ލައިފްސްޓައިލް

އުމުރުގެ ތަފާތު ބޮޑަސް މި ދެމީހުންގެ ލޯބި ވަރުގަދަ

ދެ މީހަކަށް މާގަދަޔަށް ލޯބި ވެވިއްޖެނަމަ އެއީ ކޮން އުމުރެއްގެ ކޮން ނަސްލެއްގެ މީހެއްތޯ އާއި މި ނޫންވެސް ކަންކަން ބަލާކަށް ކޮންމެހެން ބޭނުމެއް ނުވާނެ އެވެ. އެކި ގޮތްގޮތުން ބޮޑެތި ތަފާތު ހުރި މީހުންގެ ލޯބީގެ ވާހަކަތައް ވަރަށް ގިނައިން އިވެމުންދެ އެވެ.

މިއީ ވެސް އެފަދަ ވާހަކަ އެކެވެ. އެމެރިކާގެ 24 އަހަރުގެ ފިރިހެނެއް ކަމަށްވާ ކުރަން މެކްކެއިން އާއި އޭނާގެ 61 އަހަރުވީ ލޯބިވެރިޔާ ޝެރީލް މެކްގްރެގާގެ ވާހަކަ އެވެ.

މި ދެ މީހުންގެ އުމުރުގައި 37 އަހަރު ދުވަހުގެ ތަފާތެއް ހުއްޓަސް އެއީ އެމީހުންގެ ލޯތްބަށް އެއްވެސް އުނިކަމެއް އަންނަ ކަމެއް ނޫން ކަމަށް ޝެރީލް އާއި ކުރަން ބުންޏެވެ.

އިނގިރޭސި ވިލާތުގެ ނޫހަކުން ބުނި ގޮތުގައި މިދެ މީހުންގެ ލޯބީގެ ވާހަކަ އަކީ ވަރަށް ތަފާތު އަދި އެހާމެ ޝައުގުވެރި ވާހަކަ އެކެވެ.

ޝެރީލް އަކީ 17 ކުދިންގެ މާމަ އެކެވެ. ޝެރީލް އާއި ކުރަން ފުރަތަމަ ބައްދަލުވީއިރު ކުރަން އަށް 15 އަހަރެވެ. ޝެރީލްގެ އެންމެ ހަގު ދަރިފުޅަށް ވުރެ ވެސް ކުރަން ހަގެވެ.

ފުރަތަމަ ބައްދަލުވީއިރު ކުރަން އަކީ ކުޑަ ކުއްޖަކަށް ވާތީ އެ ދުވަސްވަރު އެ ދެ މީހުންގެ މެދުގައި ލޯބީގެ ގުޅުމެއް ނުފެށެ އެވެ. ލޯބީގެ ގުޅުން އުފެދުނީ ކުރަން އަށް 18 އަހަރު ފުރި ބޮޑު މީހަކަށް ވީ ފަހުންނެވެ.

މި ދެ މީހުން ވެސް ވަރަށް ޝައުގުވެރިވާ ކަމެއް އޮވެ އެވެ. ކުރު ވީޑިއޯ ތައްޔާރުކޮށް ޓިކްޓޮކްގައި ޝެއާ ކުރުމެވެ. އެހެންވެ އެ ދެ މީހުން އެކުގައި ވަރަށް ގިނައިން މި ވީޑިއޯތައް ޝޫޓުކުރުމަށް ވަގުތު ހޭދަކުރެ އެވެ. ނަމަވެސް ފުރަތަމަކޮޅު އޮތީ އެކުވެރިކަމެވެ. މި އެކުވެރިކަން ލޯތްބަށް ބަދަލުވީ އެއް ފަހަރަކު ޝެރީލް ޝެއާކުރި ވީޑިއޯއެއްގައި އޭނާ ނަށާފައިވާ ގޮތަށް ބަޔަކު އޭނާއަށް ޓްރޯލް ކުރީމެވެ.

ޝެރީލް އަށް ކުރިމަތިވީ މަލާމާތަށް އެ ވީޑިއޯގެ ކޯ-ޕްރޮޑިއުސަރުގެ ހައިސިއްޔަތުން ކުރަން ވަރަށް ދެރަވި އެވެ. އަދި ޝެރީލްގެ ދިފާއުގައި އެ ފަހަރުވެސް ކުރަން ތެދުވި އެވެ.

ކުރަން އަށް އޭނާ ޝެރީލް ދެކެ ލޯބިވާކަން އިހްސާސްވީ މަޑުމަޑުންނެވެ. އަދި ކުޑަކުޑަކޮށް އެކަމުގެ އިޝާރާތްތައް ޝެރީލް އަށް ދޭން ފެށި އެވެ. ފަހުން ޝެރީލް އާއި ކުރަން ލޯބިވެ މިހާރު ވަނީ އެންގޭޖްވެސް ވެފަ އެވެ. ދެ މީހުން ކައިވެނީގެ ފޮނި ހުވަފެންތައް ދެކެމުންދާއިރު ޝެރީލް ބުނީ ސޯޝަލް މީޑިއާގައި މީހުން މަލާމާތްކުރާތީ ބައެއް ފަހަރު ދެރަވެގެން ރޮވޭ ކަމަށެވެ. އެފަދަ ކޮންމެ ފަހަރަކު ޝެރީލްގެ ދިފާއުގައި ތެދުވަނީ އޭނާގެ ލޯބިވެރިޔާ ކުރަން އެވެ.

"މީހުން ބުނެލާ ބައެއް އެއްޗެތިން ޝެރީލް އަށް ވަރަށް އަސަރު ކުރޭ. އެކަމަކު މިހާރު އޭނާއާއެކު އަހަރެން މިހިރީނު. އޭނާއަށްޓަކައި ކޮންމެ މީހަކާ ހަނގުރާމަ ކުރަން ވެސް އަހަރެން ތައްޔާރު. އޭނާ އަކީ މަގޭ ރާނީ،" ކުރަން ބުންޏެވެ.

މި ދެ ލޯބިވެރިން އެންގޭޖްވީ މިދިޔަ ޖުލައި 31 ވަނަ ދުވަހު އެވެ. ޓިކްޓޮކްގައި މިކަމާ ދެކޮޅަށް މި މީހުންނަށް ފާޑުފާޑުގެ ނަފްރަތުގެ ބަސްތައް ރައްދުކުރާ މީހުން ކިޔާ އެއްޗެތި އަޑުއަހަން މި ދެ މީހުން ބޭނުމެއް ނޫނެވެ. އެހެންވެ މިހާރު ހަމައެކަނި ފޭނުންނަށް ޚާއްސަ އެކައުންޓެއް އެމީހުން ވަނީ ހަދާފަ އެވެ.