ސިވިލް ކޯޓް

ބައި މިލިއަނެއްހާ ރުފިޔާ ދެއްކުމުގެ ހުކުމެއް ޔޮޓް ޓުއާސްއަށް

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ކުންފުނި -- ޔޮޓް ޓުއާސް އިން އަމިއްލަ ކުންފުންޏަކަށް ބައި މިލިއަނާ ގާތްކުރާ އަދަދަކަށް ފައިސާ ދެއްކުމަށް ހުކުމް ކޮށްފި އެވެ.

ސިވިލް ކޯޓުން މި ހުކުމްކޮށްފައިވަނީ ޔޮޓް ޓުއާސް އިން ލީޖަން ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކާ އެކު 2020 ވަނަ އަހަރު ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން ހޯދާފައިވާ ހިދުމަތްތަކަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދައްކާފައި ނުވާތީ ލީޖަން އިން ކުރި ދައުވާއަކާ ގުޅިގެންނެވެ.

މިދައުވާ އާއި ގުޅިގެން ކަމާ ގުޅޭ ލިޔުންތައް މި އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ޔޮޓް ޓުއާސްއާ ހަވާލުކޮށްފައިވީ ނަމަވެސް އެ ކުންފުނިން ދައުވާއަށް ޖަވާބުދާރީ ވެފައެއް ނުވެ އެވެ. އެހެންވެ ސިވިލް ކޯޓުގެ ގާޒީ އަބްދުލްމަތީން މިމައްސަލަ ނިންމަވާފައިވަނީ ޔޮޓް ޓުއާސްގެ ޣައިރު ހާޒިރު ގައެވެ.

ސިވިލް ކޯޓުން އިއްޔެ ނިންމާފައިވާ މިމައްސަލައިގެ ހުކުމްގައި ވަނީ ލީޖަން ހޯލްޑިންގްސް މެދުވެރިކޮށް ޔޮޓް ޓުއާސް އިން ހޯދި ހިދުމަތްތަކަށް ދައްކަންޖެހި ނުދައްކާ އޮތް 425،058 ރުފިޔާ ދެއްްކުމަށް ހުކުމްކޮށްފަ އެވެ.

ފައިސާ ދެއްކުމަށް ޔޮޓް ޓުއާސް އަށް އަންގާފައިވަނީ ކުރިއަށް އޮތް ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުގެ ކުރިންނެވެ.