ކޮވިޑް-19 އިން ދިފާއުވުމުގެ ގޮތުން ރަޝިއާ އިން އުފައްދާފައިވާ ސްޕުޓްނިކް ވީ ވެކްސިން ރާއްޖެ ނުގެންނަން ނިންމައިފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް މިއަދު ވިދާޅުވީ ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިން ޖަހާ އާބާދީއަށް ވާވަރަށް މިހާރު ވެކްސިން ހަމަވެފައިވާ ކަމަށެވެ. އެހެންކަމުން ރަޝިއާ އިން ވެކްސިން ނުގެންނަން ނިންމާފައިވާ ކަމަށެވެ.
ރަޝިއާ އިން ވެކްސިންގެ 200،000 ޑޯޒް ގަންނަން އޯޑަރު ދިނުމަށް ކުރިން ވަނީ ނިންމާފަ އެވެ. އަދި އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންކަން ވެސް ފެށުމަށް ތައްޔާރުވި އެވެ. ނަމަވެސް މިހާރު ބޭނުންވާ ވަރަށް ވެކްސިން ހުރި ކަމަށް ސަރުކާރުން ބުނެ އެވެ.
ރާއްޖޭގައި ސްޕުޓްނިކް ވެކްސިން ބޭނުން ކުުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ކުރިން ދީފައިވެސްވެ އެވެ.
މިމަހުގެ ނުވަވަނަ ދުވަހު ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް، އެމެރިކާ ސަރުކާރުން ދިވެހިރާއްޖެއަށް 128،700 ޑޯޒްގެ ފައިޒާ ވެކްސިން ރާއްޖެއަށް ވަނީ ހަދިޔާކޮށްފަ އެވެ. ފައިޒާ ވެކްސިން އުމުރުން 12 އަހަރާއި 18 އަހަރާ ދެމެދުގެ ކުޑަކުދިންނަށް އަންނަ ހަފްތާ ފަށާނެ އެވެ.
އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީ އާއި އެސްޓްރާޒެނެކާ ކުންފުނިން އުފައްދާފައިވާ ވެކްސިންގެ 700،000 ޑޯޒް ވެސް މިހާރު ވަނީ ރާއްޖެ އަށް ލިބިފަ އެވެ. ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ މީހުންނަށް ދެވަނަ ޑޯޒްގެ ގޮތުގައި ދެނީ އެ ވެކްސިނެވެ.