކުޅިވަރު

ޓީސީ މޮޅުވެ، ނިއުގެ ލީޑް ހަނިވެއްޖެ

އުރީދޫ ދިވެހި ޕްރެމިއާ ލީގުގައި މިރޭ މަހިބަދޫ އަތުން 2-1އިން ޓީސީ މޮޅުވެ، ނިއު ރޭޑިއަންޓްގެ ލީޑު ހަނިވެއްޖެ އެވެ.

މި ނަތިޖާގެ ސަބަބުން އެއްވަނާގައިވާ ނިއު އާއި ދެ ވަނާގައިވާ ޓީސީއާ ދެމެދު މިހާރު އޮތީ އެންމެ ދެ ޕޮއިންޓްގެ ތަފާތެކެވެ. ޓީސީ އަށް ލިބިފައިވަނީ 21 ޕޮއިންޓެވެ. ނިއު އަށް ލިބިފައިވަނީ 23 ޕޮއިންޓެވެ. މަހިބަދޫ އޮތީ އެންމެ ޕޮއިންޓަކާއެކު ޓޭބަލުގެ ފުލުގަ އެވެ. ނިއު އަށް ކުރިން ލިބިފައިއޮތް ފަސް ޕޮއިންޓްގެ ލީޑު ހަނިވި މައިގަނޑު ސަބަބަކީ އެ ޓީމު މިއަދު ހަވީރު ވެލެންސިއާ އަތުން 4-2އިން ބަލިވުމެވެ.

މިރޭގެ މެޗުގައި ޓީސީގެ ފުރަތަމަ ލަނޑު ޖެހީ ބްރެޒިލްގެ ފޯވަޑް ރަފޭލް ބެޓިމް މާޓެވެ. މެޗުގެ 71 ވަނަ މިނިޓްގައި އޭނާ ޖެހި މި ލަނޑަށް ފަހު ޓީސީ އަށް ލީޑު ފުޅާކޮށްދިނީ 81 ވަނަ މިނިޓްގައި އިބްރާހީމް ވަހީދު ހަސަން އެވެ. މަހިބަދޫގެ ހަމައެކަނި ލަނޑު ޖެހީ މެޗު ނިމެން ދެ މިނިޓަށްވެފައިވަނިކޮށް އެންޑަސަން ޑަސިލްވާ އެވެ.

މެޗަށް ފަހު ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނީ އޭނާގެ ޓީމުގެ މުހިންމު ބައެއް ކުޅުންތެރިން ނުލައި ލިބުނު ކާމިޔާބީއާ މެދު ހިތްހަމަޖެހޭ ކަމަށެވެ.

"މިހާރު ނަތީޖާތައް މިފެންނަނީ ލީގުގެ އެންމެ ކުރީގައި އޮންނަ ޓީމު ވެސް އެކެއް ނުވަތަ ދެ ކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހުނީމަ ނަތީޖާ ގޯސްވެގެންދާތަން. އެގޮތުން ބަލާއިރު ޓީސީ ވެސް ބައެއް ކުޅުންތެރިން ނެތި ކުޅެންޖެހުނު މި މެޗުގައި ދެއްކި ކުޅުމާއި ނަތީޖާއާމެދު ހިތްހަމަޖެހޭ،" ނިޒާމްބެ ބުންޏެވެ.

އޭނާ ބުނީ މަހިބަދޫއަކީ ލީގުގައި ކޮންމެ ޓީމަކަށް ވެސް ކުޅެން އެންމެ އުނދަގޫވާނެ ޓީމު ކަމަށެވެ.

"އެއީ އެމީހުންނަށް އެއްވެސް ޕްރެޝަރެއް ނޯންނާނެ. އެމީހުން ވަރަށް އީޒީ ބޯޅައެއް ކުޅޭނީ. އޭގެ ބަދަލުގައި އެހެން ޓީމުތައް ތަފާތުވާނެ،" ނިޒާމްބެ ބުންޏެވެ.

ލީގުގައި މާދަމާ ހަވީރު ކުޅޭނީ ވިކްޓަރީ އާއި މާޒިޔާ އެވެ. މާދަމާ ރޭ ކުޅޭނީ ބީޖީ އާއި އީގަލްސް އެވެ.