އެމެރިކާ

ސިއްރު ލިޔުންތައް ލީކުކުރި މައްސަލާގައި މީހަކު ހައްޔަރުކޮށްފި

އެމެރިކާގެ ދިފާއީ އިދާރާ ޕެންޓަގަން އިން ސިއްރު ލިޔުންތަކެއް އާންމުކުރި މައްސަލާގައި މީހަކު ހައްޔަރު ކުރެވިއްޖެ ކަމަށް އެ ގައުމުގެ އެޓާނީ ޖެނަރަލް މެރިކް ގާލަންޑް ވިދާޅުވެއްޖެ އެވެ.

މި މައްސަލާގެ ތުހުމަތަށް ހައްޔަރުކޮށްފައިވަނީ އެމެރިކާގެ ރައްޔިތެއް ކަމަށްވާ ޖެކް ޑަގްލަސް ޓެކްޝާރާ، 21 އެވެ. އޭނާ އަކީ އެމެރިކާގެ އެއާ ނޭޝަނަލް ގާޑުގެ މުވައްޒަފެކެވެ.

އެފްބީއައިގެ އެޖެންޓުން ޓެކްޝާރާ ހައްޔަރުކުރީ ކުށުގެ މާހައުލަކުން ނޫނެވެ. އަދި އެކަމަށް ބަރުދޭ އެއްވެސް ހެއްކެއް އޭނާ ހައްޔަރުކުރި ވެށިން ފެނިފައެއް ވެސް ނުވެ އެވެ.

ޓެކްޝާރާ ހައްޔުކުރަން ހިންގި އޮޕަރޭޝަނާ ބެހޭ ގޮތުން ޕެންޓަގަނުން އަދި ކަށަވަރު މައުލޫމާތެއް އާންމެއް ނުކުރެ އެވެ.

މި މައްސަލާގައި ދެން އޮތް މަރުހަލާގައި ޓެކްޝާރާ ކޯޓަށް ހާޒިރުކުރާނެ އެވެ. އަދި ރަސްމީކޮށް ދައުވާ އުފުލާނެ އެވެ. މި މައްސަލާއާ ބެހޭ އިތުރު މައުލޫމާތާއި ތަހުގީގު ކުރިއަށްދާ ގޮތް އާންމުންކުރުން އޮންނާނީ އެއަށްފަހު އެވެ.

ޕެންޓަގަނުން ލީކުވި ސިއްރު ލިޔުންތައް އެންމެ ފުރަތަމަ ފާޅުވީ ގޭމިން ސައިޓްތަކެއްގައި، ފެބްރުއަރީގަ އެވެ. އެހެންނަމަވެސް، ސަލާމަތީ ބާރުތަކުގެ ލޮލުގައި އަޅައިނުގަނެ ލިޔުންތައް ފެތުރިގެން ދިޔައީ އެވެ.

އަސްކަރީ ސިއްރު ލިޔުންތަކުގެ މައްސަލަ ހިނގައިގަތީ މިމަހު އެވެ. އެއިރު އޮތީ ލީކުވާނެ ވަރަކަށް ލީކުވެ އެމެރިކާގެ ދިފާއީ ސިއްރު ރޭވުންތައް ބޭޒާރުވެފަ އެވެ.

މި ލިޔުންތައް އެންމެ ފުރަތަމަ އަޕްލޯޑްކޮށްފައިވަނީ ޑިސްކޯޑް ގޭމިން ޗެނަލްތަކަކަށެވެ. ޓެކްޝާރާ ހައްޔަރުކުރުމަށް ޕެންޓަގަނުން އެންމެ ބޮޑަށް ބެލީވެސް މި ޗެނަލްތަކުގެ ހަރަކާތްތަށެވެ. މި ގޮތުން ލިޔުންތައް ޚަބަރު ވެބަސައިޓަކުން ލީކުކުރުމުގެ ބަދަލުގައި ގޭމިން ސައިޓްތަކެއް މެދުވެރިކޮށް ލީކުކުރި ސަބަބާ ހެދި އޮފިޝަލުން ތިބީ ހައިރާންވެފަ އެވެ.

މި ގޮތުގައި ހޯދި ހޯދުންތަކުން ޑިސްކޯޑް ޗެނަލްތަކާއި ޓެކްޝާރާއާ ގުޅުން އޮތްކަން ވަނީ ފާޅުވެފަ އެވެ. އޭނާއާ ދިމާއަށް މައްސަލަ އެނބުރުނީ މިހިސާބުންނެވެ.

ޕެންޓަގަނުން ލީކުވި ސިއްރު ލިޔުންތަކުގައި ހިމެނެނީ އެމެރިކާއިން ޔުކްރޭން ހަނގުރާމަ ރާވައި ރަޝިއާ ބަލިކުރަން ކުރާ މަސައްކަތްތަކެވެ. އަދި މެދުއިރުމައްޗާއި ޗައިނާ ހިމެނޭ ގޮތުން އެމެރިކާގެ ސިޔާސަތު އޮތް ގޮތެވެ.

އެމެރިކާއާ ވަރަށް ގާތް ގައުމުތަކުން ޖާސޫސްކުރަން ރާވާފައި ހުރި ގޮތްތައް ވެސް ލިޔުންތަކުގައި ހިމެނެ އެވެ. އެހެން ނަމަވެސް، ލިޔުންތަކުގެ ސައްހަކަމާ މެދު އެމެރިކާއިން އަދި އެކައްޗެއް ވެސް ނުބުނެ އެވެ.