ލިވަޕޫލް

ވެން ޑައިކްގެ ކޮންޓްރެކްޓް އާކޮށްފި

ލިވަޕޫލްގެ ޑިފެންޑަރު ވާޖިލް ވެން ޑައިކްގެ ކޮންޓްރެކްޓް އާކޮށްފި އެވެ.

މީގެ ކުރިން ވެންޑައިކްއާ އެކު ލިވަޕޫލުން ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2023 ވަނަ އަހަރަށެވެ. މިއަދު ކޮންޓްރެކްޓް އާކުރި އިރު ވެންޑައިކް ވަނީ 2025 ވަނަ އަހަރާއި ހަމައަށް ކޮންޓްރެކްޓްގެ މުއްދަތު ދިގުދައްމާލާފަ އެވެ.

އުމުރުން 30 އަހަރުގެ ވެން ޑައިކް އެއްބަސްވުން އާކޮށްފައި މިވަނީ ޕްރިމިއާ ލީގު ފެށެން އެންމެ ދުވަހަކަށް ވެފައި ވަނިކޮށެވެ. ޕްރިމިއާ ލީގުގައި ލިވަޕޫލްގެ ފުރަތަމަ މެޗު އޮންނާނީ ހޮނިހިރު ދުވަހުގެ ރޭ ރާއްޖެ ގަޑިން 9:30 ގައެވެ. މި މެޗުގައި ލިވަޕޫލް ބައްދަލު ކުރާނީ ނޯވިޗް ސިިޓީއާ އެވެ.

ލިވަޕޫލް އާއި އެކު ކޮންޓްރެކްޓް އާކުރުމުން އޭނާއަށް ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ލިބިއްޖެކަން ފާހަގަކުރަމުން ވެން ޑައިކް ބުނީ އޭނާގެ އާއިލާ އާއި އޭޖެންސީ އެކަމަށްޓަކައި ފަހުރުވެރިވާ ކަމަށެވެ. އަދި މުސްތަގުބަލުގައި ލިވަޕޫލް އާއި އެކު އިތުރު ކާމިޔާބީ ތަކެއް ހޯދަން މަސައްކަތް ކުރާނެ ކަމަށް ވެސް ވެން ޑައިކް ބުންޏެވެ.

"ލިވަޕޫލް އާއި އެކު ކޮންޓްރެކްޓް އާކުރުމުން އަހަންނަށް ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ލިބިއްޖެ. އަހަރެންގެ އަނބިމިހާ އާއި ދަރިންގެ އިތުރުން އޭޖެންސީ ވެސް މިކަމަށްޓަކައި ފަހުރުވެރިވޭ. އަދި މުސްތަގުބަލުގައި ލިވަޕޫލް އާއި އެކު އިތުރު ކާމިޔާބީ ތަކެއް ހޯދަން މަސައްކަތް ކުރާނަން." ވެން ޑައިކް ބުނެފައިވެ އެވެ.

ވެން ޑައިކް ލިވަޕޫލް އާއި ގުޅުނީ 2018 ވަނަ އަހަރުގެ ޖެނުއަރީ މަހު އެވެ. އޭގެ ފަހުން ވެން ޑައިކް 130 މެޗު ލިވަޕޫލަށް ކުޅެދިން އިރު އޭނާ ވަނީ ޓީމާއި އެކު ޔުއެފާ ޗެމްޕިއަންސް ލީގު، ޕްރިމިއާ ލީގު، ޔުއެފާ ސުޕާ ކަޕްގެ އިތުރުން ފީފާ ކްލަބް ވޯލްޑްކަޕް ވެސް ކާމިޔާބު ކޮށްފަ އެވެ.