މިނިސްޓްރީ އޮފް އެޑިއުކޭޝަން

ހިރަމަރަދޫ ސްކޫލަށް ދިވެހި ޕްރިންސިޕަލަކު ފޮނުވަނީ

މައްސަލަ ގޯސްވެފައިވާ ހދ. ހިރިމަރަދޫ ސްކޫލަށް ދިވެހި ޕްރިންސިޕަލަކު ފޮނުވަން އެޑިޔުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

ދިރާސީ އާ އަހަރު މިދިޔަ އަންގާރަ ދުވަހު ފެށުނު ނަމަވެސް އަދިވެސް އެއްވެސް ދަރިވަރަކު ސްކޫލަށް ފޮނުވާފައެއް ނުވެ އެވެ. އަދި ހިރިމަރަދޫގެ ބެލެނިވެރިން ބޭނުންވަނީ ސްކޫލުގައި ހުރި މައްސަލަަތައް ހައްލުކުރުމަށްފަހު ނޫނީ ދަރިވަރުން ކިޔަވަން ނުފޮނުވާށެވެ.

އެޑިއުކޭޝަންގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު މުޖާހިދު އަވަސްއަށް މިއަދު ވިދާޅުވީ އެ ސްކޫލުގެ މައްސަލަ ހައްލުކުރަން ދިވެހި ޕްރިންސިޕަލަކު ފޮނުވަން ނިންމާފައިވާ ކަމަށާއި އަންނަ އާދިއްތަ ދުވަހު އެ ޕްރިންސިޕަލް އެރަށަށް ދާނެ ކަމަށެވެ.

"ޕްރިންސިޕަލް މި ފޮނުވަނީ ތިން ހަފްތާއަށް. އެއަށް ފަހު އެސެސްޓަމަންޓްތައްވެސް ހަދާނެ. އަދި ދާއިމީ ދިވެހި ޕްރިންސިޕަލަކު ހަމަޖައްސާނެ" މުޖާހިދު ވިދާޅުވި އެވެ.

ހިރިމަރަދޫ ސްކޫލުގައި މިވަގުތު ހުންނަނީ ބިދޭސީ ޕްރިންސިޕަލެކެވެ.

މުޖާހިދު ވިދާޅުވީ ސްކޫލުގެ މައްސަލަ ހައްލުކުރަން މިހާރުވެސް ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކަމަށެވެ.

"އަޅުގަނޑުމެންނަށް ހުށަހަޅާފައި އެބަހުރި ހަތަރު ޓީޗަރަކު ވަޒީފާއިން ވަކިކުރަން. އެކަމަކު އެއީކީ ވަގުތުން ވަގުތަށް ކުރެވޭނެ ކަމެއް ނޫން. ވަކި އުސޫލުތަކެއްގެ ތެރެއިން މައްސަލަ ބަލާފައި އެކަން ކުރެވޭނީ. ދެން ބެލެނިވެރިންގެ ޝަކުވާއެއް ސްކޫލުގެ ޓައިމް ޓޭބަލް ނުލިބުން. އެކަމަކު އެނގިވަޑައިގަންނަވާނެ ސްކޫލު ފެށޭ ފުރަތަމަ ދުވަހު ޓައިމް ޓޭބަލް ނުލިބިދާނެ" މުޖާހިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސްކޫލުގެ މައްސަލަތަކެއް ހުރި ކަމަށް ބުނެ ދަރިވަރުން ކިޔެވުމުން މަހުރޫމްކުރުމަކީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި އެކަމުގައި ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރަން ޖެހޭ ކަމަށެވެ.

ގްރޭޑް އެކަކުން 10 އަކަށް ކިޔަވައިދެމުންދާ ހިރިމަރަދޫ ސްކޫލުގައި މިވަގުތު ކިޔަވަމުން ދަނީ އެންމެ 64 ދަރިވަރުންނެވެެ.

ހިރިމަރަދޫ ސްކޫލުގެ މައްސަލަ ހައްލުކުރަން އެޑިއުކޭޝަންގެ ޓީމެއްވެސް އެރަށުގައި މިހާރު ދަނީ ހަރަަކާތްތެރިވަމުންނެވެ. އެ ސްކޫލުގެ ދަރިވަރުންގެ ބެލެނިވެރިންގެ ކަންބޮޑުވުންތަކުގެ ތެރޭގައި ފާއިތުވި ދިހަ ބާރަ އަހަރު ވީއިރުވެސް ސްކޫލުން އެދެވޭ ނަތީޖާއެއް ނުނެރެވުމާއި ޖާގައިގެ ދަތިކަމާއި އެކަށީގެންވާ ވަސީލަތްތައް ނެތުން ހިމެނެ އެވެ.