ލައިފްސްޓައިލް

ޖަޕާން ސްކޫލްތަކުގެ ކުދިންނަށް ޕޯނީޓެއިލް މަނާ!

ޖަޕާންގެ ސްކޫލްތަކުގައި އެ ސްކޫލްތަކުގެ ކުދިން އަމަލުކުރަން ޖެހޭ ވަރަށް ތަފާތު އަދި އަޖައިބުވާ ކަހަލަ ގަވާއިދުތައް ހަދާފައި ހުރެ އެވެ. އަދި އެންމެ ފަހުން އެ ސްކޫލްތަކުން ހެދި ގަވާއިދު ކުރިން ހަދާފައިވާ މިފަދަ ހުރިހާ ގަވާއިދަކަށް ވުރެ އަދި މާ އަޖައިބުކަން ބޮޑެވެ. ބައެއް މީހުން ބުނަނީ މި ގަވާއިދުގެ ވާހަކަ އަޑުއިވިފައި ޝޮކެއް ލިބިފައިވާ ކަމަށެވެ.

އާ ގަވާއިދު ބުނާ ގޮތުން ޖަޕާނު ސްކޫލްތަކުގެ އަންހެންކުދިން ސްކޫލަށް ދާއިރު އިސްތަށިގަނޑު މައްޗަށް އައްސާފައި (ޕޯނީޓެއިލް) ބެހެއްޓުން މަނަލެވެ. ސަބަބެއް ކަމަށް ބުނެފައިވަނީ މިގޮތަށް އިސްތަށިގަނޑު އެއްސުމުން އެ ކުދިންގެ ކަނދުރާ ފެންނަން އޮންނާތީ އެވެ. އަދި ފިރިހެން ދަރިވަރުންނަށް މި ތަން ފެނުމުން ނޭދެވޭ އަސަރުތައް ކުރާނެކަމަށް މި ގަވާއިދުގައި ވެއެވެ.

ކުރިން ޖަޕާން ސްކޫލްތަކުގައި ހެދި މި ކަހަލަ ގަވާއިދެއްގައި ބުނެފައިވާ ގޮތުގައި އެ ސްކޫލްތަކަށްދާ ހުރިހާ ކުދިން ލާން ޖެހޭނީ ހުދު ޖަނގިޔަލެވެ.

މެދު މަދަރުސީ ތައުލީމަށް ކިޔަވައިދޭ ޖަޕާން ސްކޫލެއްގައި ކުރިން ޓީޗަރެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ މޮޓޯކީ ސުގިޔާމާ ބުނި ގޮތުގައި މިފަހަރު ހެދި ގަވާއިދާއި ކުރީގެ ގަވާއިދާ ވަރަށް ބޮޑު އެއްގޮތް ކަމެއް އެބަހުއްޓެވެ. ކުރީގެ ގަވާއިދު ވެސް ހެދީ ޔުނިފޯމް ލާފައި ހުންނައިރު ޖަނގިޔާ އެނގޭތީ އެވެ. މިފަހަރު ގަވާއިދު ހެދީ އިސްތަށިގަނޑު އެއްސުމުން ކަނދުރާ މަތި ހާޔަށް އޮންނާތީ އެވެ.

"އެޑިޔުކޭޝަން ދާއިރާއިން މި ގަވާއިދު ހެދީ ފިރިހެން ކުދިން އަންހެންކުދިންނަށް ބަލާނެ ކަމުގެ ކަންބޮޑުވުން އޮތީމަ. ޚުދް އަހަރެން ވެސް މި ގަވާއިދުތަކަކާ ހިތްހަމަނުޖެހޭ. އެ ގަވާއިދުތަކަށް ފާޑުކިޔައި އުޅެން. ނަމަވެސް ވަރަށް މަދު ބަޔަކު ބުނީ ގަވާއިދުތަކާ ދެކޮޅަށް ވާހަކައެއް ނުދައްކާ. އެންމެން ވެސް ގަވާއިދަށް ހުރުމަތްތެރިކޮށް ހިތާ. އެހެންވެ ހިތްހަމަނުޖެހޭ ދަރިވަރުންނަށް ވެސް ގަވާއިދާއެއްގޮތަކަށް ކަން ކުރުން ނޫން ގޮތެއް ނޯވޭ،" ކުރީގެ ޓީޗަރު ބުންޏެވެ.

މިދިޔަ އަހަރު ހުދު ޖަނގިޔާ ލާން ޖެހޭ ގޮތަށް ގަވާއިދު ހެދުމަށްފަހު އެ ގަވާއިދަށް ކުދިން އަމަލު ކުރޭތޯ ބަލަން ސުޕަވައިޒަރުން ކުދިންގެ ޖަގިޔާ ޗެކް ކުރާތީ ވަރަށް ބޮޑަށް މައްސަލަ ޖެހުނެވެ. މިކަން ކުރަނި ކުދިން އާދައިގެ ޔުނިފޯމް ބާލައި ސްޕޯޓްސް ޔުނިފޯމް އަޅާ ގަޑީގަ އެވެ. ނަމަވެސް މިކަމާ ގިނަ ބަޔަކު ވަރަށް ބޮޑަށް ފާޑުކިޔަން ފެށުމުން މިހާރު މިކަމެއް ނުކުރެ އެވެ. ނަމަވެސް އަދިވެސް އެ ގަވާއިދު އޮތް ގޮތަށް އެބަ އޮތެވެ.