ލައިފްސްޓައިލް

އަލަށް ދަރިން ލިބޭ ޖަޕާނު މީހުން އާއިލާއަށް ފޮނުވާ ލޯބި ހަދިޔާ

ކޮވިޑް-19ގެ އާލަމީ ވަބާއާ ހެދި މުޅި ދުނިޔެ ވެސް ހުއްޓުމަކަށް އައިސްފައި އޮންނަތާ ދޮޅު އަހަރެއްހާ ދުވަސް ވެއްޖެ އެވެ. އެކި ކަހަލަ މުނާސަބަތުތައް ފާހަގަކުރުމާއި ފެސްޓިވަލްތައް ބޭއްވުން މި ފާއިތުވީ ދޮޅު އަހަރު ތެރޭގައި މުޅިންހެން އޮތީ ހުއްޓުމަކަށް އައިސްފަ އެވެ.

މިފަދަ ހާލަތުގައި ވެސް ބައެއް މީހުން އެމީހުންނަށް ލިބޭ އުފާ އެހެން މީހުންނާ ހިއްސާ ކޮށްލާނެ އާ ގޮތްތައް ހޯދަ އެވެ. އެގޮތުން ޖަޕާނުގައި އަލަށް މައިންބަފައިންނަށްވާ ޒުވާން ޖޯޑުތައް ވަނީ އެމީހުންނަށް ދަރިއަކު ލިބުމުން އެ ލިބުނު އުފާ ގާތް ތިމާގެ މީހުންނާ ހިއްސާ ކުރަން މުޅިން އާ އަދި 'ލޯބި' ގޮތެއް ހޯދާފަ އެވެ.

އަލަށް ދަރިއަކު ލިބުމުން އެންމެ ފުރަތަމަ ކަމަކަށް ކޮންމެ އާއިލާއެއްގެ ވެސް އޮންނާނީ އެ ކުއްޖާގެ ރައްކާތެރިކަން ޔަގީން ކުރުމެވެ. އެހެންވެ އެ ކުއްޖާ ދެކެލަން އާއިލާގެ މީހުންނާއި ގާތް އެކުވެރިން ވެސް ގެއަށް އައުމަކީ ކިތަންމެ ކުރަން ބޭނުންވާ ކަމަކަށް ވިޔަސް ގިނަ މީހުންނަށް އަދި ގަބޫލު ވެވޭ ކަމެއް ނޫނެވެ. އެހެންވެ އެ ކުއްޖާ އާ ބައްދަލުވުމުގެ ފުރުސަތު ގިނަ ބަޔަކަށް އޮންނަނީ ނުލިބި އެވެ. އެހެންވެ މިކަމުގެ ބަދަލެއްގެ ގޮތުން އާއިލާ އާއި އެކުވެރިންނަށް ރަނގަޅު ކަމެއް ކޮށްދިނުމަކީ ޖަޕާނުގައި އަލަށް ދަރިން ލިބޭ ދެމަފިރިންގެ މެދުގައި މިހާރު ވަރަށް މަގުބޫލުވެގެން އުޅޭ ކަމެކެވެ.

އެމީހުން މިފަދަ އެކުވެރިންނާއި އާއިލާގެ މީހުންނަށް ފޮނުވަނީ ހަނޑޫ ގޯނި ތަކެކެވެ. އެ އެއްޗެތި ތައްޔާރުކޮށްފައި ހުންނަ ގޮތުން އެ ގޯނި އަތަށް ނެގުމުން ތުއްތު ކުއްޖެއް އުރާލެވޭ ކަހަލަ އިހްސާސެއް ކުރެވޭ ގޮތަށް ތައްޔާރުކޮށްފައި ހުންނަ ގޯނި ތަކެކެވެ. މި ގޯނީގެ ބޭރުގައި ކުއްޖާގެ ފޮޓޮއެއް ޕްރިންޓްކޮށްފައި ހުރުމުން ގޯނި އުރާލާއިރު ކުއްޖާ އުރާ ލެވޭ ކަހަލަ އިހްސާސް ވެ އެވެ.

މިއީ ގިނަ ބަޔަކަށް ވަރަށް ކަމުދާ ކަމަކަށްވެ ޖަޕާނުގައި މިހާރު މިކަން ވަނީ ވަރަށް ބޮޑަށް ވައިގައި ހިފާފަ އެވެ.

މި ހަނޑޫގޯނި ޕެކޭޖް އެމީހަކަށް ރީތި ގޮތަކަށް ރީތި ކުލައަކަށް ރީތި ޕެޓާން އަކަށް ޑިޒައިންކޮށްފައި ހުރެ އެވެ. އަދި އެއާއެކު އެ ފޮނުވާ މީހަކަށް އެންމެ މަގްބޫލުހެން ހީވާ ކުދިކުދި ބައެއް ކަހަލަ ހަދިޔާ ވެސް ފޮނުވަ އެވެ.

މިފަދަ ހަނޑޫ ގޯނި ތައްޔާރުކުރުމަށް ޚާއްސަ ފިހާރައެއްގެ ވެރިޔާ ނަރޫއޯ އޯނޯ ބުނި ގޮތުގައި އޭނާ އެންމެ ފުރަތަމަ މިކަން ކުރީ މީގެ 14 ވަރަކަށް އަހަރު ކުރިން އޭނާގެ ފުރަތަމަ ދަރިފުޅު އުފަންވީމަ އެވެ.

އެފަހަރު އޭނާ މިގޮތަށް ހަނޑޫ ގޯނި ތައްޔާރުކުރީ އޭނާގެ އާއިލާގެ ބައެއް މީހުންނަކީ ވަރަށް ދުރު ހިސާބުތަކުގައި އުޅޭ މީހުންނަށް ވާތީ އެމީހުންނަށް އެހާ ފަސޭހައިން އާދެވޭނެ ގޮތެއް ނެތީމަ އެވެ.

އެފަހަރު އޭނާ ތައްޔާރުކުރީ އޭނާގެ ދަރިފުޅުގެ ސައިޒަށް އަދި ދަރިފުޅުގެ ސިފަ ޖައްސާފައި ހުރި ހަނޑޫ ގޯންޏެވެ. ގޯނީގެ ބޭރުގައި ދަރިފުޅުގެ ފޮޓޮއެއް ޕްރިންޓް ކޮށްގެންނެވެ.

އޭނާގެ މި މަސައްކަތް ވަރަށް ގިނަ ބަޔަކަށް ކަމުދިޔަ އެވެ. އަދި މިކަހަލަ ހަނޑޫ ގޯނީގެ އޯޑަރުތައް ވަރަށް ގިނައިން ލިބެން ފެށި އެވެ. ޚާއްސަކޮށް ކޮވިޑް-19 ޕެންޑެމިކް އާ ގުޅިގެން އޭނާގެ މި ވިޔަފާރި ވަރަށް ބޮޑަށް ކުރިއަރާފައިވާ ކަމަށް ނަރޫއޯ ބުންޏެވެ.