ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު މިހާރު ދިރިއުޅުއްވަމުން ގެންދަވާ މ. އަތަމާޕްލާޒާ ވިއްކާލުމުގެ ހައްގެއް އެއްވެސް ފަރާތަކަށް ނޯންނާނެ ކަމުގައި ޖާބިރުގެ ކުރީގެ އަނބިކަބަލުން އަދި ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ވިދާޅުވެއްޖެ އެވެ.
ދިޔާނާ މިހެން ވިދާޅުވެފައި މިވަނީ ސިވިލް ކޯޓްގެ ހުކުމެއް ތަންފީޒު ކުރުމުގެ ގޮތުން އަތަމާޕްލާޒާ ވިއްކާލުމަށް އިއުލާންކޮށްފައިވާތީ އެ އިމާރާތް ބަލަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ހޯދައިދިނުމަށް ސިވިލް ކޯޓުން އަމުރުކޮށްފައި ވަނިކޮށެވެ.
އަތަމާޕްލާޒާ ވިއްކާލަން އިއުލާނުކޮށްފައިވަނީ އެ ގޭގެ ރަޖިސްޓްރީ އޮންނަ އިސްމާއީލް އަބްދުލްލަތީފުގެ ދަރަނީގެ މައްސަލަތަކެއްގަ އެވެ. ނަމަވެސް އެގެއަކީ މީގެ 20 އަހަރު ކުރިން ޖާބިރު ބައްލަވައިގެންފައިވާ ގެއެކެވެ. އެކަމަކު އެގޭގެ ރަޖިސްޓްރީ ޖާބިރުގެ ނަން މައްޗަށް ބަދަލުކުރުމުގެ މަސައްކަތް އޮތީ ނުނިމި އެވެ.
ސިވިލް ކޯޓުން ވަނީ އަތަމާ ޕްލާޒާ ގަންނަން ބޭނުންވާ ފަރާތްތަކަށް މިމަހުގެ ފަސްވަނަ ދުވަހުން ފެށިގެން ހަތްވަނަ ދުވަހުގެ މެންދުރުފަހު 1:30 އިން ހަވީރު 5:30ގެ ނިޔަލަށް އެ ގެ ބެލުމުގެ އިންތިޒާމު ހަމަޖައްސައިދިނުމަށް އަބްދުއް ލަތީފްގެ މައްޗަށް އަމުރުވެސްކޮށްފަ އެވެ.
ނަމަވެސް މިއަދު އަވަސް އަށް ދެއްވި އިންޓަވިއުއެއްގައި ދިޔާނާ ވިދާޅުވީ ސިވިލް ކޯޓުން އަމުރުކޮށްފައިވާ ގޮތަށް އެކަން ނުކުރެވޭނެ ކަމަށެވެ.
ދިޔާނާ ވިދާޅުވީ އަތަމާ ޕްލާޒާ ގަތުމަށްފަހު ލަތީފްގެ ދަރަނީގެ މައްސަލަތަކެއް ކޯޓުގައި އޮތްކަން އެނގުނީ މާފަހުން ކަމަށެވެ. އަދި ފަހުން އެ ގޭގެ މައްސަލައިގައި ޖާބިރު ކޯޓަށް ހާޒިރުވާން އެންގިއިރު އެނާގެ ޕާސްޕޯޓް ކެންސަލްކުރި ކަމަށެވެ.
"އަތަމާ ޕްލާޒާ އަކީ 2010 ވަަނަ އަހަރު އިސްމާއިލް އަބްދުއްލަތީފް އެގެ ވިއްކުމަށް ޖާބިރާ އެކު އެގްރިމަންޓްކޮށް އެ ގޭގެ އަތުގެ ވެރިކަންވެސް ދީ އަގު އަދާކޮށް ނިމިފައި އޮތް ތަނެއް. އިސްމާއިލްގެ ކްރެޑިޓާޒް އަކީ އަންސެންސާޑް ކްރެޑިޓާޒް. އެ ފައިސާ ރިކަވާ ކުރުމަށް އެ ގެ ވިއްކާލުމަކީ ޖާބިރުގެ ހައްގު ގާއިމުކުރުމެއް ނެތި ކުރެވޭ ކަމެއް." ދިޔާނާ ވިދާޅުވި އެވެ.
ދިޔާނާ އިތުރަށް ވިދާޅުވީ އަތަމާ ޕްލާޒާ ވިއްކާލަން ނިންމި މައްސަލައިގައި ކޯޓަށް ދިއުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.
ސިވިލް ކޯޓުގެ އަމުުރު ނެރުނުއިރު ޖާބިރު ހުންނެވީ ރާއްޖެ އިން ބޭރުގަ އެވެ.