އެއްވެސް މީހެއްގެ ބަނޑުގައި ފަސް ކިޑްނީ އިން ވާހަކަ އަޑުއެހިން ހެއްޔެވެ؟ އިންޑިއާގެ 41 އަހަރުގެ މި ފިރިހެން މީހާގެ ހަށިގަނޑުގެ ތެރޭގައި މިހާރު ފަސް ކިޑްނީ އެބައިނެވެ. ވަރަށް ބޮޑަށް ލޭ މައްޗަށް ދިއުމުގެ މައްސަލައާއި ކިޑްނީގެ ބައްޔެއް ހުރި މި މީހާ ވަނީ ދާދިފަހުން ޗެންނާއީގެ މެޑްރާސް މެޑިކަލް މިޝަންގައި ކިޑްނީ ޓްރާންސްޕްލާންޓެއް ހަދާފަ އެވެ.
މި ޓްރާންސްޕްލާންޓަށްފަހު އެ މީހާ ހޮސްޕިޓަލުން ނުކުމެގެން ދިޔައިރު އޭނާގެ ބަނޑުގައި ޖުމްލަ ފަސް ކިޑްނީ އެބަ އިނެވެ. އެއީ އޭނާގެ ހަލާކުވެފައިވާ ދެ ކިޑްނީއާ ލައިގެންނެވެ.
މެޑްރާސް މެޑިކަލް މިޝަންގެ ތަޖުރިބާކާރު ޑޮކްޓަރުން ބުނެފައިވާ ގޮތުގައި އޭނާގެ ހަށިގަނޑުގެ ތެރޭގައި މިފަހަރު ޓްރާންސްޕްލާންޓް ކުރި ކިޑްނީ ބޭންދުން ވީ ވަރަށް އުނދަގޫ މަސައްކަތަކަށެވެ. ސަބަބަކީ މިފަހަރުގެ ސާޖަރީ ހެދިއިރުވެސް އޭނާގެ ބަނޑު ތެރޭގައި ހަތަރު ކިޑްނީ އިނީމަ ފަސްވަނަ ކިޑްނީއެއް ބައިންދަން އިން ޖާގަ ކުޑަކަމުންނެވެ.
ނަމަވެސް ޑޮކްޓަރުން ވަނީ ފަސްވަނަ ކިޑްނީ ވެސް އެމީހާގެ ހަށިގަނޑުގައި ޓްރާންސްޕްލާންޓް ކޮށްދީފަ އެވެ. އަދި މިހާރު އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް ޑޮކްޓަރުން ބުނެފައި ވެއެވެ.
މީގެ ކުރިން ދެ ފަހަރަކު އެމީހާ ވަނީ ކިޑްނީ ޓްރާންސްޕްލާންޓް ކޮށްފަ އެވެ. އޭނާގެ ބަނޑުގައި ހަތަރު ކިޑްނީ އިނީ އޭނާގެ އަސްލު ދެ ކިޑްނީ އާއި ޓްރާންސްޕްލާންޓް ކުރި ދެ ކިޑްނީ ލައިގެންނެވެ. ކުރިން ދެ ފަހަރު ވެސް އެމީހާ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމުން ކިޑްނީ ވަނީ ފޭލް ވެފަ އެވެ. އެއީ އެމީހާ އަކީ އާދަޔާޚިލާފަށް ލޭ މައްޗަށްދާ ބަލި ހުންނަ މީހަކަށް ވާތީ އެވެ.
ތިންވަނަ ފަހަރަށް ކިޑްނީ ޓްރާންސްޕްލާންޓް ކުރަން ޖެހުމުން އެމީހާ ދިޔައީ ވެސްކިއުލާ އެންޑް ޓްރާންސްޕްލާންޓް ސާޖަން އެސް. ސަރަވަނަންގެ ކައިރިއަށެވެ. ތިންވަނަ ޓްރާންސްޕްލާންޓް ހަދައިދިނީ ޑރ. ސަރަވަނަން އެވެ.
ކިޑްނީގެ މައްސަލަތަކުގެ އިތުރުން މި މީހާއަކީ ހިތުގެ މައްސަލަތައް ވެސް ބޮޑު މީހެކެވެ. އެހެންވެ މިއަހަރުގެ މާޗް މަހު އޭނާ ހިތުގެ ވަރަށް ބޮޑު އޮޕަރޭޝަނެއް ވެސް ވަނީ ކޮށްފަ އެވެ.
ޑރ. ސަރަވަނަން ވިދާޅުވި ގޮތުގައި އެމީހާގެ ހަށިގަނޑުގައި އިން މައްސަލަ ޖެހިފައިވާ ހަތަރު ކިޑްނީ ނުނެގީ ލޭ މަނާނުކުރެވިދާނެ ކަމުގެ ނުރައްކާ އޮތީމަ އެވެ. އެހެންވެ ފަސްވަނަ ކިޑްނީ އަކަށް ވެސް ބަނޑުން ޖާގަ ހެދީ ކަމަށް ޑޮކްޓަރު ބުންޏެވެ.
މިހާރު ޑޮކްޓަރުން ވަނީ ފަސް ވަނަ ކިޑްނީ ޓްރާންސްޕްލާންޓް ކޮށްދީފަ އެވެ. މި ކިޑްނީ ބައިންދާފައި އިނީ ގޮހޮރު ކައިރީގައި އެބްޑޯމިނަލް ކެވިޓީގަ އެވެ.
މުޅި ދުނިޔެއަށް ބަލާއިރު ވެސް މި ކަހަލަ ސާޖަރީތައް ވަރަށް މަދުން ނޫނީ ނުކުރެ އެވެ. ނަމަވެސް ބަލިމީހާގެ ފުރާނަ ސަލާމަތް ކުރެވެން އޮތް ހަމައެކަނި ގޮތަކީ އެގޮތް ކަމަށްވާތީ އެ ޓްރާންސަޕްލާންޓް ހެދީކަމަށް ޑޮކްޓަރު ބުންޏެވެ.
މި ސާޖަރީ ކުރާލެއް މަދުކަމުން އެއްވެސް މެޑިކަލް ފޮތެއްގައި ވެސް މި ސާޖަރީގެ ވާހަކަ ނެތް ކަމަށް ޑޮކްޓަރު ބުންޏެވެ. އަދި މިކަމާ ގުޅޭ ކަރުދާހެއް އިންޑިއާ އިން ތައްޔާރުކޮށް ޝާއިއުކުރާނެ ކަމަށް އުއްމީދު ކުރާ ކަމަށް ޑޮކްޓަރު ބުންޏެވެ.