ދުނިޔެ

ސިއްރު ލިޔުންތައް ލީކުކުރި މީހާ ޝަރީއަތް ފެށެންދެން ބަންދުކުރަން އަމުރުކޮށްފި

އެމެރިކާގެ ސިއްރު ލިޔުންތަކެއް ޕެންޓަގަންގެ ސާވާތަކުން ވަގަށް ނަގައި ލީކުކުރި ކަމަށް ޕްރޮސެކިއުޓަރުން ތުހުމަތުކުރާ ޖެކް ޑަގްލަސް ޓެކްޝާރާ ޝަރީއަތް ފެށެންދެން ބަންދުކޮށްފައި ބެހެއްޓުމަށް އެ ގައުމުގެ ފެޑެރަލް ފަނޑިޔާރަކު ހުކުރު ދުވަހު އަމުރުކޮށްފި އެވެ.

ފަނޑިޔާރު ޑޭވިޑް ހެނެސީ ވިދާޅުވި ގޮތުގައި ޓެކްޝާރާ ވަނީ މުޅި އެމެރިކާ ނުރައްކަލަށް ހުށަހަޅާފަ އެވެ. އޭނާގެ ސަބަބުން އެމެރިކާގެ މިނިވަންކަން ގެއްލި ބިރުގެންފައިވާ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ. އެހެންކަމުން ޕްރޮސެކިއުޓަރުން އެދިވަޑައިގަންނަވާ ގޮތަށް ޖެކް ޑަގްލަސް ޓެކްޝަރާ ބަންދުގައި ބެހެއްޓުމަށް ހުކުމްކުރައްވާ ކަމަށް ހެނެސީ ވިދާޅުވި އެވެ.

ޖެކް ޓެކްޝާރާ، 21 އަކީ އެމެރިކާގެ ރައްޔިތެކެވެ. އޭނާ އަކީ އެމެރިކާގެ އެއާ ނެޝަނަލް ގާޑުގެ މުވައްޒަފެކެވެ.

އެފްބީއައިގެ އެޖެންޓުން ޓެކްޝާރާ ހައްޔަރުކުރީ ކުށުގެ މާހައުލަކުން ނޫނެވެ. އަދި އެކަމަށް ބަރުދޭ އެއްވެސް ހެއްކެއް އޭނާ ހައްޔަރުކުރި ވެށިން ފެނިފައެއް ވެސް ނުވެ އެވެ. އޭނާ ހައްޔަރުކުރުމުގައި އެއްވެސް ވަރަކަށް ބާރުގެ ބޭނުންކޮށްފައެއް ނުވެ އެވެ.

ޕެންޓަގަނުން ލީކުވި ސިއްރު ލިޔުންތައް އެންމެ ފުރަތަމަ ފާޅުވީ ގޭމިން ސައިޓްތަކެއްގައި، ފެބްރުއަރީގަ އެވެ. އެހެންނަމަވެސް، ސަލާމަތީ ބާރުތަކުގެ ލޮލުގައި އަޅައިނުގަނެ ލިޔުންތައް ފެތުރިގެން ދިޔައީ އެވެ.

މި ލިޔުންތައް އެންމެ ފުރަތަމަ އަޕްލޯޑްކޮށްފައިވަނީ ޑިސްކޯޑް ގޭމިން ޗެނަލް ތަކަކަށެވެ. ޓެކްޝާރާ ހައްޔަރުކުރުމަށް ޕެންޓަގަނުން އެންމެ ބޮޑަށް ބެލީވެސް މި ޗެނަލްތަކުގެ ހަރަކާތްތަށެވެ.

މި ގޮތުގައި ހޯދި ހޯދުންތަކުން ޑިސްކޯޑް ޗެނަލްތަކާއި ޓެކްޝާރާއާ ގުޅުން އޮތްކަން ވަނީ ފާޅުވެފަ އެވެ. އޭނާއާ ދިމާއަށް މައްސަލަ އެނބުރުނީ މިހިސާބުންނެވެ.

ޕެންޓަގަނުން ލީކުވި ސިއްރު ލިޔުންތަކުގައި ހިމެނެނީ އެމެރިކާއިން ޔުކްރޭން ހަނގުރާމަ ރާވައި ރަޝިއާ ބަލިކުރަން ކުރާ މަސައްކަތްތަކެވެ. އަދި މެދުއިރުމައްޗާއި ޗައިނާ ހިމެނޭ ގޮތުން އެމެރިކާގެ ސިޔާސަތު އޮތް ގޮތެވެ.

އެމެރިކާއާ ވަރަށް ގާތް ގައުމުތަކުން ޖާސޫސްކުރަން ރާވާފައި ހުރި ގޮތްތައް ވެސް ލިޔުންތަކުގައި ހިމެނެ އެވެ. އެހެންނަމަވެސް، ލިޔުންތަކުގެ ސައްހަކަމާ މެދު އެމެރިކާއިން އަދި އެކައްޗެއްވެސް ނުބުނެ އެވެ.

ޕެންޓަގަންގެ ތަރުޖަމާންގެ ނައިބު ސަބްރީނާ ސިންގް ނޫސްވެރިންނަށް ކުރިން ވިދާޅުވި ގޮތުގައި ލީކުވެފައި ވަނީ ކިތައް ލިޔުން ކަމެއް ޕެންޓަގަނަކަށް ނޭނގެ އެވެ. އެ އަދަދާ މެދު ސުވާލު އުފެދެނީ ކޮންމެ ދުވަހަކު ވެސް އާ ލިޔުންތަކެއް ފެންނާތީ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމުން އަދި ނުފެންނަ ކިތަންމެ ލިޔުމެއް ހުރުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.