ބޮލީވުޑްގެ ބައެއް ފިލްމުތަކުގައި މަންމަގެ ބައި ކުޅެފައިވާ އަދި ބައެއް ރިއަލިޓީ ޝޯތަކުން ޖަޖެއްގެ ގޮތުގައި ފެނިފައިވާ ކިރަން ކޭރް އަށް ކެންސަރު ޖެހި މިހާރު އޭނާ ދަނީ އެ ބައްޔާ ހަނގުރާމަ ކުރަމުންނެވެ.
ކިރަންގެ ދަރިފުޅު ސިކަންދަރު ކޭރް ދާދިފަހުން އިންސްޓަގްރާމް ލައިވް ސެޝަނެއް ބާއްވައި ފޭނުންނާއި އޭނާގެ މަންމައާ ވާހަކަ ދެއްކޭނެ ގޮތް ހަދައިދިނެވެ.
މި ސެޝަންގައި ވާހަކަ ދައްކަމުން ކިރަން ބުނީ އޭނާގެ ހިތާމަ އަކީ އޭނާގެ ރީތި ސާޅިތަކާއި ގަހަނާތައް ދޭނެ ޅީދަރިއަކު ނެތުން ކަމަށެވެ.
ސިކަންދަރު އަކީ ކިރަންގެ ހުރި ހަމައެކަނި ދަރިފުޅެވެ. ކިރަންގެ މި ޝަކުވާއަށް ސިކަންދަރު ޖެހީ މަޖާ ޖޯކެކެވެ. އޭނާ ބުނީ އެ ހުރިހާ އެއްޗެތި އޭނާ އަމިއްލައަށް އަޅާފާނެ ކަމަށެވެ.
ކިރަން އަށް ލޭގެ ކެންސަރު ޖެހިފައިވާކަން އެނގުނީ މިއަހަރުގެ ކުރީކޮޅު އެވެ. އޭގެ ފަހުން ބޭސްކޮށް މިހާރު ވަރަށް ބޮޑަށް ރަނގަޅު ކަމަށް ކިރަން ބުންޏެވެ. ނަމަވެސް އަބަދު ގޭގައި އިންނަން ޖެހުމުން ކިރަން ޝަކުވާ ކުރި އެވެ. އޭނާ ބުނި ގޮތުގައި އަބަދު ޓީވީ ބަލާ ބަލާ އޭނާ މިހާރު ފޫހިވެއްޖެ އެވެ.
ކިރަންގެ ޝަކުވާ ތަކަށް ޖޯކު ޖަހަމުން ސިކަންދަރު ބުނި ގޮތުގައި އޭނާގެ މަންމަގެ އަންހެން ދަރިއަކު ނެތުމަކީ ވަރަށް ހިތާމަހުރި ކަމެކެވެ. ބައެއް ފަހަރު މަންމައާ މެދު ވިސްނާފައި މަންމަގެ އަންހެން ދަރިއަކު ނެތީމަ ވަރަށް ދެރަވާ ކަމަށް ސިކަންދަރު މަލާމާތުގެ ރާގަކަށް ބުންޏެވެ. އެއީ ކިރަންގެ ހުރިހާ ރީތި ސާޅިތަކާއި ގަހަނާތައް ދޭނެ އަންހެން ދަރިއަކު ނެތީމާ ކަމަށް ކިރަންއާ މަޖާކޮށްލުމުގެ ގޮތުން ސިކަންދަރު ބުންޏެވެ.
ކިރަން ކައިވެނި ކޮށްގެން އުޅެނީ ކުޅަދާނަ އެކްޓަރު އަނޫޕަމް ކޭރް އާ އެވެ.