ރާއްޖެ ކުޅިވަރު

ސުޒުކީ ކަޕަށް ގައުމީ ޓީމު ކުވޭތުގައި ކޭމްޕް ކުރަނީ

އަންނަ މަހު އިންޑިޔާގައި ފަށާ ސާފް ޗެމްޕިއަންޝިޕް ނުވަތަ ސާފް ސުޒުކީ ކަޕް ފުޓްބޯޅަ މުބާރާތަށް ގައުމީ ފުޓްބޯޅަ ޓީމު ކުވޭތުގައި ކޭމްޕް ކުރަން ނިންމައިފި އެވެ.

ކުވޭތުގައި ކޭމްޕް ކުރަން ނިންމީ އެގައުމުން ކުޅުންތެރިންނަށް ރަނގަޅު ޓްރޭނިން ފެސިލިޓީސް ލިބެން ހުރުމުންނެވެ. އަދި ގައުމީ ކޯޗު ކުޅުންތެރިން ފިޓްނަސް ރަނގަޅު ކުރަން މިވަގުތު ވަރަށް ބޮޑަށް އިސްކަންދޭތީ އެވެ.

ޑިސެމްބަރު 23 އިން ޖެނުއަރީ ތިނަކަށް ކުރިއަށްދާ ސަރަހައްދީ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމަށް ގައުމީ ޓީމު މާލެއިން ފުރާނީ އަންނަ މަހުގެ ހަތަރެއްގަ އެވެ. ރާއްޖޭގެ ފުޓްބޯޅަ ސީޒަނުގެ ފަހު މުބާރާތް ކަމަށްވާ އުރީދޫ ދިވެހި ޕްރެމިއާ ލީގު ނިމޭނީ ޑިސެމްބަރު މަހުގެ ދެ ވަނަ ދުވަހު އެވެ.

އޭގެ ފަހުން ގައުމީ ޓީމު މުބާރާތަށް ފުރާނީ އެނބުރި މާލެ އައުމަށްފަހު އެވެ.

ނިއުޒީލޭންޑްގެ ކުރީގެ ކޯޗު ރިކީ ހާބަޓްގެ އިރުޝާދުގެ ދަށުން ސުކުޒީ ކަޕަށް ނުކުންނަ ރާއްޖެ ހިމެނެނީ ބޫޓާނާއި ޗެމްޕިއަން އަފްގާނިސްތާނާއި ބަނގަލަދޭޝްއާއެކު ގްރޫޕްބީގަ އެވެ.

މި މުބާރާތުން އިއްޔެ ޕާކިސްތާން ވަނީ ވަކިވެފަ އެވެ. މިހެންވެ މުބާރާތް ކުޅޭނީ ހަތް ގައުމަކާއެކުގަ އެވެ. ގްރޫޕް އޭގައި ހިމެނެނީ އިންޑިޔާ އާއި ނޭޕާލް އަދި ސްރީލަންކާ އެވެ.