ކޮވިޑް-19 އިން ދިފާއުވުމަށް ޖަހަން ޖެހޭ ވެކްސިންގެ ނުޖަހާ ސަރުކާރު މުވައްޒިފުންނަަށް ދަތިކޮށްފި އެވެ.
ސިވިލްސާވިސް ކޮމިޝަނުން ދެންމެ ބުނީ ވެކްސިން ފުރިހަމަ ނުކުރާ މުވައްޒިފުން އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޮފީހަށް ނިކުނަން ޖެހޭނީ ޕީސީއާރު ހައްދާ އޭގެ ނެގެޓިވް ނަތީޖާއާއެކު ކަމަށެވެ. އަދި ވެކްސިން ފުރިހަމަ ކުރެވެންދެން ކޮންމެ ދެ ހަފްތާއަކުން ޕީސީއާރު ހަދާ ނެގެޓިވް ނަތީޖާ ހުޅައަޅަން ޖެހެއެވެ. ސީއެސްސީން ބުނީ ޑިރެކްޓަރު ޖެނެރަލްގެ އެންގެވުމެއް ކަމަށެވެ.
އެ ކޮމިޝަނުން ވަނީ އަންނަ މަހުގެ ފުރަތަމަ ދުވަހުގެ ކުރީން ހުރިހާ މުވައްޒިފުން ވެކްސިން ފުރިހަމަ ކުރުމަށާއި ވެކްސިން ފުރިހަމަ ނުކުރާ މުވައްޒިފުން ޑިރެކްޓަރު ޖެނެރަލްގެ އެންގެވުމަށް އަމަލު ކުރުމަށް އަންގާފައެވެ. އަދި އެކަން ކަށަވަރު ކުރުމަށް ސިވިލްސާވިސްގެ އިދާރާތަކަށް ވަނީ އަންގާފައެވެ.
ކޮވިޑް-19 އިން ދިފާއުވުމަށް ޖަހަން ޖެހޭ ވެކްސިންގެ ނުޖަހާ ސަރުކާރު މުވައްޒިފުންނަަށް ދަތިކޮށްފައިވާއިރު ސުކޫލު ޓީޗަރުންގެ ތެރެއިން ވެކްސިން ޖެހުމަށް ދެކޮޅު ހަދާފައިވާ ބައެއް ޓީޗަރުންނަށް މިހާރު ވަނީ ފިޔަވަޅު އަޅާފައެވެ. އަދި އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ސުކޫލުތަކަށް ވަދެވޭނީ ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންނަށެވެ. އެ ނިންމުމަކީ ސުކޫލު މުވައްޒިފުންނާއި ބެލެނިވެރިންނަށް ވެސް އޮތް އެންގުމެކެވެ.
ކޮވިޑް-19 އިން ދިފާއުވުމަށް ޖަހަން ޖެހޭ ވެކްސިން ފުރިހަމަ ކުރަމުންދާ ގައުމުގެތަކުގެ ފަހުރުވެރި ރެކޯޑެއް ދިވެހިންނަށް އެބަ އޮތެވެ. ސަރުކާރުން ވަނީ އާބާދީގެ 90 ޕަސެންޓަށް ވެކްސިން ޖެހުމަށް ހާއްސަ ކެންޕެއިނެއް ފަށާފައެވެ.
ނަމަވެސް މި ފަހުން މަދު ބަޔަކު ގެންދަނީ ވެކްސިން ކެންޕެއިނަށް އެއްބާރުލުން ނުދީ ވެކްސިން ޖެހުމަށް ދެކޮޅު ހަދަމުންނެވެ.