ދުނިޔެ

ޕެންޓަގަނުން ލީކުވީ ކިތައް ލިޔުން ކަމެއްވެސް ނޭނގޭ: ޕެންޓަގަން

އެމެރިކާގެ އަސްކަރީ ސިއްރު ލިޔުންތަކެއް ލީކުވި މައްސަލަ އޮތީ ވަރަށް ބޮޑުވެފަ އެވެ. މި މައްސަލާގައި މިހާތަނަލަށް ލިބިފައި އޮތް ހަމައެކަނި ކުރިއެރުމަކީ ލިޔުންތައް ލީކުކުރި ކަމަށް ތުހުމަތުކުރެވޭ މީހަކު ހައްޔަރުކުރުމެވެ. އެހެންނަމަވެސް، ޕެންޓަގަނުން ބުނާ ގޮތުން ލީކުވެފައިވަނީ ކިތައް ލިޔުންކަން އަންދާޒާކުރަން ވެސް އަދި ނޭނގެ އެވެ.

ޕެންޓަގަންގެ ތަރުޖަމާންގެ ނައިބު ސަބްރީނާ ސިންގް ނޫސްވެރިންނަށް ވިދާޅުވި ގޮތުގައި ލީކުވި އަދަދާ މެދު ސުވާލު އުފެދެނީ ކޮންމެ ދުވަހަކު ވެސް އާ ލިޔުންތަކެއް ފެންނާތީ އެވެ. އެހެންކަމުން އަދި ނުފެންނަ ކިތަންމެ ލިޔުމެއް ހުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އެފްބީއައިއަށް ލިބިފައި ހުރި ހެކިތަކަށް ބަލާއިރު ސިއްރު ލިޔުންތައް ލީކުވެފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެ އެވެ. އޮފިޝަލުން ބުނާ ގޮތުން މީހުންގެ ސަމާލުކަމެއް ނެތި އިންޓަނެޓްގައި ލިޔުންތައް ހުންނަތާ ދޮޅުމަހެއް ވެދާނެ އެވެ.

ސިއްރު ލިޔުންތައް އެންމެ ފުރަތަމަ ފެނިފައި ވަނީ ޑިސްކޯޑް ސާވާތަކުންނެވެ. މިއީ ވޮއިސް މެސެޖަށާއި ޓެކްސްޓް މެސެޖަށް ޚާއްސަ ޕްލެޓްފޯމެވެ. އަދި ވަކި ޗެނަލްތައް ހަދައި -- ފައިލްތައް ޝެއާކުރުމާއި ޕްރައިވެޓް ޗެޓްތަކަށް ލޯބިކުރާ މީހުންނަށް މިއީ ކޮންމެހެން ލިބެން ޖެހޭ ޚިދުމަތެކެވެ.

ޕެންޓަަގަނުން ލީކުވެފައި ހުރި ލިޔުންތަކުގެ ތެރޭގައި އެމެރިކާ އާއި ނޭޓޯގެ ބާރުތައް ޔުކްރޭންގައި ހަރަކާތްތެރިވާ ގޮތާއި އަދި ޔުކްރޭނަށް ލިބިފައި ހުރި ގެއްލުންތައް -- އާންމު ޚަބަރަށް އަރާފައި ހުންނަ ވަރަށް ވުރެ ބޮޑު ކަމަށް ބުނާ ލިޔުންތައް ވެސް ހިމެނެ އެވެ.

ރަޝިއާއާ ހަނގުރާމަކުރެވޭ ފެންވަރު ޔުކްރޭންގައި ނެތް ކަމާއި، ރަޝިއާގެ ފުރިހަމަ ގާބިލުކަން ދައްކާލައިފި ނަމަ ޔުކްރޭން ފުނޑިގެން ދާނެކަން ވެސް ލިޔުންތަކުން އެނގެ އެވެ. އަދި މިއީ ހުޅަނގުން ވަރަށް ޖެހިލުންވާ ކަމެއްގެ ގޮތުގައި އޮތީ ފާހަގަކޮށްފަ އެވެ.

އެމެރިކާގެ އެކުވެރި ގައުމުތަކުން ޖާސޫސްކުރުމަށް އެމެރިކާ ރާވާފައި އޮތް ގޮތްތައް ވެސް ވަނީ މި ލިޔުންތަކާ އެކު ލީކުވެ ބޭޒާރުވެފަ އެވެ. އެހެން ނަމަވެސް، ލިޔުންތަކުގެ ހަގީތަތާ ބެހޭ ގޮތުން ވާހަކަދައްކަން އެމެރިކާ ބޭނުމެއް ނުވެ އެވެ.