ލައިފްސްޓައިލް

ކުދިން ރުއިން ހުއްޓުވާނެ މޮޅު ގޮތެއް ހޯދައިފި

ތުއްތުއިރު މައިންބަފައިންގެ މުހިއްމުކަން ކުދިންނަށް ވަރަށް ވިސްނެ އެވެ. އެހެންވެ މައިންބަފައިން ނުފެނި އިރުކޮޅެއް ވިޔަސް ބައެއް ކުދިން އެމީހުން ހޯދަން ވަރަށް ރޯނެ އެވެ. މި މައްސަލަ ހައްލުކުރަން ޖަޕާން ދެމަފިރިއަކު ވަނީ ވަރަށް މޮޅު ގޮތެއް ހޯދާފަ އެވެ.

މި ދެމަފިރިންގެ އެއް އަހަރުގެ ދަރިފުޅު އެމީހުން ބޭރަށް ދާއިރު އަބަދު ރޯތީ އެ މީހުން ތައްޔާރުކުރީ ވަރަށް ޔުނީކް ޑިވައިސް އެކެވެ. މި މީހުން ހެދިގޮތަކީ ކުއްޖާގެ މަންމަގެ އިސްކޮޅުވަރުގެ ބޮޑު ފޮޓޮއެއްގެ ކަޓްއައުޓެއް ކުއްޖާގެ ކޮޓަރީގައި ހަރުކުރީ އެވެ.

މި ކުއްޖާގެ ބައްޕަ ކުރި ޓުވީޓްތަކެއްގައި އޭގެ ދެ ކަޓްއައުޓެއްގެ ފޮޓޯތައް ޝެއާކޮށްފައި ވެއެވެ. މިތަނުން އެއް ކަޓްއައުޓްގައި ކުއްޖާގެ މަންމަ އިންނަނީ އިށީނދެގެންނެވެ. އަނެއް ކަޓް އައުޓްގައި މަންމަ ހުންނަނީ ކޮޅަށެވެ.

އެހެން ޓުވީޓެއްގައި ކުއްޖާގެ ބައްޕަ ވަނީ މި ކަޓްއައުޓްތައް ބެހެއްޓުމުން ކުއްޖާ އަމަލުކުރި ގޮތުގެ ވީޑީއޯއެއް ވެސް ޝެއާ ކޮށްފަ އެވެ. ވީޑިއޯ އިން ފެންނަނީ ކުއްޖާގެ މަންމަ ކަޓްއައުޓްތައް ބަހައްޓާފައި ކޮޓަރިން ނުކުމެގެން ދާތަނެވެ. މަންމަ ދިއުމަށް ފަހު ވެސް ކުއްޖާ ރީއްޗަށް ކުޅެން ހުރެ އެވެ. އަދި އިރުއިރުކޮޅުން އިސް އުފުލާލާފައި މަންމަގެ ފޮޓޮޔާ ދިމާޔަށް ބަލާލަ އެވެ. އެއް މިނިޓެއް ދެމިގެން ދިޔަ މި ކްލިޕްގައި ފެންނަ ގޮތުން އެވަގުތުކޮޅު ކުއްޖާ އެއްގޮތަކަށް ވެސް ނުރޮޔެވެ.

މި ވީޑިއޯ އިންޓަނެޓްގައި ވައިރަލްވެ ދެ މިލިއަނަށް ވުރެ ގިނަ މީހުން ވީޑިއޯ ބަލާފައި ވެއެވެ. އަދި 44،000 އަށް ވުރެ ގިނަ ލައިކްސް މި ވީޑިއޯއަށް މިހާތަނަށް ލިބިފައި ވެއެވެ.

މި ޕްލޭން ރަނގަޅަށް މަސައްކަތް ކުރުމަށްޓަކައި މި ކުއްޖާގެ މައިންބަފައިން ކަޓްއައުޓްސް ތައް ބަހައްޓާފައި ހުރީ ކުއްޖާގެ އަތް ޖެހޭ ހިސާބުގަ އެވެ.