އިގުތިސާދީ ގޮތުން ޗައިނާއާ ގުޅުން ކަނޑާލުމަކީ އަސްލެއް އޮތް ކަމެއް ނޫން ކަމަށް މާސިޑީޒް ބެންޒްގެ ޗީފް އެގްޒެކެޓިވް އޮފިސަރު، އޮލާ ކަޔާލިނިއަސް ވިދާޅުވެއްޖެ އެވެ.
ޔޫރަޕުން ޗައިނާއަށް ބަރޯސާވާ މިންވަރު ކުޑަކުރަން މަސައްކަތްކުރަނީ ކޮން ނިޔަތެއްގައިތޯ އޭނާ ސުވާލު އުފެއްދެވި އެވެ. އެކަމުން ޔޫރަޕަށް ވާނެ ފައިދާއެއް ވިސްނިވަޑައި ނުގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ދުނިޔެއަށް ފެތުރިގަތް ކޮވިޑް ދަސްކޮށްދިން ފިލާވަޅަކީ ވަކި ބަޔަކަށް ބަރޯސާކުރުން ނުރައްކާ ކަމަށް އޭނާ ވިދާޅުވި އެވެ. އަނެއްކޮޅުން ޔުކްރޭން ހަނގުރާމައާ ގުޅިގެން ބޮޑެތި ގައުމުތަކާ ގުޅުން ކަނޑާލާއިރު -- އެ ގައުމުތަކުން ކުރިން ލިބުނު ފަސޭހަތައް ހޯދޭނެ ކޮޅެއް ލޮލުކޮޅަށް ފެންނަން ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރަޝިއާ-ޔުކްރޭން ހަނގުރާމައާ ގުޅިގެން ދުނިޔެ ވަރަށް ނާޒުކު ފައްތަރެއްގައި އޮތްއިރު ސަޕްލައި ޗެއިންއަށް ބުރޫއަރާފާނެ އެއްވެސް ސިޔާސަތެއް ރަނގަޅު ނުވާނެ ކަމަށް މާސިޑީޒް ބެންޒްގެ ސީއީއޯ ވިދާޅުވި އެވެ.
އޮލާ ކަޔާލިނިއަސް ވިދާޅުވި ގޮތުގައި ޗައިނާ އަކީ ދުނިޔޭގައި ދެވަނައަށް އެންމެ ބޮޑު އިގުތިސާދެވެ. އެ ވަރުގެ ގަދަ ބާރަކާ ތޮޅެންވެއްޖެ ނަމަ ޖަރުމަނަށް ލިބޭނީ ބޮޑު ލަނޑެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ދުނިޔޭގެ އިގްތިސާދުގައި ޔޫރަޕާއި އެމެރިކާ އަދި ޗައިނާ އޮތީ ގުޅި ލާމެހިފައި ކަމަށާއި ކުޅިބައި ރޫޅާލަން ހަދައިގެން އިގުތިސާދީ ނިޒާމު ފާލުން ނެއްޓޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޖަރުމަނުގެ ސިނާއަތްތައް ޗައިނާއަށް ބަރޯސާކުރަން ޖެހޭ ކަމަށްވެސް ސީއީއޯ ވިދާޅުވި އެވެ. އެއީ ކާރު އުފައްދާ ކުންފުންޏެއް ނަމަވެސް އަދި ސިނާއީ އެހެން މަސައްކަތްތަކެއް ކުރާ ކުންފުންޏެއް ނަމަވެސް، ޗައިނާއާ ނުލައި ޓީމު ހަމަނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ކަޔާލިލިނިއަސް ވިދާޅުވި ގޮތުގައި އެ ކުންފުންޏަށް ވަންނަ އާމްދަނީގެ 18 ޕަސެންޓް އަންނަނީ ޗައިނާއިން އެވެ. އަދި އުފައްދާ ކާރުގެ 37 ޕަސެންޓް ވިއްކަނީ ޗައިނާ އަށެވެ.
ޗައިނާގައި އެ ކުންފުންޏަށް އޮތް ފުރުސަތު އިތުރުވަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އާމްދަނީ އޮތީ ވެސް އިތުރުވާ ގޮތަށް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.