ދުނިޔެ

ޗައިނާއަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވެ 21 މަރު

ދުނިޔޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެ ކުރަމުންދާ ވިއްސާރާގައި މިދާކަށް ދުވަހު ޔޫރަޕަށް ޚާއްސަކޮށް ޖަރުމަނަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.

މިއީ މެދުތެރޭ އޭޝިއާއަށް ވެސް މޫސުން ގޯސް ދުވަސްވަރެކެވެ. ޒިންހުއާ އޮންލައިން ނޫހުން ބުނާ ގޮތުން މެދުތެރޭ ޗައިނާއާށް މޫސުން ގޯސްވެ ވަަރަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން 21 މީހަކު ވަނީ މަރުވެފަ އެވެ.

ޗައިނާގެ ނޫސްތަކުން ބުނާ ގޮތުން ހުބޭ ޕްރޮވިންސާ އިންވެގެން އޮންނަ ކުދި އަވަށްތަކުގައި 3.5 މީޓަރަށް ފެން ހެދިފައިވެ އެވެ. އާދަޔާ ޚިލާފަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެން ބޮޑުވުމާ ގުޅިގެން ފެންނަނީ ކާރުތަކާއި އެހެންވެސް އެއްގަމު އުޅަނދުތައް އޮޔާދާ މަންޒަރެވެ.

މިއީ ޗައިނާއަށް މޫސުން އެހާ ރަނގަޅު އަހަރެއް ނޫނެވެ. މިއަހަރު ޖެނުއަރީގައި ހެނާން ޕްރޮވިންސަށް ކުރި ވިއްސާރާގައި ބިންގަނޑު ކަނޑައިގެން ގޮސް 302 މީހަކު މަރުވެފައިވެ އެވެ. ޖެހިގެން އައި ދުވަސްތަކުގައި ދެފަހަރެއްގެ މަތިން އަވަށްތަކަށް ވެލިތޫފާން އެރުމުގެ ސަބަބުން މީހުންނަށާއި ގެދޮރަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.

މޫސުމަށް އަންނަ ނުރަނގަޅު ބަދަލުގެ ސަބަބުން އިންސާނުންނާއި ވަސީލަތްތައް ހިމާޔަތްކުރުމަށް ދުނިޔެ ގޮވާލަމުން ގެންދާއިރު ޗައިނާއަކީ ވެސް މި ކޯލިޝަންގެ މެމްބަރެވެ. ޗައިނާއިން ބުނެފައި އޮތީ މޫސުމީ ގެއްލުންތަކުން ދުނިޔެ ރައްކާތެރިކުރުމަށް އދ. އިން ރާވައި ހިންގާ ހުރިހާ ޕްރޮގްރާމަކަށް އެއްބާރުލުން ދޭނެ ކަމަށެވެ. އެއީ މާލީ އެހިތެރިކަން ކަމަށްވި ނަމަވެސް ޗައިނާއިން އޮތީ މައްސަލެއް ނެތް ކަމަށް ބުނެފަ އެވެ.

މިއަހަރު ނޮވެމްބަރުގައި އޮންނަ ގްލާސްގޯ ކްލައިމެޓް ސަމިޓްގައި މުސުމާ ބެހޭ ގޮތުން އދ. އިން ގަވާއިދުތަކެއް ކަނޑައަޅާނެ އެވެ. އެއީ ސިނާއީ މަސައްކަތްތަކުގެ ސަބަބުން މޫސުމަށް ލިބޭ ގެއްލުން ކުޑަކުރުމަށް ގައުމުތަކުގެ އެއްބާރުލުން ހޯދުމަށެވެ.

އދ.ގެ އެދުމަކީ މެމްބަރު ގައުމުތަކުން ޚާއްސަކޮށް ޖީ20 – މުއްސަނދި ގައުމުތަކުން އެއްބާރުލައި މޫސޫމާ ރައްޓެހި މަސައްކަތު މާހައުލެއް ގާއިމުކުރުމެވެ.