ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރާއި ކުރީގެ ބަންޑާރަ ނައިބު ދިނާޔާ ސައީދުގެ ކައިވެނި ރުޖޫއަކޮށްފި އެވެ.
ދިޔާނާއާއި ޖާބިރުގެ 15 އަހަރުވީ ކައިވެނި ރޫޅާލާފައިވާ ކަން ޓްވިޓާގައި ދިޔާނާ ހާމަކުރެއްވީ މިދިޔަ މަހުގެ 12 ވަނަ ދުވަހު އެވެ.
ކައިވެނި ރުޖޫއަ ކޮށްފައިވާ ކަން އަވަސް އަށް ޔަގީންކޮށްދެއްވަމުން ޖާބިރު ވިދާޅުވީ އެއްވެސް އިރަކު ދިޔާނާއާ ވަކިނުވާ ކަމަށާއި އެކަމަކު ކުޑަ "ބްރޭކެއް" ނެނގި ކަމަށެވެ.
"ހަގީގަތަކީ އަޅުގަނޑަކީ އަޅުގަނޑުގެ އަންހެނުންނާއި ދަރިން ދެކެ ވަރަށް ލޯބިވާ މީހެއް. ދިޔާނާ އަކީ އަޅުގަނޑުގެ އެންމެ ހަގު ދެ ކުދިންގެ މަންމަ. އެހެންވީމާ އަޅުގަނޑުމެން އެކުދިން ދެކެ ލޯބިވާތީ ދުރުގައި ތިބުމަކީ ފަަސޭހަ ކަމެއް ނޫން،" ކައިވެނި ރުޖޫއަ ކުރި ސަބަބު ހާމަކުރައްވަމުން ޖާބިރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކައިވެނި ރުޖޫއަ ކުރުމުގެ އުފަލުގައި އެކުވެރިންނާއި ނޫސްވެރިންނާ އެކު ވެސް ޕާޓީއެއް ބާއްވަން މަސައްކަތް ކުރައްވާ ކަމަށެވެ. އަދި ދިރިއުޅުމުގައި ދެން އޮތީ އުޖާލާ ދުވަސްތަކެއް ކަމުގައިވެސް ވިދާޅުވި އެވެ.
ޖާބިރާއި ދިޔާނާ ލޯބީގެ ގޮތުން ގުޅި ދެ ބޭފުޅުން ކައިވެނި ބައްލަވައިގަތީ މިހާރު އަމަލުކުރަމުންދާ ގާނޫނުއަސާސީ އިސްލާހު ކުރި ހާއްސަ މަޖިލީހުގެ މެންބަރުންގެ ގޮތުގައި ތިއްބަވައިގެންނެވެ.