ދިޔާނާ ސައީދު

ޖާބިރުއާ ދިޔާނާގެ ކައިވެނި ރޫޅާލައިފި

މަޝްހޫރު ވިޔަފާރިވެރިޔާ އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އާއި ކުރީގެ ބަންޑާރަ ނާއިބު އަދި ސާކްގެ ސެކްރެޓަރީ ޖެނެރަލްކަން ކުރައްވާފައިވާ ފާތިމަތު ދިޔާނާ ސައީދުގެ ކައިވެނި ރޫޅާލައިފި އެވެ.

އެކަން ދިޔާނާ ވަނީ ޔަގީން ކޮށްދެއްވާފައެވެ. އަދި ދިޔާނާގެ ސޯޝަލް މީޑިއާ އެކައުންޓް މެދުވެރިކޮށް އޭނާ މިހާރު "ސިންގަލް" ކަމަށްވެސް ވިދާޅުވެފައިވެއެވެ. މީގެ އިތުރުން ޓްވިޓާގައި މީހަކު ކޮށްފައިވާ ޓްވީޓަކަށް ދެއްވި ޖަވާބުގައި އޭނާއަކީ "މިހާރު އެއްވެސް މީހެއްގެ އަންބެތް ނޫން" ކަމަށްވެސް ވިދާޅުވިއެވެ.

15 އަހަރަށްވުރެ ގިނަ ދުވަސްވީ ކައިވެނި ނިމުމަކަށް ގެނައި ސަބަބާއި ގުޅޭގޮތުން ވާހަކަ ދައްކަވަން ދިޔާނާ ބޭނުންފުޅެއް ނުވެއެވެ. ދިޔާނާ އަވަސްއަށް ވިދާޅުވީ ކައިވެނި ނިމުމަކަށް އައި ނަމަވެސް އޭނާގެ ފަރާތުން ޖާބިރަށް އަބަދުވެސް ހެޔޮ ދުއާ އޮންނާނެ ކަމަށެވެ.

މިކަމާއި ގުޅޭގޮތުން ޖާބިރަށް ގުޅުއްވުމުން ފޯނެއް ނުނަންގަވައެވެ.

މި މަހުގެ ތިންވަނަ ދުވަހު ޖާބިރު ވަނީ މަޖިލީހުގެ މައި ގޭޓް ކުރިމަތީ އޮށޯވެ އޮންނަވާ ތަފާތު ގޮތަކަށް އިހުތިޖާޖެއް ކުރައްވާފައެވެ. ގަދަ ހޫނުގައި މަގުމަތީ އަތުރާފައިވާ ގާތަކުގެ މަތީގައި އޮށޯވެ އޮންނަވާ ޖާބިރު ކުރިއަށް ގެންދެވި އިހުތިޖާޖުގައި ވަރަށް ހަރުއަޑުން ވާހަކަ ދައްކަވަމުން ގެންދެވިއެވެ. އެވަގުތު ދިޔާނާވެސް އެ ސަރަހައްދަށް ވަޑައިގެންނެވިއެވެ.

އަދި ޖާބިރު އެ ސަރަހައްދުން ގެންދެވުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރެއްވިއެވެ. ނަމަވެސް އެކަމަނާ ދެއްކެވި އެއްވެސް ވާހަކައެެއް ޖާބިރު އަޑުއައްސަވާފައެއް ނުވެއެވެ. އެހެން ކަމުން އެ ސަރަހައްދު ދޫކޮށް ދިޔާނާ ވަޑައިގެންނެވީއެވެ.

މި ހިނގާ 19 ވަނަ މަޖިލީހުގައި އެންމެ ތަފާތު މެންބަރަކީ ޖާބިރެވެ. ޖާބިރު މަޖިލީހަށް ވަޑައިގަންނަވާއިރު ގެންގުޅުއްވާ ޑްރެސްކޯޑާއި މަޖިލީހުގައި ދައްކަވާ ވާހަކަތަކަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓެވެ. ބައެއް ދުވަސް ދުވަހު ވަރަށް ހުތުރު ބަހުންވެސް ވާހަކަ ދައްކަވައެވެ. އަދި އެކި ބޭފުޅުންނަށް އަމާޒުކޮށް ވާހަކަ ދައްކަވާ އެ އޯޑިއޯތައްވެސް ޖާބިރު ގެންދެވީ އާންމު ކުރައްވަމުންނެވެ. ސިޔާސީ އެތައް ބޭފުޅުންނެއް އޭނާގެ އަތުން ފައިސާ ނަންގަވާފައިވާ ކަމަށް ވިދާޅުވެ ބޮޑެތި ތުހުމަތުތައް ކުރައްވައެވެ. އަދި ބައެއް ބޭފުޅުންގެ މައްސަލަތައް ފުލުހަށްވެސް ހުށައަޅާފައިވެއެވެ.

ވިޔަފާރި މުއާމަލާތަކާއި ގުޅިގެން ޖާބިރުގެ ޕާސްޕޯޓްވެސް ހިފެހެއްޓިއެވެ. ނަމަވެސް ފަރުވާއަކަށް ބޭރަށް ވަޑައިގަތުމަށް މަސް ދުވަހަށް ޕާސްޕޯޓް ދޫކޮށްލެއްވުމުން ޖާބިރު މިހާރު ވަނީ ރާއްޖެއިން ބޭރަށް ވަޑައިގެންފައެވެ.