ދުނިޔެ

އަފްޣާނިސްތާނުގައި ހުންނަ އެމެރިކާގެ އެމްބަސީ ހުސްކުރަން 3،000 ސިފައިން

އަފްޣާނިސްތާންގައި ހުންނަ އެމެރިކާ އެމްބަސީ ހުސްކޮށް މުވައްޒަފުން އެ ގައުމުން ފޭބުމަށް ސްޓޭޓް ޑިޕާޓްމަންޓުން އޮތީ ގޮވާލާފަ އެވެ.

ތާލިބާނުން މުޅި އަފްޣާނަށް ފެތުރިގަނެ އެމެރިކާ މީހުންނަށް ކޮށްފާނެ އަނިޔާއަކުން ރައްކާތެރިވުމަށް ވެސް ސްޓޭޓް ޑިޕާޓްމަންޓުން ކުރިން އޮތީ ނަސޭހަތްތެރިވެފަ އެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުރާސްފަތި ދުވަހު ބުނި ގޮތުން އެމްބަސީ ހުސްކުރާ ވަގުތު ޖެހިއްޖެ އެވެ. މުވައްޒަފުންނާއި އަފްޣާންގައި ތިބި އެމެރިކާ މީހުން އެ ގައުމުން ފައިބާ ދަނޑިވަޅާ ދިމާކޮށް ތާލިބާނުން ހަމަލާއެއް ދީފާނެ އެވެ. އެހެންވެ އާންމުން ރައްކާތެރިކުރުމަށް ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރަން ޖެހެ އެވެ.

ސްޓޭޓް ޑިޕާޓްމަންޓުން ބުނީ އަފްޣާންގައި މިހާރު ތިބި އެމެރިކާ ރައްޔިތުން – އެމްބަސީ މުވައްޒަފުން ހިމެނޭ ގޮތުން، ރައްކާތެރިކަމާއެކު އެގައުމުން ބޭލުމަށް އެހީތެރިވުމަށް 3،000 ސިފައިން ފޮނުވާނެ ކަމަށެވެ.

ޕެންޓަގަންގެ ތަރުޖަމާން އެޑްމިރަލް ޖޯން ކާބީ ވިދާޅުވި ގޮތުން އަފްޣާންގައި މިހާރު ވެސް 650 ސިފައިން އެބަ ތިއްބެވެ. އަލަށް ފޮނުވަން ހަމަޖެއްސި އަދަދު ތެރޭގައި މިހާރު ތިބި ސިފައިން ނުހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ތަރުޖަމާން ވިދާޅުވީ ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި 3،000 ސިފައިން އަފްޣާނަށް ފޮނުވާނެ ކަމަށެވެ. ސިފައިން ފޮނުވަން ހަމަޖައްސާފައި ވަނީ ހާމިދު ކަރުޒާއީ އިންޓަނޭޝަނަލް އެއާޕޯޓަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަފްޣާނުން އެމެރިކާ ސިފައި ބާލަމުން ގެންދާ ދަނޑިވަޅެއްގައި އެހާ ގިނަ ސިފައިން އަލުން ފޮނުވާ ސަބަބާ ބެހޭ ގޮތުން ސުވާލުކުރުމުން ތަރުޖަމާން ވިދާޅުވީ ފަހަރެއްގައި ކަމެއް ދިމާވެދާނެތީ ކަމަށެވެ. މާނައަކީ ތާލިބާނުން ދީފާނެ ހަމަލާއަކާ ހެދި އިތުރު މަސައްކަތަކެއް ކުރަން ޖެހުމެވެ.

ހާމިދު ކަރުޒާއީ އިންޓަނޭޝަނަލް އެއާޕޯޓް އެމެރިކާ ސިފައިންގެ އަސްކަރީ މަރުކަޒަކަށް – ދުވަސްކޮޅަކަށް ނަމަވެސް ބަދަލުކުރާނަންތޯ ސުވާލުކުރުމުން ވިދާޅުވީ އެ ކަހަލަ ޕްލޭނެއް ނެތް ކަމަށާއި އިދާރީ ލިޔެކިއުންތައް ބަލަހައްޓާ ވަގުތީ އޮފީހެއް ހަދަން ޖެހިދާނެ ކަމަށެވެ.

ތަރުޖަމާން އެޑްމިރަލް ޖޯން ކާބީ ވިދާޅުވީ ބައިޑަން ކަނޑައަޅުއްވާފައި އޮތް ޕްލޭނާ އެއްގޮތަށް އަފްޣާނުން އެމެރިކާ ސިފައިން ބާލާނެ ކަމަށާއި ޕްލޭނަށް އިތުރު ބަދަލެއް ނާންނާނެ ކަމަށެވެ.