ދުނިޔެ

އެމެރިކާގެ ދިފާއީ ވަޒީރަށް ހޮސްޕިޓަލުގައި ފަރުވާދެނީ

އެމެރިކާގެ ދިފާއީ ވަޒީރު ލޮއިޑް އޮސްޓިން ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދެމުން އަންނަ ކަމަށް އެ ގައުމުގެ ދިފާއީ ވުޒާރާ -- ޕެންޓަގަނުން ބުނެފި އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އާ އަހަރު ފެށުނު އިރުވެސް ލޮއިޑް އޮސްޓިން އޮންނެވީ ހޮސްޕިޓަލުގަ އެވެ. މީޑިއާތަކަށް މި ޚަބަރު މީގެކުރިން އެނގިފައި ނުވަނީ ވަޒީރާ ބެހޭ ގޮތުން ޕެންޓަގަނުން ވަކި އެއްޗެއް ހާމަނުކުރާތީ ކަމަށް ވެއެވެ.

އޮސްޓިން 70، ހޮސްޕިޓަލުގައި އެޑްމިޓްކުރި ކަމަށް ވަނީ -- މީޑިއާއަށް ހާމަކުރަން ބޭނުންނުވާ ސިއްހީ ހާލަތަކަށް ދެއްވި ފަރުވާއެއް ކާމިޔާބު ނުވުމުގެ ސަބަބުންނެވެ. އެއީ އެ ފަރުވާގެ ގޮތުން ދިމާވާ ހާލަތަކަށްވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

އޮސްޓިންއަށް ފަރުވާ ދެނީ އަސްކަރީ މެޑިކަލް ހޮސްޕިޓަލެއްގަ އެވެ.

ޕެންޓަގަންގެ ތަރުޖަމާން ޕެޓް ރައިޑާ ވިދާޅުވި ގޮތުގައި އޮންސްޓިން އޮންނެވީ ހެޔޮ ހާލުގަ އެވެ. އޭނާގެ ހާލަތު އަންނަނީ ރަނގަޅުވަމުންނެވެ. ހުރިހާ ކަމެއް ރަނގަޅަށް ދާ ނަމަ ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި އޭނާ ދޫކޮށްލާނެ ކަމަށް ތަރުޖަމާން ވިދާޅުވި އެވެ.

ތަރުޖަމާން ވިދާޅުވި ގޮތުގައި އޮސްޓިންއަށް ދެއްވާ ފަރުވާއާ ބެހޭ ގޮތުން އާންމުންނަށް އެނގެން ޖެހޭ އެއްޗެއް ނޯންނާނެ އެވެ. މިހެންކަމުން ވަޒީރަށް ދެއްވި ފަރުވާއާ އަދި މިހާރު ކުރިއަށްދާ މަރުހަލާތައް ޕެންޓަގަނުން ހާމައެއް ނުކުރާނެ އެވެ.

ލޮއިޑް އޮސްޓިން އަކީ ކުރިން އެމެރިކާ ސިފައިންގެ ޖެނެރަލެކެވެ. އެއަށް ފަހު 2016 ގައި އޭނާ އަސްކަރިއްޔާއަށް ހަތިޔާރު އުފައްދައިދޭ ކުންފުންޏެއް ކަމަށްވާ ރޭތަން ޓެކްނޮލޮޖީސްގެ ބޯޑު މެމްބަރުކަން ކުރެއްވި އެވެ. ޖޯ ބައިޑަންގެ ސަރުކާރާ ގުޅިވަޑައިގަތީ 2021 ގައި އެމެރިކާގެ ރައީސްގެ މަގާމަަށް ބައިޑަން ވަޑައިގަތުމުންނެވެ.

ޕެންޓަގަންގެ ތަރުޖަމާން ވިދާޅުވި ގޮތުގައި އޮސްޓިންއަށް ކަމެއް ދިމާވެއްޖެ ނަމަ -- ހާލަތު ގޯސްވާ ގޮތް ވެއްޖެ ނަމަ، ވަޒީރުގެ ނައިބު، ކެތުލީން ކިކްސް ހުންނެވީ ޒިންމާތައް ނެންގެވުމަށް ތައްޔާރަށެވެ.

އޮސްޓިން އަކީ އެމެރިކާގެ ކަޅު ނަސްލުން ޕެންޓަގަނަށް ހޮވިވަޑައިގެންނެވި ފުރަތަމަ ވަޒީރެވެ. އެމެރިކާގައި ނަސްލީ ތަފާތުކުރުން ނޯންނަ ކަމަށް ބުނި ނަމަވެސް ސަރުކާރު މަގާމުތައް ދިނުމުގައި ވެސް ތަފާތުކުރުމާއި ފާޑުކިޔުން އޮވެ އެވެ.

އެމެރިކާގެ ރައީސްގެ މަގާމަށް ބާރަކް އޮބާމާ ވަޑައިގަތުމުން ވެސް އެމެރިކާގެ ދޮން ނަސްލުގެ މީހުން ފަކުރުގަންނަ ކަމަކަށްވި އެވެ.

އޮސްޓިން ހެޔޮ ހާލުގައި ހުންނެވި އިރުވެސް، ވަޒީރުގެ ނައިބަށް ހުރިހާ މައުލޫމާތެއް ދެއްވާ ކަމަށް ތަރުޖަމާން ވިދާޅުވި އެވެ. އެހެންކަމުން، ވަޒީރުގެ ނަން ތަފާތުވުމަކުން ގައުމަށް ކުރައްވާ ޚިދުމަތަކަށް ބަދަލެއް ނާންނާނެ އެވެ.