ކަނޑުމަތީގެ ހާދިސާ

ލޯންޗު ހާދިސާގައި އަނިޔާވި އެކަކު ހާލުދެރަވެގެން މާލެ ގެންނަނީ

ހދ. ހަނިމާދޫ ނެރު ކައިރިން ދެ ލޯންޗެއް ޖެހި އިއްޔެ ހިނގި އެކްސިޑެންޓްގައި އަނިޔާވި ހަ މީހުންގެ ތެރެއިން ސީރިއަސް ހާލަތުގައި އޮތް މީހާ އިތުރު ފަރުވާއަށް މާލެ ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެއަތޮޅު ކުޅުދުއްފުށީ ހޮސްޕިޓަލުން ބުނެފި އެވެ.

"އަވަސް" އަށް މައުލޫމާތުދެއްވަމުން ކުޅުދުއްފުށީ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލެއް ކަމަށްވާ ހަސަން ހުސައިން ވިދާޅުވީ، ދެ ލޯންޗުގައި ޖުމްލަ ތިބީ ހަ ފިރިހެނުން ކަމަށާ، އެ ހަ ފިރިހެނުންނަށް ވެސް އެކި ވަރުގެ އަނިޔާ ލިބިފައިވާ ކަމަށެވެ. ނަމަވެސް އޭގެ ތެރެއިން ތިން މީހަކަށް ވަރަށް ބޮޑެތި އަނިޔާ ލިބިފައިވާތީ އެމީހުންނަށް މިހާތަނަށް ފަރުވާދީފައިވަނީ އައިސީޔޫގައި ކަމަށެވެ.

މާލެ ފޮނުވަން މަސައްކަތް ކުރަނީ އައިސީޔޫގައި ފަރުވާދިން ތިން މީހުންގެ ތެރެއިން މީހެކެވެ. އޭނާގެ ބޮލުން ބޮޑު ތަނެއް ފަޅައިގެން ގޮސްފައިވާއިރު ކަންފަތުން ވެސް ވަރަށް ބޮޑަށް ލޭ އައިސް އެތެރެރަހައްޓަށް ބޮޑެތި އަނިޔާވެފައިވާ ކަމަށް ޑޮކްޓަރުން ބުނި ކަމަށް ހަސަން ވިދާޅުވި އެވެ.

މިއިން އެއްވެސްގެ މައުލޫމާތެއް ނުދެ އެވެ.

"އައިސީޔޫގައި ފަރުވާ ދިނުމަށްފަހު ދެ މީހަކު މިހާރު ވޯޑަށް ބަދަލުކޮށްފަ ވަނީ، އެކަކު އަދިވެސް ވަރަށް ހާލު ދަށް. އެމީހާ އަދިވެސް އޮތީ އައިސީ ޔޫގަ. އެ މީހާ މާލެ ފޮނުވާލަން އަޅުގަނޑުމެން މަސައްކަތް މި ކުރަނީ، ޓިކެޓް ހަމަނުޖެއްސިގެން ލަސް ވަނީ، ފްލައިޓެއް ލިބުނުހާ އަވަހަކަށް ފުރުވާލާނެ މިކޮޅުން. އެހެން ހުރިހާ އެންމެންނަށް ލިބުނު އަނިޔާތަކަށް މިކޮޅުން ފަރުވާދޭ ގޮތަށް އަދި ހަމަޖެހިފައި އޮތީ،" ހަސަން ވިދާޅުވި އެވެ.

ހަނިމާދޫ ކައުންސިލްގެ ނައިބު ރައީސް އަބްދުއްސައްތާރު ހަސަން ވިދާޅުވީ، ރޭ އެކްސިޑެންޓް ވި ދެ ލޯންޗު އަދިވެސް ފުން ނުކުރާ ކަމަށެވެ. ދެ ލޯންޗު ފުންކުރުމުގެ މަސައްކަތް ކައުންސިލާ އާންމުން ގުޅިގެން މިއަދު ކުރަން ނިންމާފައިވާ ކަމަށެވެ.

"އެކްސިޑެންޓަށްފަހު އެމްއެންޑީއެފުން އެ ދެ ލޯންޗު ނެރުގެ އެއްކައިރިއަށް ޖެއްސި ގޮތަށް އަދިވެސް އެ އޮތީ. އޭގެ ފަހުން ފުލުހުންވެސް އެ މަސައްކަތެއް ނުކުރޭ. އަޅުގަނޑުމެން ދެ ލޯންޗުވެސް މިއަދު ފުންކުރާނަން. ލޯންޗުގެ ވެރި ފަރާތްތަކާ ވާހަކަ ދައްކައިގެން ފުން ކުރަން ބޭނުންވާ ސާމާނުވެސް މިހާރު ހޯދައިފި،" އޭނާ ވިދާޅުވި އެވެ.